އެމްޑީޕީގެ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ޝިއުނާ އާއި މަންދީ ވެސް ފުލުހަށް ހާޒިރުވާން އަންގައިފި އެމްޑީޕީގެ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ޝިއުނާ އާއި މަންދީ ވެސް ފުލުހަށް ހާޒިރުވާން އަންގައިފި

ސަރުކާރުން ކުރަމުން ގެންދާ ނޭއްގާނީ ކަންކަމާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު އެމްޑީޕީން މިހާރު ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އެ ޕާޓީގެ އާންމު ދެ މެންބަރުން ކަމަށްވާ، މަރިޔަމް ޒުބައިރު (މަންދީ) އާއި ފާތިމަތު ޝިއުނާ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
އެ ދެ މީހުން ވެސް ފުލުހަށް ހާޒިރު ކުރަނީ މާޗު 10 ވަނަ ދުވަހުގެ ރޭ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާ ކުރުމުގެ އިތުރުން އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް އަމަލު ކުރުމާއި ފުލުހުންގެ ވާޖިބު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގަ އެވެ.
މަންދީއަށް ފުލުހުން ފޮނުވާފައިވާ ޗިޓުގައި އަންގާފައި ވަނީ މާދަމާގެ މެންދުރުފަހު 1:30 އަށް ފުލުހުސް އޮފީހަށް ހާޒިރުވުމަށެވެ. ޝިއުނާއަށް ފޮނުވާފައިވާ ޗިޓުގައި އަންގާފައި ވަނީ ހޯމަ ދުވަހުގެ މެންދުރުފަހު 1:30 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށެވެ.
މާލޭގައި އެމްޑީޕީން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން މަންދީ އާއި ޝިއުނާގެ އިތުރުން ވެސް ހަތަރު މީހަކު މިހައިތަނަށް ފުލުހުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވެ އެވެ.
އެގޮތުން މަކުނުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު، މުހައްމަދު ރާއީ އާއި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، މޫސާ އަލީ މަނިކުގެ އިތުރުން ޓެކްސީ ޑްރައިވަރު، މުހައްމަދު ޝާމިން އާއި އަހުމަދު އަލީމް (މާޒް ސަލީމް) މީގެ ކުރިން ވަނީ ފުލުހަށް ހާޒިރު ކޮށްފަ އެވެ.
ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ގިނަ ބަޔަކު ފުލުސް އޮފީހަށް ހާޒިރު ކުރާއިރު، އެ މުޒާހަރާތަކުގެ ތެރެއިން މީގެ ކުރިން ދެ މީހަކު ހައްޔަރު ވެސް ކުރި އެވެ. ނަމަވެސް އެ ދެމީހުން ވެސް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
މުޒާހަރާތަކާ ގުޅިގެން ފުލުހަށް މީހުން ހާޒިރު ކުރަނީ ބިރު ދެއްކުމަށް ކަމަށް އެމްޑީޕީން ވަނީ ސިފަ ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ