މެޑަމް ސާޖިދާ ޔޫއޭއީއަށް ފުރާވަޑައިގެންފި

މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް ގެ 7 ވަނަ ސަމިޓަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު މިއަދު ދުބާއީ އަށް ފުރާވަޑައިގެންފި އެވެ.ރައީސް އޮފީހުން ބުނި ގޮތުގައި މެޑަމް ސާޖިދާގެ މި ދަތުރުފުޅަކީ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތް ވަނަ ސަމިޓު ޝަރަފުވެރިކޮށް ދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.ރައީސް އޮފީހުން ބުނީ މިމަހުގެ 18 އިން 19 އަށް ކުރިއަށްދާ މި ސަމިޓުގެ އިފްތިތާޙީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.މި ބައްދަލުވުންތަކުގައި މަޝްވަރާތައް ބިނާކުރުމަށް ހަމަޖެހިފައިވަނީ ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި ތައައްސަބުތައް ނައްތާލުމާއި، އަންހެންކުދީންނަށް ތައުލީމުދިނުމަށް އެއްބާރުލުންދިނުމާއި އަންހެނުން ބާރުވެރިކުރުމާއި ސިއްހީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި އެ ދާއިރާއިން ގާބިލުކަން އިތުރުކުރުމުގެ މައްޗަށެވެ. އެފްރިކާ އާއި އޭޝިޔާގެ ޤައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ ސަމިޓުގައި، މިދިޔަ އަހަރު ޓެންޒޭނިޔާގައި ބޭއްވި މެކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސަށް ފަހު ލިބިފައިވާ ކުރިއެރުންތަކާއި ކުރެވުނު މަސައްކަތްތައްވެސް، ސަމިޓުގެ ބައިވެރިން މުރާޖަޢާ ކުރާނެ އެވެ.މިދިޔަ އަހަރުގެ ލުމިނަރީގެ ކާމިޔާބު މަޝްވަރާތަކަށް ފަހު ސާޖިދާ އަށް ވަނީ، މެކް ފައުންޑޭޝަންގެ "މޯ ދެން އަ މަދާ" ޕްރޮގްރާމުގެ އެންބެސެޑަރުކަން ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ