ފުރަތަމަ ފަހަރަށް ލިވަޕޫލް މެޗެއްގައި ވިޒިޓް މޯލްޑިވްސްގެ ބްރޭންޑިން 10 ބަހަކުން ދައްކާލަނީ

މިއަދު އެންފީލްޑް ސްޓޭޑިއަމްގައި ލިވަޕޫލް އެފްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރާ މެޗުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ދިވެހިރާއްޖޭގެ ބްރޭންޑިން ދައްކާލުމަށް ތައްޔާރުވެއްޖެއެވެ. މި މެޗު އޮންނާނީ ރާއްޖޭގެ ގަޑިން މިރޭ 20:30ގަ އެވެ. ލިވަޕޫލް ފުޓްބޯޅަ ކުލަބާއެކު ގާއިމުކޮށްފައިވާ ޑެސްޓިނޭޝަން ޕާޓްނާޝިޕްގެ ދަށުން, ވިޒިޓް މޯލްޑިވްސްގެ ބްރޭންޑިން އެންފީލްޑްގެ އެލްއީޑީ ބޯޑުތަކާއި ޑިޖިޓަލް ސްކްރީންތަކުގައި 10 ބަހަކުން ދައްކާލުމަށް ނިންމާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސި, އަރަބި ޖަޕަނީސް، ޗައިނީސް، ފްރެންޗް، ޖާމަން, ރަޝިއަން, އިޓަލިއަން, ކޮރެއަން, އަދި ދިވެހި ބަހެވެ. މިއީ ގިނަ ބަޔަކު އެއްވަގުތެއްގައި ބަލާ މިފަދަ ކުޅިވަރު މައިދާނެއްގައި ދިވެހިރާއްޖޭގެ ބްރޭންޑިން މިގޮތަށް ދައްކާލެވޭ ފުރަތަމަ ފަހަރެވެ. ލިވަޕޫލާއި ރާއްޖެ ގުޅިގެން "ޕެނަލްޓީ ޓު ޕެރަޑައިސް"ގެ ނަމުގައި ޚާއްސަ ކެމްޕޭނެއް ވިޒިޓް މޯލްޑިވްސް އިން ބުނީ "ބެޓަލް އޮފް ދަ ރެޑްސް" ގެ ނަމުން މަޝްހޫރު މި މެޗު, ބްރޯޑްކާސްޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް 600 މިލިއަނަށްވުރެ ގިނަ މީހުން ބަލާނެ ކަމަށެވެ. މިކަމުގެ ސަބަބުން ވިޒިޓް މޯލްޑިވްސްގެ ބްރޭންޑިންއަށް ގިނަ ބައެއްގެ ސަމާލުކަން ލިބި, ރާއްޖެއަކި ލަގްޒަރީ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސް އިން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ލިބުމަށް މަގުފަހިވެގެންދާނެކަން އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެއެވެ. ލިވަޕޫލާއެކު ގާއިމުކޮށްފައިވާ ގުޅުމާއެކު ދުނިޔޭގެ އެތައް މީޑިއާތަކެއްގެ ސަމާލުކަން ރާއްޖެއަށް ހުއްޓި, ރާއްޖޭގެ ރީތިކަން މި މެޗުތައް ބަލާ އެތައް މިލިއަން ބަޔަކަށް ދައްކާލެވޭނެކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ. "މިއީ ހަމައެކަނި ފުޓުބޯޅަ މެޗެއް ނޫން، މިއީ ގިނަ ބައެއްގެ ތެރޭގައި ހިއްސާކުރެވޭ ތާރީހީ ވަގުތުކޮޅެއް, އެތައް ސަތޭކަ މިލިއަން މީހުންގެ ކުރިމަތީގައި ރާއްޖޭގެ ނަމާއި, ދިވެހި އަކުރު ދައްކާލެވި މިކަމަށް ގިނަ ބައެއްގެ ސަމާލުކަން ލިބުމަކީ އަޅުގަނޑުމެންގެ ބްރޭންޑް މުޅި ދުނިޔޭގައި ކުރިއަރާފައިވާ މިންވަރު ރަމްޒުކޮށްދޭ ކަމެއް،" ޝިއުރީ ވިދާޅުވިއެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ލިވަޕޫލް އެފްސީއާއެކު ގާއިމުކޮށްފައިވާ ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގައި ފަތުރުވެރިންނަށް ހުރި ތަފާތު ފުރުސަތުތަކާއި, ލަގްޒަރީ ރިސޯޓްތައް މުޅި ދުނިޔެއަށް ދައްކާލެވޭނެ ކަމަށް ބުނެފައިވެއެވެ. އަދި ރާއްޖެއިން ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކާއި, ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތައް ވެސް ގިނަ ބަޔަކަށް ދައްކާލެވޭނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ