އެންމެ މޫސުން ގޯސްވާނީ މިއަދު، ހޮނިހިރާ ހަމައަށް ތުނިކޮށް ވާރޭވެހޭނެ: މެޓް

މިހާރު މުޅި ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި އެންމެ މޫސުން ގޯސްވާނީ މިއަދު ކަމަށާއި ހޮނިހިރު ދުވަހާ ހަމައަށް ހުރިހާ ހިސާބަކަށް ވެސް ތުނިކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން މިއަދު ލަފާކޮށްފިއެވެ. އެ އިދާރާއިން މިއަދު 'ސަން'އަށް ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު އެކި އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުރުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. .އެގޮތުން، މިއަދު ހުރިހާ ހިސާބަކަށް ވައި ޖެހެނީ 13 މޭލާއި 23 މޭލާ ދެމެދު ބާރު މިނުގައި ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް މެޓުން ބުނެފައިވެއެވެ. "މިއަދު އިނގޭތޯ އެންމެ ގަދަވާނެ ކަމަށް ލަފާކުރެވެނީ. މިއަދުގެ ފަހުން މާދަމާ މެންދުރު ފަހަށް ކުޑަކޮށް މަޑުވެސް ވާނެ," މެޓުން ބުންޏެވެ. އެ އިދާރާއިން ބުނީ، ހަފުތާ ބަންދުގައި ތުނިކޮށް ވާރޭވެހުނު ނަމަވެސް، މޫސުން ގޯސްވާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ. އަދި، ހަފުތާ ބަންދުގައި ވައި ޖެހޭ މިންވަރު ވެސް މަޑުވާނެ ކަމަށް އެ އިދާރާއިން ލަފާކުރިއެވެ. މާލޭގެ އިތުރަށް ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު އަންނަނީ ވިއްސާރަ ކުރަމުންނެވެ. ރ. އަތޮޅުން އދ. އަތޮޅަށް މޫސުން ގޯސްވާނެތީ މެޓުން ވަނީ 11:30ގެ ނިޔަލަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ