ހިލޭ އަންހެނުންނާ އެކަހެރިކޮށް ރުޤްޔާކުރަން ބޭނުންވުމަކީ ބޮޑެތި ނުރައްކާތައް ކުރިމަތިވާ ކަމެއްކަން ތަޖުރިބާކުރަންޖެހުނު ޙާދިސާއެއްގެ ވާހަކަ-

އެކުވެރިއަކު އެއީ ރަނގަޅު މީހަކު ކަމަށް ބުނި މީހެއްގެ ގާތަށް ރުޤްޔާކުރަން ދިއައިމެވެ. ދިއައީ ދައްތައަކު ގޮވައިގެންނެވެ. އޭނާ އެބަލި ކަންކަމެއް ބަލާފައި ދައްތަ ގާތުގައި ބުނީ ކޮޓަރިން ނުކުމެ ބޭރުގައި މަޑުކޮށްލުމަށެވެ. 
އެހިސާބުން އެކަން އަޅުގަނޑަކަށް ކަމަކު ނުދިއައެވެ. އެހެންވެ އެހެން ފަހަރަކުން އަންނާނަން ކަމަށްބުނެފައި ދައްތައާއިއެކުގައި އެތަނުން ނުކުމެގެން އައީއެވެ. 
އަޅުގަނޑުގެ ސުވާލަކީ ދައްތަ އިންދައި ރުޤްޔާ ނުކުރެވެންވީ ކީއްވެގެންތޯއެވެ؟ އެކަމުގަ އޮތީ ކޮން މައްސަލައެއްތޯއެވެ؟ 
ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެޙާލަތުގައި މައްސަލައޮތީ ދައްތަ އިނުމަކުން ނޫނެވެ. ދައްތަ އެތަނުން ނެރެފިނަމައެވެ. ދެމީހުން އެކަހެރިވެއްޖެނަމައެވެ. ވީމާ ކަންތައް ކުރެވިފައި ތިއައޮތީ އެންމެ ރަނގަޅަށެވެ. އެހެންފަހަރަކުން ދާނެކަމަށް ބުނެވިފައި އޮތްނަމަވެސް ނުދާށެވެ! ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަކުން ދޮގުހެދިކަމަކަށްވެސް ނުވާނެއެވެ. 
ހަމަ ތިއަ މައްސަލައިގައި ކިޔުންތެރިއަކުން ކުރިން ކޮށްފައި އޮތް ސުވާލަކާއި ސުވާލަށް ދީފައިވާ ޖަވާބާއި ގުޅުންހުރި ބިރުވެރި ޙާދިސާއެއްގެ ވާހަކަ ތިރީގައިވާ ލިޔުމުން ވިދާޅުވެލައްވާށެވެ! 
މިހާރަކަށް އައިސް ރުޤްޔާކުރުމުގެ ނަމުގައި ވަރަށް ނުބައި ކަންކަން ކުރާ މީހުން އުޅޭވާހަކަ އެބައަޑުއިވެއެވެ. އެހެންވެ އަޅުގަނޑަށް މިއުޅެނީ މީހެއްގެ ގާތަށް ދާންވެސް ނުކުރިގެންނެވެ. މިފަދަ އެއްވެސް ކަމެއްގެ މައުލޫމާތު މިއަދުނޫހަށް ލިބިފައިވޭތޯއެވެ؟ 
ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވާ ފަދަ ކަންކަމުގެ މަޢުލޫމާތު ދޭތެރެދޭތެރެއިން ލިބެއެވެ. ނަމަވެސް އެއިގެ މާނައަކީ ރުޤްޔާކުރާ އެންމެންނަކީ އެއްގޮތް ބައަކަށްވުމެއް ނޫނެވެ. ވަރަށް ރަނގަޅު ފެންވަރުގައި ޚިދުމަތް ދެއްވަވާ ބޮޑެތި ޝައިޚުންވެސް އެބަތިއްބެވިއެވެ. އަދި ފާއިތުވި އެތައް އަހަރަކު އެއްވެސް މިލަކަމެއް ނެތި އެކަން ކުރައްވާފައިވާ ބޭކަލުންވެސް އެބަތިއްބެވިއެވެ. 
ވީމާ ސަމާލުކަންދޭންވީ ތިމާއަށް މިދެވެނީ ކާކުގެ ގާތަށްކަން އެނގުމެވެ. އިތުބާރު ކުރެވޭ މީހުންގެ ގާތަށް ދެވުމެވެ. ގިނަ ފަހަރަށް މައްސަލަތައް ޖެހެނީ ގޮތް ނުއެނގޭ މީހުންގެ ގާތަށް ދެވުމުންނެވެ. ކޮށްދޭ އަގަށް ބަލައިގެން ކުރެވެން އުޅެވޭތީއެވެ. އެއްވެސް މީހަކު ކޮށްފާނެ ކަމެއް ނުއެނގޭނެއެވެ. ނަމަވެސް މާޒީއަށް ބެލުމުން ވަރަށް ގިނަ ކަންކަން އެނގޭނެއެވެ. 
ތިރީގައި އެވަނީ މިއަދުނޫހަށް ވަރަށް އިތުބާރުކުރެވޭ ފަރާތަކުން މިއަދުނޫހަށް ދީފައިވާ މައުލޫމާތުގެ މައްޗަށް ލިޔެފައިވާ، ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވާ ފަދަ ބިރުވެރި ޙާދިސާއެއްގެ ވާހަކައެވެ. 
އަޅުގަނޑު ރަށުގައި ހުއްޓާ އަޅުގަނޑުގެ ބާލިޣްވެފައި ހުރި އަންހެން ދަރިފުޅުގެ ބަނޑުގައި އާދައާ ޚިލާފަށް ރިހެން ފެށިއެވެ. ރަށުން ދެވެންހުރި ޞިއްޙީ ފަރުވާ ދިނުމަކުން ވެސް ލިޔެއް ނުލިބުނެވެ. އެހެންވެ ބައެއް މީހުން ދިން ލަފާގެމަތިން ރުޤްޔާކުރާކަމަށް ބުނާ މީހެއްގެ ގާތަށް ގެންދިއައިމެވެ. އެއީ ބިދޭސީ މީހެކެވެ. 
އޭނާ ބުނީ އަޅުގަނޑު ހުއްޓައި ފަރުވާނުކުރެވޭނެކަމަށެވެ. ފަރުވާކުރެވޭނީ ދަރިފުޅު އެކަނި އޭނާ ގާތު ބަހައްޓައިގެންކަމަށެވެ. އަޅުގަނޑު ވަގުތުން ދަރިފުޅު ގޮވައިގެން އެނބުރި ގެއަށް ދިއައީއެވެ. އއެއަށްފަހު ދަރިފުޅަށް ކުޑަކޮށް ރަނގަޅުވެ އުޅެލެވޭވަރުވުމުން އަޅުގަނޑަކީ މާލޭގައި މަސައްކަތްކުރާ މީހަކަށްވާތީ މާލެއައީއެވެ. އަންނަމުން އައީ ދަރިފުޅުގެ ބަނޑުގައި އިތުރަށް ރިއްސި ނަމަވެސް އޭނާ ގާތަށް ފަރުވާ ހޯދަން ނުގެންދަން ވަރަށް ގަދައަށް ބުނެފައެވެ. 
އަޅުގަނޑު މާލެއައިތަނާ ފެނުނު ހުވަފެނަކާއި ގުޅިގެން ހަމައެރޭ ފަތިހު އަނބިމީހާއަށް ގުޅީމެވެ. އަދި ރުޤްޔާކުރާ މީހާގެ ގާތަށް ދަރިފުޅު ގެންދިއައީ ކީއްވެގެންތޯ ސުވާލުކުރުމުން އަނބިމީހާއަށް ލިބުނީ ކުއްލި ޙައިރާންކަމެކެވެ. އެއީ އޭނާ ވަރަށް ސިއްރުން ކުރިކަމެއް އަޅުގަނޑަށް އެކަމުގެ ހޫނުކަންމަތީގައި އެނގުމުންނެވެ. 
އަނބިމީހާ ކިޔައިދިނެވެ. "އަލުން ބަނޑުގައި ރިއްސަން ފެށުމުން ހިތަށް ކެތް ނުކުރެވިގެން ގިނަބައެއްގެ ލަފާގެމަތިން ގެންދެވުނީއެވެ. އޭނާ ހުންނަ ގެއަށް ދެމައިން ދިއުމުން ފުރަތަމަ ވެސް ދެމައިންނަށް ކޮފީ ދިނީއެވެ. އެއަށްފަހު ދަރިފުޅު ގޮވައިގެން ފަރުވާދޭން ކޮޓަރިއަށްވަނީއެވެ. 
އިރުކޮޅަކުން ދަރިފުޅު ރޮމުން ކޮޓަރިން ނުކުތުމުން ގޮވައިގެން އައީއެވެ. ދަރިފުޅަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ދަރިފުޅު ގާތު ބުނީ އޭނާގެ ބަނޑުގައި ޖިންނިއެއް އެބަ އުޅޭކަމަށާއި ބަނޑުން ޖިންނި ނެރެވޭނީ ޖިމާޢުވެގެންކަމަށެވެ. އެހެން ބުނުމުން ގަތްބިރުން ރޮމުން ދަރިފުޅު ކޮޓަރިން ނުކުތީއެވެ." 
ރަށަށް ފުރި ފުރަތަމަ ބޯޓުން އަޅުގަނޑު ރަށަށްދިއައިމެވެ. އަދި އޭނާ ވަގުތުން ރަށުން ނުފޭބިނަމަ ސިފައިން ގެނުވައިގެންވެސް ރަށުން ބާލާނެ ކަމުގެ އިންޒާރު ދިނުމުން އޭނާ ބޯޓަކަށް އަރައިގެން މާލެއައީއެވެ. 
މިއީ މިއަދުނޫހަށް ބައްޕަ ދިން މައުލޫމާތެވެ. ބައްޕައަކީ ދިވެހިންގެތެރެއިން އެންމެ ގިނަފަހަރު ޙައްޖާއި ޢުމުރާވެވުމުގެ ނަޞީބު ލިބިފައިހުރި އެކެކެވެ. ވީމާ އޭނާގެ ދަރިފުޅާއިމެދު ކަންތައްވީގޮތް ﷲ ތަޢާލާ އޭނާއަށް ހުވަފެނުގައި ދެއްކެވީކަމަށް ޤަބޫލުކުރެވެއެވެ. 
ދެކަމެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކަމަކީ މައިންބަފައިންނަކީ ތަޤްވާވެރިންކަމުގައިވާނަމަ ދަރިންގެ ކަންކަން ﷲ ތަޢާލާ ހުވަފެނުގައި ނަމަވެސް ދައްކަވާކަމެވެ. ދެވަނަކަމަކީ ރުޤްޔާކުރުމުގެ ނަމުގައި ހިންގާ މަކަރުވެރި ކަންކަމަށް ބެލެނިވެރިންވެސް އަދި އެންމެންވެސް މިހާރަށްވުރެ ހޭލުންތެރިވާންޖެހިފައިވާކަމެވެ. 
މަޙްރަމަކާއި ނުލައި ޝަރުޢީ ރުޤްޔާކުރުން ހުއްދަނޫންކަން އެންމެންނަށް ވެސް އެނގެން އެބަޖެހެއެވެ. އެނޫން ގޮތަކަށް އެއްވެސް ކަމެއް ކުރާނަމަ އެކަމެއް އެކުރަނީ އިސްލާމް ދީނުގައި ރުޤްޔާކުރަން އޮތް ގޮތަށް ނޫންކަން ދެނެގަނެ އެފަދަ މީހުންގެ މަކަރުވެރިކަމުން ސަލާމަތްވާން އެބަޖެހެއެވެ. އަދި އެފަދަ މީހުންނަށް ބިރުނުގަނެ އެމީހުންގެ ކަންކަން ފަޟީޙަތްކޮށް އެންމެންނަށް އަންގަންވެސް އެބަޖެހެއެވެ. މީގެ އިތުރުން އެމީހަކީ ރުޤްޔާކުރުމުގެ ހުއްދަ ދީފައި އޮތް މީހެއްކަންވެސް ބލައިލަން އެބަޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ