އެމެރިކާގެ އުޅަނދުފަހަރަށް މިހާރު އެއްވެސް ފީއަކާ ނުލައި ޕެނަމާ ކެނަލް ހުރަސްކުރެވޭނެ: އެމެރިކާ

އެމެރިކާގެ ސަރުކާރުގެ އުޅަނދުފަހަރަށް މިހާރު ޕެނަމާ ކެނަލް ހިލޭ ބޭނުންކުރެވޭނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުދަ ދުވަހު ހާމަކޮށްފިއެވެ. މިއީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބޮޑު ޕްރެޝަރަކަށްފަހު އައި ބަދަލެއެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ޕޯސްޓެއް ކުރަމުން ބުނެފައިވަނީ "އެމެރިކާ ސަރުކާރުގެ އުޅަނދުފަހަރަށް މިހާރު ޕެނަމާ ކެނަލް ހިލޭ ބޭނުންކުރެވޭނެ، މިއީ އެމެރިކާ ސަރުކާރަށް އަހަރަކު މިލިއަން ޑޮލަރު ސަލާމަތްވާނެ ކަމެކެވެ." މިއީ ޔޫއެސް ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އިޝާރާތްކޮށްފައިވާ ވައުދުތަކުގެ ފުރަތަމަ ރަސްމީ އިއުލާނެވެ.
ރޫބިއޯ ބުނެފައިވަނީ އާދިއްތަ ދުވަހު އޭނާގެ މަޝްވަރާތަކުގައި ޕެނަމާއިން ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ބުނެފައިވަނީ ޕެނަމާއަށް އަންގާފައިވާނީ މި މުހިންމު ކަނޑުމަގު ދިފާއުކުރުމުގެ ޒިންމާ އުފުލާ އެމެރިކާއިން އޭގެ ބޭނުންކުރުމަށް ފީ ދެއްކުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށެވެ.
ނޮވެމްބަރު މަހު ބޭއްވި އެމެރިކާގެ އިންތިޚާބުގައި ކާމިޔާބު ހޯދުމަށްފަހު، ޓްރަމްޕް ވަނީ ކެނަލް ހިފުމަށް ބާރުގެ ބޭނުން ކުރުން އެއްކިބާ ނުކުރާނެ ކަމަށް ބުނެފައެވެ. މި ކެނަލަކީ އެމެރިކާގެ ކޮންޓެއިނަރ ޓްރެފިކްގެ 40 އިންސައްތަ ދަތުރުކުރާ ކަނޑުމަގެވެ.
ނަމަވެސް ޕެނަމާއިން ވަނީ ޓްރަމްޕް ތަކުރާރުކޮށް ދައްކަމުންދާ ވާހަކަ، ޗައިނާއަށް ކެނާލް ހިންގުމުގައި ދައުރެއް ދީފައިވާ ކަމުގެ ތުހުމަތު ދޮގުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ