ޕާކިސްތާނާއި އަފްޣާނިސްތާނަށް އައި ބިންހެލުމުގައި 12 މީހަކު މަރުވެއްޖެ
ޕާކިސްތާނާއި އަފްޣާނިސްތާނަށް އިއްޔެ އައި ބިންހެލުމެއްގައި 12 މީހަކު މަރުވެ، 200އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. އެ ބިންހެލުން އައީ، 6.5 މެގްނިޓިއުޑްގެ ބާރުމިނުގައި އަފްޣާނިސްތާނުގެ އިރުއުތުރުގެ ފަރުބަދަމަތީ ސަރަހައްދަކަށެވެ. އެއީ ޕާކިސްތާނު ބޯޑަރު ކައިރީގައި އޮންނަ ސަރަހައްދެއް ކަމަށްވާއިރު ބިންހެލުމުގެ އަސަރު އިންޑިއާއަށް ވެސް ކުރިއެވެ. އެ ބިންހެލުމުގައި ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އެ ގެއްލުމާ ގުޅިގެން މީހުންގެ މެދުގައި ބިރުވެރިކަން އުފެދި، ރޭ ގިނަ ބަޔަކު ނިދީ ގެއިން ބޭރުގައެވެ. ބީބީސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ތެރެއިން ނުވަ މީހަކާއި ކުޑަ ކުއްޖަކު މަރުވެފައިވަނީ ޕާކިސްތާނުންނެވެ. ބާކީ ތިން މީހުން މަރުވެފައިވަނީ އަފްޣާނިސްތާނުންނެވެ. އެ ބިންހެލުން އައިއިރު އަފްޣާންގައި ގިނަ އާއިލާތައް ތިބީ ދީނީ ހަފުލާއެއް ފާހަގަ ކުރުމަށް ގެއިން ބޭރުގައެވެ. ޕާކިސްތާނުގައި ބިންހެލުމާ ގުޅިގެން ފޯނު ލައިންތަކަށް ވެސް ގެއްލުންވެފައިވާއިރު، އެގައުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ގޮސްފައިވެއެވެ. އެ ހާދިސާތަކުގައި ގެއްލުން ލިބުނު މީހުންނަށް އެހީވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އެގައުމުގެ ޑިޒާސްޓާ އެޖެންސީތަކަށް އަންގަވާފައެވެ. މިދިޔަ އަހަރުގެ ޖޫން މަހު އަފްޣާނިސްތާނަށް އައި 6.2 މެގްނިޓިއުޑްގެ ބިންހެލުމެއްގައި 1،000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އެއީ 25 އަހަރު އެގައުމަށް އައި އެންމެ ނުރައްކާތެރި އެއް ބިންހެލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ