ދިއްލީގެ ވައި ތަޣައްޔަރުވެ، ނޭވާލާ ނިޒާމާ ގުޅޭ ބަލިތަކުގެ ދެ ލައްކަ ކޭސް
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ވައި ތަޣައްޔަރުވުމުގެ މިންވަރު މަތިވުމާ ގުޅިގެން 2022 އާއި 2024 އާ ދެމެދު, ސަރުކާރު ހަ ހޮސްޕިޓަލެއްގައި ނޭވާލާ ނިޒާމުގެ ސީރިއަސް ބަލިތަކުގެ 200،000 އަށް ވުރެ ގިނަ ކޭސް ރެކޯޑުކޮށްފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ. ސަރުކާރުން މަޖިލީހުގައި ބުނީ އެ ތިން އަހަރު ތެރޭގައި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ 30،000 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނު ކަމަށެވެ. ދިއްލީގެ ބޮޑު ހަ ހޮސްޕިޓަލުން 2022 ވަނަ އަހަރު 67،054 އެކިއުޓް ރެސްޕިރޭޓަރީ ކޭސް، 2023 ވަނަ އަހަރު 69،293 އަދި 2024 ވަނަ އަހަރު 68،411 ކޭސް ރެކޯޑްކޮށްފައިވެއެވެ. ދިއްލީގެ ބައެއް ހޮސްޕިޓަލްތަކުގައި މިހާރު ވަނީ ވައި ތަޣައްޔަރުވުމާ ގުޅުން ހުރި ބަލިތަކަށް ފަރުވާ ދިނުމަށް ކްލިނިކްތައް ގާއިމުކޮށްފައި -- ފޮޓޯ/ ގެޓީ "ތަހުލީލުތަކުން ދައްކާ ގޮތުގައި ވައި ތަޣައްޔަރުވުމުގެ މިންވަރު އިތުރުވުމަކީ އެމަޖެންސީ ރޫމްތަކަށް ދާ ބަލިމީހުންގެ އަދަދު އިތުރުވުމާ ގުޅުން ހުރި ކަމެއް،" ސަރުކާރުން ބުންޏެވެ. ވައި ތަޣައްޔަރުވުމުގެ މައްސަލައަކީ ދިއްލީއާއި ވަށައިގެންވާ ސަރަހައްދުތަކުގައި ޚާއްސަކޮށް ފިނި މޫސުމުގައި ތަކުރާރުކޮށް ދިމާވާ މައްސަލައެކެވެ. ދިއްލީގެ އެއާ ކޮލިޓީ އިންޑެކްސް (އޭކިޔުއައި) ނުވަތަ ވައި ތަޣައްޔަރުވެފައިވާ މިންވަރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ލަފާދޭ މިންވަރަށްވުރެ 20 ގުނަ މަތިވެފައި ހުންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ވައި ތަޣައްޔަރުވާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ޖަވަށް ވިހަ ގޭސް ބޭރުވުން، އުޅަނދުފަހަރުން ދޫކުރާ ދުން، ފިނިހޫނުމިން ދަށްވުން، ވައިގެ ބާރުމިން ދަށްވުމާއި، ކައިރި ސަރަހައްދުތަކުގައި ދަނޑު ނުވަތަ ކުނި އެންދުން ފަދަ ސަބަބުންތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ