ޝެއިޚް ނިޝާންއާއި ފަޒްލޫންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފި
ދެހާސް ބާވީސް ވަނަ އަހަރު ޖޫން މަހުގެ 21ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހު ފަޒްލޫން މުހައްމަދާއި އާދަމް ނިޝާންގެ މައްޗަށް ދައުލަތުން ކުރި ޓެޓަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފިއެވެ. ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ދައުލަތުން މުޅި ޖުމުލަ 18 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނަމަވެސް މިހާރު ދޫކޮށްލައިފައިވާ ދެ ޝެއިހުންނަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ދައުވާއެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެ މައްސަލައިގައި ކޮށްފައިވާ ދައުވާތައް މުރާޖާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. އެ ދައުވާތައް މުރާޖާ ކުރުމަށް ފަހުގައި، ޔޯގާ ދުވަހުގެ ހަރަކާތުގައި ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ސީދާ ގޮތުން ބައިވެރިވި ކަމަށް ހެކި ލިބުނު މީހުން ފިޔަވައި، އެހެން މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށްނުގެންދަން ނިންމާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. އެގޮތުން، ޕީޖީން އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައި ވަނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ކޮށްފައިވާ ދައުވާތަކެވެ. އެ ދައުވާތައް މުރާޖާކުރުމުގައި ރިއާޔަތްކޮށްފައިވާ ކަންތައްތަކަކީ: ކުށުގެ އަމަލު ހިނގައިދިޔަ ޔޯގާ ދުވަހުގެ ހަރަކާތް ހިންގުމާމެދު އުފެދުނު ޖަޒުބާތުތަކަށް މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވި އެކަށީގެންވާ ވަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވުން ދައުވާ ލިބޭ ފަރާތްތަކަކީ ކުށުގެ ވެށީގައި އުޅޭ ބަޔަކަށް ނުވެ، މުޖުތަމައުގައި އެމީހުން އަދާކުރާ ދައުރު އެހެންވެ، މި މައްސަލައިގައި ކޯޓުގައި ދެން ކުރިއަށް ދާނީ އެދުވަހު ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާ ގޮތުން ބައިވެރިވި ކަމަށް ހެކި ލިބިފައިވާ މީހުންގެ މައްސަލައެވެ. އެމީހުންގެ މައްޗަށް ކޮށްފައި ވަނީ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ކޮށްފައިވާ މީހުންނަކީ: ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢު ނ. މިލަދޫ، ކާރނޭޝަންމާގެ، އަބޫބަކުރު ފާރިޢު ރ. ކަނދޮޅުދޫ، އަލަމާގެ، އަޙްމަދު އަކްސަމް ގއ. މާމެންދޫ، އަސްރަފީވިލާ، އަޙްމަދު ނަޞޫޙް މ. ކުދެހިގެ، ޙަސަން ޝިފާޒު ފ. ދަނބުރުދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް މއ. ކަނުހުރާ، މުޙައްމަދު ޛިލިއަން މި މައްސަލައިގައި ޝެއިޚް ނިޝާނާއި ފަޒްލޫންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބާތިލުކުރި ނަމަވެސް، މިދިޔަ އަހަރުގެ މާޗް 11ވަނަ ދުވަހު ވަނީ އެ ހުއްދަ އަލުން ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ