ކުޅުދުއްފުށީ އެއާޕޯޓް ފެންސު ހާލަތު ދެރަ، މުބީން ވިދާޅުވީ އެ މައްސަލައަށް އަވަސް ހައްލެއް ލިބޭނެކަމަށް

ކުޅުދުއްފުށީ އެއާޕޯޓް ފެންސު ވަރަށް ބޮޑަށް ހަލާކުވެ ބޮޑު ސަރަހައްދެއް އަރިއަޅާފައިވާ މައްސަލަ ރީޖަނަލް އެއާޕޯޓްސްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލައަށް އަވަސް ހައްލެއް ގެންނާނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.
އެންމެ ގިނަ ދިވެހިން ދަތުރުކުރާ އެއް އެއާޕޯޓްކަމަށްވާ ކުޅުދުއްފުށީ އެއާޕޯޓްގެ ފެންސުގެ ހާލަތު ދަށްވުމުން ދޭތެރެ ދޭތެރެއިން ފެންސުން ވެއްޓެ އެވެ. އަދި މިފަހުން ފެންސުގައި ފިކަޕަކުން ޖެހި ހިނގި ދެ އެކްސިޑެންޓްގައިވެސް ފެންސަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
އެކްސިޑެންޓްވި ސަރަހައްދުގެ ފެންސު ދަގަނޑު ޖަހައި ސަޕޯޓް ދީފައިވީނަމަވެސް އެތަން އޮތީ އަރިއަޅާލަފަ އެވެ. އަދި ފެންސުގެ އެހެން ސަރަހައްދުތަކުގެ ހާލަތުވެސް ވަރަށް ދެރަ އެވެ. ބައެއް ސަރަހައްދުތަކުގެ ދަގަނޑުތައް ބިނދިފައިވާއިރު ކަށިނަރުތައްވެސް ހުރީ ނެއްޓިފަ އެވެ. އެ ފެންސު ކޮންމެ ހާލަތެއްގައިވެސް ވެއްޓިދާނެކަމުގެ ބިރު އެބަ އޮތެވެ.
މިކަމާ ގުޅިގެން ކުޅުދުއްފުށީ އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސް (އާރުސީއެލްގެ) މެނޭޖިންގ ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ، އެ އެއާޕޯޓް ފެންސުގެ ހާލަތު އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ފެންސުގެ މަސައްކަތުގައި ލަސްވީ އެމްއޭސީއެލް އާއި އާރުސީއެލް އެއްކޮށްލުމުގެ މަރުހަލާގައި އުޅޭތީކަމަށާއި އެ މަސައްކަތަކީ އެ މަސައްކަތަކީ އެންމެ އިސްކަންދީފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭކަމެއްކަމަށްވެސް މުބީން ވިދާޅުވި އެވެ.
"އެކަން [ކުޅުދުއްފުށީ އެއާޕޯޓް ފެންސް] ވަރަށް އަވަހަށް ކުރިއަށްގެންދާނަން އިރާދަކުރެއްވިއްޔާ. އެއީ އެންމެ ޕްރިއޯރިޓީގައިވާ މަސައްކަތެއް". އާރުސީއެލްގެ އެމްޑީ ވިދާޅުވި އެވެ.
'ކުންބުޓި-ކުޅިމަތި' މަގަށްވާ ގޮތަށް އެއާޕޯޓް ފެންސު އޮންނައިރު އެ މަގަކީ ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ބޭނުންކުރަމުންދާ މަގެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ