ކަލާ ފެނިލުމުން... 55
"މަންމާ… ދީބަަލަ އަހަރެން އަތަށް ފޯނު." ލިބެމުންދިޔަ ތަކުލީފުތަކާ އެކުވެސް ހިތް ހަމައަކަށް އަޅުވަމުން ރައްޔާ އޭނާގެ އަތް ދިއްކޮށްލިއެވެ. "ކީއްކުރަން؟" ނުރުހުމާއި ހިތްހަމަނުޖެހުމާއެކު ރައިޙާނާ ރައްޔާއަށް ބަލައިލީ އެކަމުގެ ދޭތެރެއަށް ނުވަންނާށޭ ބުނާ ފަދައަކުންނެވެ. އެހެންނަމަވެސް ރައްޔާގެ އާދޭސްތަކުން އެންމެފަހުން ރައިޙާނާއަށް ހަތިޔާރު ބަހައްޓަން މަޖުބޫރުވިއެވެ. އޭނާ ފޯނު ރައްޔާއަށް ދިއްކޮށްލަމުން ރައްޔާއާ ނަޒަރު ވަކިކޮށްލިއެވެ. "ހެލޯ. ރިސާމާ އާންޓީ… އެނގޭ މާކުރިންވެސް އަފްނާންގެ ފަރާތުން ޕޮސިޓިން ޖަވާބެއް ނުލިބޭނެކަން. ދެމީހުންގެ ގުޅުން ކުރިއަށް ގެންދަން ބޭނުންވެގެން އެތަކެއް ފަހަރަކު އަޅުގަނޑު އިިސްވެ ހުރެ އަފްނާންއާ ވާހަކަ ދައްކަން މަސައްކަތްކުރިން. އެކަމަކު އަފްނާންގެ ފަރާތުން އެއްވެސް އެދެވޭ ޖަވާބެއް ނުލިބޭ. އަޅުގަނޑާ އޭނަ ކުޑަ މިނުން އަނގައިންވެސް ބުނާނީ މަޖުބޫރުވެގެން. އެކަމަކު، މިހުރިހާ ދުވަހުވެސް އަޅުގަނޑު އަފްނާންގެ އިންތިޒާރުގައި ހުރީ ރިސާމާ އާންޓީވެސް އަޅުގަނޑަށް ޔަޤީންކަން ދިންލެއް ބޮޑުކަމުން…. މި ގުޅުން މިހިސާބުންވެސް ނިމިދާނެކަމަށް ވިސްނާ އަޅުގަނޑު މިހުރީ އެކަމަށް މައިންޑް ޕްރިޕެއަރ ކޮށްގެން. ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫން. އަޅުގަނޑަކަށް ނޭނގެ ކީއްވެގެންކަމެއް އަފްނާންއަށް އަޅުގަނޑު ކަމުނުދަނީ. ބައެއްފަހަރު ހިތަށް އަރާ އަފްނާންގެ ޙަޔާތުގައި އެހެން އަންހެން ކުއްޖަކު ވަނީއޭ... އެހެވެގެންބާއޭ އަފްނާން އެހާ ދުރުން އުޅެނީ. އެގޮތަށް އަދި އެކަން އޮތް ނަމަވެސް، ދެރައީ ރިސާމާ އާންޓީމެންވެސް އެއްވެސް ވާހަކައެއް އަޅުގަނޑު ކައިރީގަ ނުބުނީމަ. ކޮންމެ ގޮތަކަށް ކަންތައްވިޔަސް، ކެތްތެރިވާން އަޅުގަނޑަށް އެނގޭނެ. އަޅުގަނޑުގެ މައިންބަފައިން ދިން ތަރުބިއްޔަތުގައި އެކަންތައްތައް ވަނީ އަޅުގަނޑަށް ދަސްކޮށްދީފަ." ހިތުގެ އުދާސްތައް ފުރަތަމަ ފަހަރަށް ރައްޔާ ހާމަކޮށްލިއެވެ. އޭނާގެ އަޑު އަހަން ރިސާމާ އެއްވެސް އެއްޗެއް ނުބުނެ ހުރުމުން ރިސާމާއަށް އެއްޗެއް ބުނަން ނުކެރުނީކަމުގައި ރައްޔާއަށް ޔަޤީންކުރެވުނެވެ. އޭނާ ފޯނު ކަނޑާލާފައި ރައިޙާނާއަށް ބަލައިލިއިރު ރައިޙާނާ އޭނާގެ ދެލޮލުން އައި ކަރުނަތައް ފުހެލަނީއެވެ. ރައްޔާ އަފްނާންދެކެ ވާ ލޯތްބާއި އަފްނާންއަށް އެދޭވަރު އެންމެ ރަނގަޅަށް އެނގޭނީ އޭނާއަށެވެ. ވީއިރު މިއަދު އެ ދަރިފުޅުގެ ހިތް ހަލާކުވެގެންދާތަން ބަލަން އޭނާ ކެތްކުރާނީ ކިހިނަކުން ހެއްޔެވެ؟ ރައިޙާނާގެ ހިތަށް ހަމަޖެހުމެއް ލިބުނީ އެންމެ ކަމަކުންނެވެ. ރައްޔާގެ ހިތްވަރާއި އެ ކެރުންތެރިކަމުންނެވެ. ފުސްވަމުން ދިޔަ ދެލޮލާއެކު، ރައިޙާނާ އޭނާގެ ކަރުނަތައް ފުހެލަން އުޅުނު ވަގުތު ރައްޔާ އޭނާއާ ކައިރިވެލާފައި ލޯތްބާއެކު، ރައިޙާނާގެ ކަރުނަތައް ފުހެދިނެވެ. "އެމީހުންނާ ކުރިން އޮތް ޒަމާންވީ އެކުވެރިކަމާއި ރަޙްމަތްތެރިކަން ބޭއްވިޔަސް އަޅުގަނޑަށް އެންމެ ރަނގަޅު މަންމާ. " ރައްޔާގެ ވާހަކައިން ރައިޙާނާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އަމިއްލަ ދަރިފުޅަށް އެހާ ހިތްދަތިކަން ދިން ބަޔަކާ އެކު ގާތް ގުޅުމެއް ބާއްވާނީ ކޮންފަދައަކުން ހެއްޔެވެ؟ "ކީއްވެ؟ އަޅުގަނޑު ބަލިކަށިވެދާނެތީތަ؟ ނޫން މަންމާ. މަންމަ ބުނަމެއްނު ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށޭ. ފަހަރުގައި އަފްނާންއާ އިނދެގެން އަޅުގަނޑަށް އުފާވެރި ދިރިއުޅުމެއް ލިބެން ނެތީމަ ކަންނޭނގެއެއްނު މިހެން ކަންތައް މިވީ. އިނދެގެން މައްސަލަތައް ދިމާވާނަމަ އަދި ފަހުން މާ ދެރަވާނެއެއްނު." ރައްޔާ ރައިޙާނާއަށް ވިސްނައިދޭން މަސައްކަތްކުރީ އަމިއްލަ ހިތުގައި އަތް އަޅާލަމުންނެވެ. ހިތްވަރުކުރަމުން ދިޔަނަމަވެސް އެތެރެ ހަށި ހީވަނީ ރޫޅިގެން ހިނގައިދާނެހެންނެވެ. އެކަހަލަ ކަމެއް ވެދާނެތީ އޭނާ ނަފްސު އެކަމަށް ތައްޔާރުކުރި ނަމަވެސް، ހިތުގައިވި އުންމީދުގެ ކަނި އެގޮތުގައި ވިއެވެ. އެހެންނަމަވެސް، އެ އުންމީދުގެ ހުޅުކޮޅުވެސް މިހާރު އެކީ ނިވިއްޖެއެވެ. އެ ދެމީހުން އެތަނުގައި ތިއްބާ އިއްތިފާޤަކުން މަޙުމޫދަށްވެސް އެ ތަދަށް އާދެވިއްޖެއެވެ. ރައިޙާނާ މަސަލަސް ކުރަމުން ދިޔަ، ރައްޔާފެނުމާއެކު ބޮޑުކަމެއް ހިނގައިފިކަން އެނގި، މަޙުމޫދު ސުވާލުކޮށްލިއެވެ. ލޯބިވާ އަނބިމީހާއާއި، ދަރިފުޅުގެ އެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތައް މާނަ ކުރާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު ލިބުމާއެކު މަޙުމޫދުގެ ނިތަށް ރޫތައް ގިނަވިއެވެ. އޭނާ ވަގުތުން، ނަޖީބަށް ގުޅުން އުޅުނު ނަމަވެސް ރައްޔާ އެކަމަށް ހުރަސްއެޅިއެވެ. ރައްޔާ އެދުނީ ހަމަޖެހިލައިގެން ނަޖީބަށް ގުޅުމަށެވެ. މިވަގުތު ގުޅައިގެން ވާހަކަ ދައްކަން ވެއްޖެނަމަ ޙާލަތުގެ ކޮންޓްރޯލް އެކީ ގެއްލި ދެފަރާތުގެ މަސްލަހަތުވެސް ގޯސްވެގެންދާނެކަން އޭނާއަށް އެނގެއެވެ. ރައްޔާ ރައިޙާނާގެ ގާތުގައި ބުނެލި ވާހަކަތައް މަޙުމޫދާވެސް ހިއްސާކުރިއެވެ. ނަޖީބަކީ އެ އާއިލާއާ ވަރަށް ގާތް މީހެކެވެ. ވީއިރު އެ ގުޅުން ކުރިއަށް ގެންދިޔުމަށް ރައްޔާ އެދުނެވެ. ރައްޔާގެ ވާހަކަތަކާ މެދު ފުންކޮށް ވިސްނައިލުމަށްފަހު މަޙުމޫދު ބޯ ޖަހައިލިއެވެ. އޭނާ ނަޖީބުމެންނާ ގުޅުން ކަނޑައެއް ނުލާނެއެވެ. އެމީހުންގެ މައިންބަފައިންގެ ހައްޤުގައި އެ ގުޅުން އެކީ ކަނޑާނުލިއެއްކަމަކު ކުރިއަށް އޮތްތަކުގައި ނަޖީބާ މެދު ހަމަ އެހާ ގާތްކޮށް ދެކެވިދާނެކަމާއެކު މަޙުމޫދުގެ ހިތުގައި ޝައްކު އުފެދިފައިވެއެވެ. ފިނިހިތަކުން ވިސްނާލާފައި އޭނާ ނަޖީބަށް ގުޅާފައި އޭނާގެ ކަންފަތާ ހިސާބަށް އެ ޚަބަރު ފޯރައިފިކަމުގައި ބުނެލިއެވެ. މަޙުމޫދުގެ ކިބައިން ނަޖީބު މާފަށް އެދުނެވެ. އެހެން އެއްވެސް ކަމެއް ނުކޮށްދިނަސް އެ ކުށަށް މާފުކޮށްދޭން ނަޖީބު އެދުނީ ވަރަށް ލަދުވެތިވެފައިވާ ޙާލުގައެވެ. "އަހަރެން ނަޖީބުމެންނަށް މާފުކޮށްފިން. އެކަމަކު އަހަރެންގެ ދަރިފުޅަށް މި ލިބުނު ދެރަ ހިޔެއްނުވޭ ދުވަހަކު ހަނދާން ނެތޭނެހެންނެއް. އަހަރެމެންގެ މައިންބަފައިންނަށްޓަކައިވެސް މިގުޅުން އެކީ ކަނޑާލާކަށް ބޭނުމެއް ނުވޭ. އެއީ ބައްޕަ ނިޔާވަމުންވެސް ތި ޢާއިލާއާ ގުޅުން ބާއްވަން ވަޞިއްޔަތްކޮށްފައިވާތީ. އެކަމަކު އިހު އޮތް ގުޅުން ފަދަ ގާތް ގުޅުމެއް ނުބޭއްވިދާނެ." މަޙުމޫދު ޙާމަކުރީ ހަޤީގަތެވެ. އެކަމަށް ނަޖީބު އާއެކޭ ބުނެލީ ބަރު ހިތަކައިގެންނެވެ. ހޮޔޮލަފާ އެކުވެރިއެއް ގެއްލިއްޖެކަމުގެ އިޙްސާސް އޭނާއަށް ކުރެވުނު ނަމަވެސް ކޮންމެވެސް ވަރަކަށް ހަމަޖެހުނީ، މަޙުމޫދު އެގުޅުން އެކީ ނުކަނޑާނަމޭ ބުނުމުންނެވެ. ވަގުތަކީ ހުރިހާކަމެއްގެ ފަރުވާއޭ މީހުން ބުނެއެވެ. ވީއިރު ދުވަސްވީވަރަކަށް އަދި މަޙްމޫދާ އޭނާއާ ދެމެދު އޮތް ގުޅުން އިހު އޮތްހެން އިއާދަވާނެކަމަށް ނަޖީބަށް އުންމީދުކުރެވުނެވެ. ***** މައުވާ ޔޫޝައުއަށް ގުޅައިލުމާއެކު ޔޫޝައު ފޯނު ނަގާ ހެލޯ އޭ ބުނެލިނަމަވެސް، އެ އަޑުގައި ޖެހިލުންވުމެއްގެ އަސަރުވެއެވެ. އެއިން އެއްވެސް ކަމެއް ނޭނގޭ ކަމަށް ހަދާފައި މައުވާ ޔޫޝައު ގާތުގައި އޭނާ ދާންވީތަން ބުނެލިއެވެ. އެއަށްފަހު ފޯނު ނަގާ ޒާޔާއަށް ގުޅައިލިއެވެ. އަދި ޒާޔާ ވީ ހިސާބެއް އޭނާ ބެލިއެވެ. ޒާޔާ ބުނީ އޭނާ ޓެކްސީއަށް އެރީކަމަށާއި މައުވާ ތިރިއަށް ފޭބުމަށެވެ. "ދަރިފުޅަށް ދެވޭނެތަ؟" އެނދުން ތެދުވި މައުވާއަށް ބަލައިލަމުން ރާމިޒާ ސުވާލުކޮށްލީ ކަންބޮޑުވެފައިވާ ޙާލުގައެވެ. މައުވާ އާއެކޭ ބުނެލުމުގެ ގޮތުން ބޯ ޖަހާލާފައި ރާމިޒާގެ ގާތުގައި އެދުނީ ސިޑިން ފޭބުމަށް އެހީތެރިވުމަށެވެ. އެހާވަރުން މައުވާ ޒާޔާއާއެކު ދާން އެ އުޅޭ ސަބަބެއް، ރާމިޒާ އެނގެން ބޭނުންވެގެން އެ ސުވާލުކުރިނަމަވެސް މައުވާ ތެދަށް ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. ދޮގެއް ހަދާލާފާއި ހަޤީގަތް އޭނާ ސިއްރުކުރިއެވެ. "ޒާމެންނާ މީޓްނުވެ ވަރަށް ދުވަސްވެއްޖެ. އެހެން ނޫނަސް ބޭރަށް ގޮސްލަން ބޭނުން." މައުވާ ކިތަންމެ ނޫންކަމަށް ހަދާފައި ބުނެލި ނަމަވެސް، ރާމިޒާއަށް މައުވާ ކަމެއް ސިއްރުކުރަނީކަމުގައި ޝައްކުވިއެވެ. އެހެންނަމަވެސް އޭނާ އިތުރު އެއްޗެއް ބުނާ ޚިޔާލެއް ނުކުރެއެވެ. "މައު… އަދި ތަންތަނަށް ގޮސް އުޅެވޭވަރެއް ނުވެއެއްނު." ރާމިޒާގެ މައިގަނޑު ކަންބޮޑުވުމަކީ އެއީއެވެ. މައުވާގެ ޙާލަތެވެ. މައުވާއަށް އެހެން އުޅެވޭނެޔޭ ހީވިނަމަވެސް، ރާމިޒާ ކަންބޮޑުވަނީއެވެ. "ތިހާ ހާސްނުވެބަލަ މަންމާ… އަހަންނަށް މިހާރު ހިނގެއެއްނު......... މާ ގިނައިރު ނުހިނގާނަމޭ. އެހެން ނޫނަސް ޒާއާ އެކީ މިދަނީ. މަންމައަށް އެނގޭނެ ޒާ އަހަންނަށް ބަލާނެކަން. މިހާރު ލަސްވޭ އެބަ. ހިނގާބަ." މައުވާގެ އަތުގައި ރާމިޒާ ހިފައްޓައިލަމުން މައުވާއާއެކު ގޮސް ކޮޓަރިން ނުކުތެވެ. އޭރު ޒުލްފާ ޓީވީ ބަލަން އިނދެފައި ތުން އަނބުރައިލިއެވެ. ރާމިޒާއާ މައުވާއާ އެކަކު އަނެކަކަށް ބަލައިލިއެވެ. ގޭ ދޮރު ހުޅުވާލާފައި ރާމިޒާ މައުވާއަށް ސިޑިން ފައިބަން އެހީވެދިނެވެ. ސިޑީގެ ދަގަނޑުގައި ހިފައްޓައިގެން މައުވާ ފޭބީ ވަރަށް މަޑުމަޑުންނެވެ. ފައިގައި ރިހުމެއް ހުރިކަން އޭނާއަށް އެވަގުތު އިޙްސާސްވިއެވެ. ރާމިޒާ މައުވާގެ ފަހަތުގައި މަޑުކޮށްލައިގެން ހުރީ މައުވާއަށް ސަމާލުވެއެވެ. ތިރިއަށް ފޭބުމަށްފަހު ގޯޅިތެރެއިން ލާފައި ގޮސް މައި މަގުމައްޗަށް ނުކުތްއިރު ޒާޔާ އިން ޓެކްސީ އެހިސާބަށް މަޑުކޮށްލީއެވެ. އޭނާ ކާރުން ފައިބާފައި، މައުވާގޮވައިގެން ގޮސް ކާރަށް އެރިއެވެ. މައުވާ ބުނީ މާލޭގެ ހިތްފަސޭހަ ޕާކެއްގެ ނަމެވެ. އެއާއެކު ޑްރައިވަރު ކާރު ދުއްވާލައިފިއެވެ. ޒާޔާގެ ފޯނުގެ ސްކްރީން ދިއްލުމާއެކު އޭނާއަށް ބަލައިލެވުނެވެ. އެއީ ޔޫޝައުގެ މެސެޖެކެވެ. އޭނާ ހުރީ މައުވާ ބުނި ތަނުގައިކަމުގައި ޔޫޝައު ބުނުމުން ޒާޔާ މައުވާއަށް އެކަން އަންގައިލުމުގެ ގޮތުން ޔޫޝައުގެ މެސެޖު މައުވާއަށް ދައްކައިލިއެވެ. މައުވާ ބޯ ޖަހައިލުމަށްފަހު، ލޯގަނޑުން ބޭރު ބަލައިލިއެވެ. ޕާކާ ހިސާބަށް ދެވެންދެންވެސް މައުވާގެ ނަޒަރު ހުރީ ލޯގަނޑުން ބޭރަށެވެ. އޭނާއަށް އެ ހިސާބަށް އާދެވުނުކަން ރޭކާލީވެސް ޒާޔާ އޭނާގެ ކޮނޑުގައި ޖަހައިލަމުންނެވެ. ޒާޔާއާއެކު ކާރުން ފައިބައިގެން މައުވާ ޕާކުތެރެއަށް ވަނެވެ. ތަންކޮޅަކަށް ހިނގާލާފައި އެތަނުން ގޮނޑިއެއްގައި މައުވާ އިށީނދެލިއެވެ. އެއަށްފަހު އޭނާ އެދުނީ ޔޫޝައު ގާތު އެތަނަށް އައުމަށް ބުނުމަށެވެ. ޒާޔާ އާއެކޭ ބުނެ ޔޫޝައުއަށް ގުޅައިލިއެވެ. މައުވާގެ ލޮލުގައި އެ ދިމާލަށް އައި ޔޫޝައު އަޅައިގަތްއިރުވެސް އޭނާ ހުރީ ފޯނެއްގައެވެ. އެ ދެމީހުން ފެނުމާއެކު ޔޫޝައު ފޯނު ތިރިކޮށްލާ ފުންނޭވާއެއް ދޫކޮށްލިއެވެ. ލޯ މަރާލުމަށްފަހު އަތް މުށްކަވާލާފައި ޖީބަށް ޖަހައިލިއިރު ހީވަނީ ދެން ވާން އުޅޭ ކަމަކަށް ނަފްސު ތައްޔާރުކޮށްލިހެންނެވެ. ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ޔޫޝައު އެތަނަށް އެ އައީ މައުވާއަށް މިރޭ އޭނާގެ ހިތުގެ އަޑު އިއްވާށެވެ. ލޯބީގެ ބަދަލުގައި ލޯބި ނުލިބުނެއްކަމަކު މައުވާއަށް އޭނާގެ އިޙްސާސްތައް ހާމަކޮށްލާށެވެ. އޭނާގެ ހިތުގެ ޙާލަތު އަންގައިދޭށެވެ. މައުވާ ނޫން މީހެއް ދެކެ އޭނާ ދުވަހަކުވެސް ލޯބި ނުވާކަމުގައި ހެކިވެދޭށެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ޔޫޝައު މައުވާގެ ކުރިމަތީގައި ކަހަލަ ގޮތަކަށް މަޑުކޮށްލިއެވެ. ޒާޔާ ފަހަރަކު މީހެއްގެ މޫނަށް ބަލައިލީ އެ ދެމީހުން ވާހަކަ ނުދެއްކުމުންނެވެ. "ޒާ… އަހަރެން ބޭނުމީ ޔޫޝައުއާ އެކަނި ވާހަކަ ދައްކަން." އިރުކޮޅެއްފަހުން، މައުވާ ޔޫޝައުއާ ހަތަރު ކަޅި ހަމަކޮށްލަމުން ބުނެލުމާއެކު، އެ ނަޒަރުގެ ތޫނުކަމުން ޔޫޝައުވެސް ފިނިވިއެވެ. "އެކަމަކު މައު…" ޒާޔާ މައުވާ އެކަނިކޮށްލާކަށް ބޭނުމެއް ނޫނެވެ. މައުވާގެ އެ އެދުމާ ދެކޮޅު ހެދީ އެ ސަބަބަށްޓަކައެވެ. "ޕްލީޒް…" މައުވާ ބުނެލިއެވެ. އެއާއެކު ޒާޔާވެސް ޔޫޝައުއަށް ބަލައިލުމަށްފަހު ހިނގައިގަތެވެ. އޭނާ މަޑުކޮށްލީ ތަންކޮޅެއް ދުރުގައި އެ ދެމީހުން ފެންނަ ހިސާބުގައި ނަމަވެސް އެ އަޑު ނީވޭހާ ހިސާބުގައެވެ. ޒާޔާ ދިޔަ މަންޒަރު ބަލަން ހުރެފައި މައުވާ ޔޫޝައުއަށް ބަލައިލިއެވެ. "މައު…" އެހާ ދުވަސްފަހުން މައުވާ ހޮސްޕިޓަލް ނޫންތަނަކުން އާދައިގެ ހެނދުމެއްގައި ފެނުމުން ޔޫޝައުވެސް އުފާވިއެވެ. އޭނާއަށް މައުވާއަށް ގޮވައިލެވުނެވެ. "ވައި ޑިޑް ޔޫ ޑޫ އިޓް؟." ދުރުދުރުން ވާހަކަ ފެށުމުގެ ބަދަލުގައި މައުވާ ދިޔައީ ސީދާ މައުޟޫއަށެވެ. އޭނާ ޔޫޝައު އެތަނަށް ގެނައި ސަބަބު ޔޫޝައުއަށް އެނގޭނެއެވެ. ވީއިރު، އިތުރު ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތެވެ. މައުވާގެ އެ ސުވާލާއެކު ޔޫޝައު ހިނދުކޮޅަކަށް ބަސްހުއްޓުނެވެ. "ޔޫޝައު. އަހަރެން މިއަހަނީ ޔޫޝައު ކީއްވެގެންހޭ އެގޮތަށް ކަންތައްކުރީ؟ ކީއްވެ ވީޑިއޯތައް އަލުން ލީކްކޮށްލީ؟" މައުވާއަށް ޖަޒުބާތުގައި ޖެހި ތަންކޮޅެއް ބާރަށް ބުނެވުނެވެ. "މައުއަށް ހަމަ ރަނގަޅަށް އެނގޭނެ ކީއްވެގެންކަން. ދެން ކީއްވެ ތިހެން ތި އަހަނީ؟" ޔޫޝައު ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. މައުވާއަށް ހުރިހާ ހަޤީގަތެއް އެނގި ހުރެ އެގޮތަށް ސުވާލުކުރުމުން އޭނާގެ ހިތުގައި ރިއްސައިލިއެވެ. "ވައި؟" މައުވާ ދެންވެސް ސުވާލުކޮށްލިއެވެ. "ބިކޯޒް އައި ލަވްޔޫ ޑޭމިޓް. އަހަރެން މައުވާ ދެކެ ލޯބިވާތީ. ނޭނގެނީތަ؟" ޔޫޝައުއަށް ބުނެވުނީ ބާރަށެވެ. އޭނާއަށް ޖަޒުބާތުތައް ކިޔަމަން ނުކުރެވުނު ފަދައެވެ. މައުވާ އޭނާގެ ލޯތްބަށް ޤަދަރުނުކުރަނީ ހެއްޔެވެ؟ އެހިތުގައިވާ ފުންލޯބި އެނގުމަށްފަހު ވެސް އެހާ ހިތްހަރުކޮށް ވާހަކަ ދައްކަނީ ކީއްވެހެއްޔެވެ؟ އޭނާގެ ލޯބީގައި އެއްވެސް އަގެއް ނެތްކަމުގެ އިޙްސާސް އެ ކޮށްދެނީ ކީއްވެހެއްޔެވެ؟ "މީގެ ކުރިން ނުބުނެވުނު ނަމަވެސް، މިރޭ މި ބުނަނީ. އަހަރެން އަސްލުވެސް މައު ދެކެ ވަރަށް ލޯބިވޭ… ވަރަށް ބޮޑަށް. މައު އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް. ފުރަތަމަ ޔުނިވާސިޓީއަށް އައި ދުވަސް މައު ހަނދާންވޭތަ؟ އެ ދުވަހުން ފެށިގެންވެސް އަހަރެން މައު ދެކެ ލޯބިވަން. ކިތަންމެ ފަހަރަކު އަހަރެންގެ ހިތުގެ އިޙްސާސްތައް ހާމަކޮށްދޭން ހިތަށް އެރި. ލޯބި ހުށައަޅަން ބޭނުންވި. އެކަމަކު އެކަމަކަށް އަހަންނަކަށް ހިތްވަރެއް ނުލިބުނު. އަހަރެން ފިނޑިވީ. އެހެން ހުއްޓާ މައުވާއާ އަފްނާންއާ ދެމީހުން ލޯބީގެ ގޮތުން ގުޅުނީވެސް. މައުއަށް އެނގޭތަ؟ އެކަން އެނގުމުން އަހަންނަށް އެދުވަހު ކުރުވި އިޙްސާސް އަދިވެސް މިހިތުތެރޭގައި އެބަހުރި...." ޔޫޝައުގެ އަޑުގައިވަނީ ވޭނީ އަސަރެކެވެ. އެ ވާހަކަތައް އަޑު އަހަން އިން މައުވާއަށް ހީވީ އޭނާގެ ދުލުގައި ތަޅެއް ލެވުނު ހެންނެވެ. ޔޫޝައުގެ މޫނުމަތީން އޭނާއަށް ފެނުނު އަސަރުތަކަކީ މީގެ ކުރިން އޭނާއަށް އެ މޫނުމަތިން، ފެނުނު އަސަރެއް ނޫނެވެ. އެ ހިތްހަލާކުވާފަދަ އަސަރުތަކާއެކު ޔޫޝައުއާ އެހާ ހަރުކަށިކޮށް، ވާހަކަ ދައްކަން އޭނާ ފުރަތަމަ ފަހަރަށް އުޒުރުވެރިވިއެވެ. "އެ ދުވަހު ހޮސްޕިޓަލުގައި އަހަރެން ބުނީ ދޮގެއް ނޫން. އެއީ ތެދެއް. އަހަރެން މައު ދެކެ ލޯބިވޭ. ދެން ކީއްވެ އަހަންނަށް ފުރުސަތެއް ނުދެވެންވީ؟ ޔޫޝައުއަށް ބުނެވުނެވެ. "ޔޫޝައު… އަހަރެން…" މައުވާގެ ވާހަކަ މެދުކަނޑައިލީ ޔޫޝައުއެވެ. "އޭނގޭ ތި ބުނަން އުޅެނީ ކީކޭކަން؟ މައުގެ ހިތުގައި އަހަންނާ މެދު އިޙްސާސްތަކެއް ނުވެޔޭއެއްނު. ސަބަބުވެސް އަހަންނަށް އެނގޭ. މައު ލޯބިވަނީ އަފްނާން ދެކެއެއްނު. ވައި ޑޫ ޔޫ ލަވް ހިމް ސޯ މަޗް؟" ޔޫޝައުއަށް ބުނެވުނެވެ. އޭނާގެ ހިތަށް ކެތްނުވީއެވެ. ލޯތްބާ އެހާ ގާތް ވެފައި ލޯބި އަތުން ބީވެގެން ދާން އުޅޭ އިޙްސާސްއާއެކު ޔޫޝައުއަށް ކެތެއް ނުކުރެވުނެވެ. އޭނާއަށް ގޮސް މައުވާ އިން ގޮނޑި ކައިރީގައި އެއްފައިމައްޗަށް އިށީނދެވުނެވެ. އަދި މައުވާގެ އަތުގައި ހިފައްޓައިލެވުނެވެ. މައުވާއަށް ވެސް ޔޫޝައުގެ ލޮލަށް ބަލަހައްޓައިގެން އިނދެވުނީ ލިބުނު ޝޮކާއެކު ހަރަކާތް ހުއްޓިފައެވެ. ޔޫޝައުގެ އަތުތެރެއިން އެ ދަމައިގަންނަންވެސް އޭނާއަކަށް ނޭނގުނެވެ. ޔޫޝައުއަކީ ކޮންމެ ގޮތެއް ވިޔަސް އޭނާގެ ރަޙްމަތްތެރިއެކެވެ. އޭނާގެ އެކުވެރިޔާގެ ދެލޮލުން، ފެންނަ ވޭނަށް ފުރަގަސްދޭކަށް މައުވާއަކަށް ނުކުރުނެވެ. އެ މަންޒަރު ބަަލަން ޒާޔާ ހުރީ ދުރުގައެވެ. އެ ދިމާލަށް ދާން އުޅެފައިވެސް އޭނާ މަޑުޖެހިލިއެވެ. "އޭނަ މައުއާ ދޭތެރޭ ކަންތައްކުރީ ހާދަ ގޯސްކޮށޭ… ދެން ކީއްވެ؟" ޔޫޝައުއަށް ބުނެވުނެވެ. "އަަހަންނަށް ފުރުސަތު ދީފިއްޔާ ދުވަހަކުވެސް ޝަކުވާކުރާކަށް ފުރުސަތެއް ނުދޭނަން. ޕްލީޒް ޖަސްޓް ގިވް މީ އަ ޗާންސް." "އެހެންވެގެންތަ އެގޮތަށް ކަންތައްކުރީ؟" މައުވާ ޔޫޝައުގެ އަތުގެ ތެރެއިން އަތް ދަމައިގަތެވެ. "އައި ގޭވް ހިމް އަ ޗާންސް މައު. އަހަރެން އޭނައަށް ފުރުސަތު ދިނިން. އޭނަ އެ ފުރުސަތުގެ ބޭނުން ނުހިފީ. ބޭޒާރުވީމަ ވާގޮތް މިހާރު އޭނާއަށްވެސް އެނގޭނެ." މައުވާގެ އަމަލުން ދެރަވިނަމަވެސް ޔޫޝައު ބުނެލިއެވެ. "އަހަރެން… އަހަރެން ޔޫޝައުއަށް ދުވަހަކުވެސް އެފަދަ ނަޒަރަކުން ނުދެކެން." ހިތްވަރުކޮށްފައި މައުވާ ބުނެލިއިރު ޔޫޝައުއާ މެދު އޭނާ ދެރަވެސް ވިއެވެ. ޔޫޝައު އޭނާ ދެކެ ލޯބިވިއެއްކަމަކު ޔޫޝައުއަށް އޭނާގެ ހިތުން ޖާގައެއް ދޭނީ ކިހިނެއް ހެއްޔެވެ؟ އެހިތަކީ އަފްނާންއަށް މިލްކުކުރެވިފައިވާ އެއްޗެކެވެ. އޭނާގެ އިޚްތިޔާރަކު ނޫނެވެ. އަދި އެހިތަކީ އޭނާގެ ބާރު ފޯރުވޭ އެއްޗެއް ވެސް ނޫނެވެ. އަފްނާންގެ ލޯބި ފުހެލަން ބޭނުންވި ނަމަވެސް، އޭނާގެ ނުކިޔަމަންތެރި ހިތުން އެކަމަކަށް ޖާގައެއް ނުދެއެވެ. "މައު… ހީ ޑަޒަންޑް ޑިޒާރވް ޔޫ އޭ…" ޔޫޝައު ފަހު ފަހަރަށްވެސް މައުވާގެ ލޯބި ކާމިޔާބު ކުރުމަށްޓަަކައި މަސައްކަތްކުރިއެވެ. މާޔޫސްވި ނަމަވެސް އަދިވެސް އެއްފަހަރު އޭނާގެ ހިތުގެ ޙާލު ހާމަކޮށްލިއެވެ. "ޔޫޝައު. އައެމް ސޮރީ…." މައުވާ އެހެން ބުނެލާފައި ތެދުވެލަން އުޅުމުން ޔޫޝައު މައުވާއަށް އެހީވާން އުޅުނު ނަމަވެސް އެކަމުން މައުވާ މަނާ ވެގަތެވެ. އެތަން ފެނި ޒާޔާ އެދިމާލަށް ހިނގައިގަތެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ