ހަތް މިލިއަން ނުދެއްކުނީ މާލީ ހާލަތު ގޯސް ކަމުން ކަމަށް އާރުޑީސީން ކޯޓުގައި ބުނެފި ހަތް މިލިއަން ނުދެއްކުނީ މާލީ ހާލަތު ގޯސް ކަމުން ކަމަށް އާރުޑީސީން ކޯޓުގައި ބުނެފި

ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާ ދެކޮޅަށް އަމިއްލަ ކުންފުންޏަކުން ކޯޓަށް ހުށަހެޅި މައްސަލައެއްގައި ޖަވާބުދާރި ވަމުން، އެ ފައިސާ ނުދެއްކި ވަނީ ކުންފުނީގެ މާލީ ހާލަތު ގޯސް ކަމުން ކަމަށް އާރުޑީސީން ކޯޓުގައި ބުނެފި އެވެ.
އާރުޑީސީން މިހެން ބުނީ ކާޓިއުންސް ކުންފުނިން ފޯރުކޮށްދިން މުދަލާއި ހިދުމަތުގެ އަގަށްވާ 7.1 މިލިއަން ރުފިޔާގެ މައްސަލައެއްގައި އެއީ ދައްކަން ޖެހޭ ފައިސާ ކަމަށް އެއްބަސްވަމުންނެވެ.
މި މައްސަލައިގައި ކާޓިއުންސްއިން ވަނީ އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާގެ އިތުރުން އެ ފައިސާ ދައްކަމުން ނުދާތީ ނޮމިނަލް ޑެމޭޖަސް (ގެއްލުމުގެ ބަދަލު) ގެ ގޮތުގައި އެއް މިލިއަން ރުފިޔާ އާއި ވަކީލު ހަރަދުގެ ގޮތުގައި 30،000ރ. ނަގައިދޭން ވެސް އެދިފަ އެވެ.
ނަމަވެސް މި ދައުވާގެ އެއް ބަޔަށް އާރުޑީސީން އިއުތިރާފުވެފައިވާތީ، ސިވިލް ކޯޓުން އިއްވި ހުކުމުގައި ބަދަލާ މެދު ގޮތެއް ނިންމާފައި ނުވެ އެވެ. ހުކުމް ކުރީ، އާރުޑީސީން އެއްބަސްވި ބަޔަށް އެކަންޏެވެ.
ކޯޓުން މައްސަލައިގެ ލިޔުންތައް ރައްދު ކުރުމުން އާރުޑީސީން ވަނީ ކޯޓުގެ އިހުތިސާސްއާ މެދު ސުވާލު އުފައްދާފަ އެވެ. ފަހުން އާރުޑީސީން ވަނީ، އެއީ އިދާރީ ގޮތުން އެރި އޮޅުމެއް ކަމަށް ބުނެ، އެ ހުށަހެޅުން އަނބުރާ ނަގައި، ދައުވާގެ ބަޔަކަށް އެއްބަސްވެފަ އެވެ.
"...ދައުވާގައި ބަޔާންކޮށްފައިވާ 7،112،374/32ރ. (ހަތް މިލިއަން އެއް ލައްކަ ބާރަ ހާސް ތިން ސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ ތިރީސް ދެ ލާރި) އަކީ ދައުވާލިބޭ ފަރާތުގެ މާލީ ތަނަވަސްކަން ހުރިގޮތުން މިހާތަނަށް ދެއްކިފައި ނުވާ ފައިސާ ކަމަށެވެ." ދައުވާއިން އެއްބަސްވީ ބަޔާ މެދު އާރުޑީސީން ކޯޓުގައި ބުނެފައިވެ އެވެ.
ކޯޓުން ވަނީ އާރުޑީސީ އާއި ކާޓިއުންސްއިން މަޝްވަރާކޮށްގެން ހައްލެއް ހޯދުމުގެ ފުރުސަތު ވެސް ފަހިކޮށްދީފަ އެވެ. ނަމަވެސް، މަޝްވަރާކޮށްގެން ވެސް ހައްލެއް ނުލިބުނު ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
ކާޓިއުންސްއިން އެދުނީ ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ފައިސާ ދައްކަން އަމުރުކޮށްދިނުމަށެވެ. މި މުއްދަތު އިތުރުކޮށްދޭން އާރުޑީސީން ބޭނުންވި ނަމަވެސް، ކާޓިއުންސްއިން ވަނީ އެ ފުރުސަތު ދޭން ދެކޮޅު ހަދާފަ އެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނާއި މަތީ ކޯޓުތަކުގެ ހުކުމްތަކުގައި ކަނޑައަޅާފައިވާ އުސޫލުތައް އޮންނަ ގޮތުން ދަރަނިވެރިޔާ އިތުރު ވަގުތަށް އެދުނަސް، ކޯޓަށް އެ ފުރުސަތު ދެވެނީ އަރަނިވެރިޔާ އެއްބަސްވާ ހާލަތެއްގަ އެވެ.
މިހެންކަމުން ކޯޓުން ވެސް ކަނޑައެޅީ އާރުޑީސީން އެދުނު ގޮތަށް މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށެވެ. އަދި، މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް ވަނީ، މިއަދު (ޑިސެމްބަރު 15،) އިން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރަން އާރުޑީސީއަށް އަމަރުކުރައްވާފަ އެވެ.
މިއީ ފައިސާ ނެތް ކަަމަށް ބުނެ ދައްކަން ޖެހޭ ފައިސާތައް އަނބުރާ ދެއްކުމުގައި އާރުޑީސީން ލުޔަކަށް އެދުނު ފުރުތަމަ މައްސަލައެއް ނޫނެވެ. މީގެ ކުރިން ވެސް އެ ކުންފުންޏާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލަތަކުގައި އެ ކުންފުނިން ވަނީ ފައިސާގެ ދަތިކަން ހުރި ކަމަށް ބުނެ އަނބުރާ ދައްކަން ޖެހޭ ފައިސާ ދައްކާ މުއްދަތު އިތުރުކޮށްދޭން ހުށަހަޅާފަ އެވެ.
ހަމަ އެހެންމެ، އާރުޑީސީއާ ދެކޮޅަށް ހުށަހެޅި އެހެން މައްސަލައެއްގައި އެ ކުންފުނިން އަމިއްލަ ކުންފުންޏަކަށް ދައްކަން ޖެހޭ ފައިސާތައް ނުދައްކައިގެން ކޯޓުން ވަނީ އެ ކުންފުނީގެ ނަން މަތީގައި ހުރި ބޭންކު އެކައުންޓުތައް ހުސްކޮށްލައިގެން އެ ފައިސާ ރައްދުކޮށްފަ އެވެ.
ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ އާރުޑީސީން ދައްކަން ޖެހޭ ފައިސާތައް ނުދެއްކި، މާލީ ހާލަތު ގޯސް ކަމަށް ބުނަމުން އަންނައިރު، ސަރުކާރުގެ މި އަހަރުގެ ބަޖެޓުން ވެސް އެންމެ ގިނައިން ފައިސާ ދިން ކުންފުނިތަކުގެ ތެރޭގައި އާރުޑީސީ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ