32 ކާޓަން ސިނގިރޭޓު ވަގަށް އެތެރެކުރިކަމަށް ތުހުމަތުވާ ބިދޭސީ ބުނީ މީހަކު ދިން އެއްޗެއް ކަމަށް
ނުގަވައިދުން ސިނގިރޭޓު ކާޓަންތަކެއް އެތެރެކުރި ކަމުގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރުކުރި ބިދޭސީއެއް, އޭނާ އަތުން ފެނުނު އެ ސިނގިރޭޓު ކާޓަންތަކަކީ މީހަކު ހަވާލުކުރި އެއްޗެއް ކަމަށް ކޯޓުގައި އިއްޔެ ބުނެފިއެވެ. އެ މައްސަލައިގައި މިދިޔަ މަހު 24ގައި ހައްޔަރުކުރީ ބަންގްލަދޭޝަށް ނިސްބަތްވާ އަބްދުލް ކަރީމެވެ. އޭރު އޭނާ ހައްޔަރުކުރުމަށް ފަހު، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރަން އަމުރު ކުރިއެވެ. އެ މުއްދަތު އިއްޔެއަށް ހަމަވުމުން، އަލުން އޭނާ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައެވެ. މި މައްސަލައިގައި ފުލުހުން ކުރިން ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ 12:15 އެހައިކަންހާއިރު ވިލިމާލެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރިއިރު ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ، މެންޗެސްޓާ ބްރޭންޑުގެ 32 ކާޓަން ސިނގިރޭޓް ފެނިފައިވާ ކަމަށެވެ. ވަގަށް ކަރީމް އެތެރެކުރި ސިނގިރޭޓު ކާޓަންތައް ---- ފޮޓޯ/ ފުލުހުން މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓަކީ މި ފަހުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑު ކުރުމުން, ރާއްޖެއަށް ވަގަށް ގިނައިން އެތެރެކުރި ބާވަތެކެވެ. ބްލެކް މާކެޓުގައި އަގުހެޔޮކޮށް މި ބްރޭންޑުގެ ސިނގިރޭޓް ދިޔައީ ވިއްކަމުންނެވެ. ކަރީމަކީ ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް އޭރު ފުލުހުން ބުންޏެވެ. ކޯޓު އަމުރުގައި ވަނީ، އެ ސިނގިރޭޓުތަކަކީ އޭނާއަށް މީހަކު ގުޅައި، ހަވާލުކުރި އެއްޗެއް ކަމަށް ބުނި ކަމަށެވެ. އެކަމަކު، ސިނގިރޭޓުތައް ހަވާލުކުރަން ގުޅި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ބުނެދެވިފައިނުވާ ކަމަށް އައިއޯއާ ހަވާލާދީ އަމުރުގައިވެއެވެ. ކަރީމްގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ކޯޓަށް ވަނީ ހުށަހަޅާފައެވެ. ދުންފަތާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ވޭޕް ބޭނުންކުރުން ރާއްޖޭގައި މަނާވެ, ސިނގިރޭޓްގެ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފައެވެ. މިއާއެކު ވަގު ސިނގިރޭޓްގެ ބްލެކް މާކެޓެއް އޮތީ ވަރަށް ބޮޑަށް އުފެދިފައެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ