ސަރުކާރުން ނުކުމެ ވިޔަފާރިތަކާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރުމަކީ ނުރައްކަލެއް: އަމީރު ސަރުކާރުން ނުކުމެ ވިޔަފާރިތަކާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރުމަކީ ނުރައްކަލެއް: އަމީރު

ވިޔަފާރިވެރިންނާ ޖައްސާލައި، ސަރުކާރުން ނުކުމެ ވިޔަފާރިތަކާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރުމަކީ ނުރައްކަލެއް ކަމަށް ވިދާޅުވެ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ، ސަރުކާރު ހޮސްޕިޓަލް، އައިޖީއެމްއެޗްއިން ނަމްބަރު އައިނުގެ ވިޔަފާރި ފަށަން އުޅޭކަން އިއުލާންކުރައްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ރައީސްގެ ވާހަކައިގައި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، ދިވެހި ވިޔަފާރިވެރިންގެ އޮތީ ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދިނުމުގެ އާދައެއް ކަމަށް ވިދާޅުވެފަ އެވެ. މިއީ މި ފަހަކަށް އައިސް ވިޔަފާރިތަކަށް އަމާޒުކޮށް ރައީސް އަމާޒުކުރައްވާ ބަހުގެ ހަމަލާތަކަށް އިތުރުވީ ބޮޅެކެވެ.
މީގެ ކުރިން އެމަނިކުފާނު ވަނީ ބޭސް ވިއްކުމުގެ ވިޔަފާރީގައި އުޅޭ ވިޔަފާރިތަކުން ގަސްތުގައި ބޭސް އެތެރެނުކޮށް، ބޭސް ތާށިކުރަމުން އަންނަ ކަމަށާއި ދުންފަތް ވިއްކާ ވިޔަފާރިތަކުން ގައުމުގެ މަސްލަހަތު ނަގަން އުޅޭ ކަމަށް ތުހުމަތުކުރައްވާފަ އެވެ.
މިކަމާ ގުޅިގެން ރައީސް ޓެގުކުރައްވައި އަމީރު އެކްސްގައި ޕޯސްޓު ކުރެއްވި ގޮތުގައި، ސަރުކާރުން މިހެން ކަން ކުރަމުން ދަނީ އިގުތިސޯދީ އަދި މާލީ ސިޔާސަތުތައް ފެއިލްވުމުންނެވެ. އަދި އިގުތިސޯދަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައި ދިނުމުގެ ގާބިލުކަމެއް މި ސަރުކާރުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ އެތައް ބިލިއަން ރުފިޔާ ނުދީ ހިފަހައްޓާ، ވިޔަފާރިތައް ވަނީ ބަނގުރޫޓުކޮށްލާފަ. ލޯނު ލިބުންވަނީ ދަތިވެފަ. ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަނީ މަތިވަމުން. ސަރުކާރުގެ ޢަމަލުތަކުން އެނގިގެންދަނީ މި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ވިސްނުމެއްވެސް ނެތްކަން،" އަމީރު ލިޔުއްވާފައިވެ އެވެ.
އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދަތިކުރަމުންދާއިރު، އަމީރު ވިދާޅުވި ގޮތުގައި، ދިވެހި އިގުތިސޯދީ އުފެއްދުންތެރިކަމުގެ 90 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ހިއްސާކުރަނީ ޕްރައިވެޓް ސެކްޓަރުންނެވެ. އެހެންކަމުން މި ވިޔަފާރިތަކަށް ސަރުކާރުން ވަނުމަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަލާކުކޮށްލުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، ސަރުކާރުން މި ވިޔަފާރިތަކަށް ވަންނަނީ އިސްރާފަށް ޖާގަދިނުމަށް ކަމަށެވެ. އަދި މި ގޮތަށް ވިޔަފާރިވެރިންނާ ޖައްސާލުމަކީ މި ސަރުކާރުން އިގުތިސޯދަށް ދޭ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަންނަމުން އަންނައިރު، މިފަހުން ސަރުކާރުން ހިންގަން ސޮއިކުރި ހުރިހާ ޕްރޮޖެކްޓުތަކެއް ހަވާލުކުރީ ސަރުކާރު ކުންފުނިތަކާ އެވެ. މީގެ ސަބަބުން ވެސް ވިޔަފާރިތަކަށް ގެއްލުންވެ، ވިޔަފާރިކުރަން ހުރި ފުރުސަތުތައް ހަނިވެގެން ދާނެ ކަމަށް އެ ވިޔަފާރިވެރިންގެ ކަންބޮޑުވުން އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ