ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވާ އެއް ކަމަކީ ތިމާގެ ސިފަ ހުތުރުވުމުން ލޯބިވެ ކައިވެނިކުރާނެ މީހަކު ނުލިބުން ނުވަތަ ލިބުން ލަސްވުމެވެ. އެފަދަ ގޮތެއް މެދުވެރިވެފައިވާނަމަ ނިކަން މިލިޔުން ކިޔައިލަބަލާށެވެ! ކަންބޮޑުވުން އެކުގައި ފިލައިގެންދާނެއެވެ! އިން ޝާ ﷲ
މިރޭ މިކިޔައިދެނީ ޞަޙާބީންގެތެރޭގައި ހުންނެވި އެންމެ ސިފަހުތުރު، އެންމެ ފަޤީރު، އެއްވެސް ދަރަޖައެއް ނެތް ޞަޙާބީގެ ވާހަކައެވެ. މިބުނެވުނު ކަންކަމާއިހުރެ މީސްތަކު އެބޭކަލަކު ދެކެންވެސް ބޭނުން ނުވި ބޭކަލެއްގެ ވާހަކައެވެ. އެހެނަސް ރަސޫލް ﷺ ގެ އަރިއަހުގައި އެންމެ ދަރަޖަ އުފުލިގެންވީ ޞަޙާބީގެ ވާހަކައެވެ. ޖުލައިބީބުގެ ވާހަކައެވެ.
ޢުމުރުފުޅުން ދުވަސްވީއިރުވެސް ކައިވެނިކުރާނެ އަންހެނަކު ލިބިވަޑައިނުގަތުމުން އަނބިކަނބަލަކު ހޯއްދަވައި ދެއްވެވީ އަމިއްލަފުޅަށް ގެއަކަށް ވަޑައިގެން އެކަމަށް އެދިވަޑައިގެންނެވެ. ކައިވެނީގެ ކަންކަން ކުރާނެ މަގު (ކައިވެނިކުރާނެ ތަނަވަސްކަން) ޞަޙާބީން މެދުވެރިކުރައްވައި ހޯއްދަވައިދެއްވެވިއެވެ.
އެއަށްފަހު ހަނގުރާމައެއްގައި ޖުލައިބީބް ޝަހީދުވެވަޑައިގެންނެވިއެވެ. ހަނގުރާމަ ކާމިޔާބީ މުސްލިމުންނަށެވެ. ހުރިހާ ޞަޙާބީންވެސް އުޅުއްވެވީ އެބޭކަލެއްގެ ތިމާގެ ފުޅު ބޭކަލުންގެ ތެރެއިން ފެނިވަޑައިގަންނަވަން ނެތް ބޭަލުންގެ ހަށިކޮޅުތައް ހޯއްދެވުމުގައެވެ. އެހެނަސް ރަސޫލް ﷺ އަވަސްވެވަޑައިގެންނެވީ ޖުލައިބީބް ހޯއްދެވުމަށެވެ. ޙަދީޘްފުޅު ކުރައްވަވަމުން ގެންދެވީ "ތިމަންކަލޭގެފާނުގެ ޖުލައިބީބް ކޮބައިހެއްޔެވެ؟"
ރަސޫލް ﷺ އަށް ޖުލައިބީބް ގެ އަވަހާރަވެފައިވާ ހަށިކޮޅު ފެނިވަޑައިގެންނެވިއިރު އަރިހުގައި ކާފިރުންގެ 7 މީހުން މަރާލެވިފައިވަނިކޮށް ފެނިވަޑައިގެންނެވިއެވެ. އެހިނދު ރަސޫލް ﷺ ގެ ދެލޯފުޅު ކަރުނަފޮދުން ފުރިގެންދިއައެވެ. އަދި 3 ފަހަރަށް "ޖުލައިބީބް ވަނީ ތިމަންކަލޭގެފާނުގެ (ޢާއިލާއިން)" ކަމަށް ޙަދީޘްފުޅު ކުރެއްވެވިއެވެ. އަދި ޖުލައިބީބްގެ ހަށިކޮޅު އުފުއްލެވީ އިތުރު އެކަލޭގެފާނު ﷺ ގެ އަތްޕުޅުން އަމިއްލަފުޅަށެވެ. ފަސްދާނު ލެއްވެވީ ވެސް އަމިއްލަފުޅަށެވެ. އެއަށްފަހު ހިނިވަރުނަ ކުރެއްވެވިއެވެ.
ސަބަބު ބަޔާންކުރައްވަވައި ޙަދީޘްފުޅު ކުރެއްވެވީ ޖުލައިބީބް ސުވަރުގެ ވަދެވަޑައިގެންނެވިތަނާއި ޙޫރަލްޢީނަކު ޖުލައިބީބާއި ދިމާއަށް ދުވެވަޑައިގަންނަވާތަން ފެނިވަޑައިގަތުމުން ކަމަށެވެ.
ދެން ނިކަން ބުނެބަލާށެވެ! ސިފަ ހުތުރުވެގެން ފަޤީރުވެގެން، އަދި އެއްވެސް ޤަދަރެއް ނެތިގެން އަދި މީސްތަކުންކުރެ ސަމާލުކަންދޭނެ ހަމައެކަކުވެސް ނެތިގެން ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ މީހާގެ ކިބައިގައި ތަޤްވާވެރިކަން ހުރެއްޖެނަމަ ނުލިބޭނީ ކޮން ނިޢްމަތެއް ހެއްޔެވެ؟
މިއަދު މީސްތަކުން އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ މީހާގެ ސިފައެވެ. ސިފަހުތުރުވެއްޖެނަމަ ރީތިވާން ނުކުރާ މަސައްކަތެއް ނެތެވެ. ހަމައެފަދައިން ފަޤީރު މީހަކުކަމުގައިވެއްޖެ ނަމަ ހަމަ އެހައިބޮޑަށް ކަންބޮޑުވެއެވެ. ތަނަވަސްކަން އިތުރުކުރެވެން އޮތް ގޮތަކަށް އިތުރުކުރަން މަސައްކަތްކުރެއެވެ. ދެން އޮތީ މަތީ ދަރަޖައެވެ. މަތީ ދަރަޖަ ހޯދަން ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟
--ބިލާލް އައްސަދުގެ ދަރުސަކުން
ދުނިޔޭގެ އެކަކު ތިބާދެކެ ލޯބި ނުވިޔަސް ޙޫރަލްޢީނުން ތިބާގެ ފަހަތުން ދުވާނެ މީހަކަށްވުން! އަންހެނުންނަށާ ފިރިހެނުންނަށްވެސް އޮތް ފުރުޞަތެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ