އަލިފުށީ ޓިވެޓް ސެންޓަރުގެ ބޮޑުބައި ނިމިއްޖެ

ރ. އަލިފުށީގައި އިމާރާތްކުރާ ޓިވެޓް ސެންޓަރުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ބުނެފިއެވެ. ޕްރޮޖެކްޓްގެ މިހާ ހިސާބަށް އައިއިރު އެ ތަނުގައި ތަރައްގީކުރާ ތިން ބްލޮކްގެ ވެސް ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް ނިންމާ، ރޭނުމުގެ މަސައްކަތްތައް ފަށައިގެން ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ސެންޓަރު ހިންގަން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު، ކިޔަވައިދޭ ޕްރޮގްރާމްތަކުގެ ޓެކްނިކަލް މަސައްކަތްތަކާއި، ކިޔަވައިދޭނެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށް ވެސް ބުނެއެވެ. އަލިފުށީ ޓިވެޓް ސެންޓަރަށް ސްޓޭޓް-އޮފް-ދި-އާރޓް އައިސީޓީ ލެބޯޓަރީ އާއި ވޯކްޝޮޕަށް ބޭނުންވާ އިކުއިޕްމެންޓްތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިކަން ކުރަމުންދަނީ ވޯލްޑް-ބޭންކްގެ އެހީގައެވެ. މި ސެންޓަރުގެ މަސައްކަތް ނިމުމުން އެތަނުގައި ބޯޓް ބިލްޑިންގ ދާއިރާއިން ޚާއްސަ ކޯސްތަކާއި އެހެނިހެން ވޮކޭޝަނަލް ދާއިރާތަކުން ތަފާތު ކޯސްތައް ހިންގުމަށް މަގުފަހިވާނެއެވެ. އަލިފުށީ ޓިވެޓް ސެންޓަރު ބޯޓް ބިލްޑިންއަށް ހާއްސަ ކުރެވުނީ އަލިފުއްޓަކީ ބޯޓް ބަނުމުގެ މުއްސަނދި ސަގާފަތަކާއި ތާރީހެއް އޮތް ރަށަކަށް ވާތީ ކަމަށްހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ޙަސަން ވިދާޅުވިއެވެ. "މި ޓިވެޓް ސެންޓަރު ދަނާލަކާއެކު ތަރައްގީ ކުރުމުގެ ސަބަބުން، މަސައްކަތުގެ ތަޢުލީމާއި ހުނަރު އަލިފުށިން ލިބިގަންނަން ބޭނުންވާ ޒުވާނުންނަށް އަލިފުށީގައި ތިބެގެން ރައްކާތެރި މާޙައުލެއްގައި އެ ހުނަރު ދަސްކޮށް ތަޢުލީމު ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ. މީގެ އިތުރުންވެސް ރަށުގައި ތިބޭ ޒުވާނުންނަށް މަސައްކަތުގެ ތަޢުލީމާއި ހުނަރު ދަސްކުރުމުގެ ފުރުޞަތު ވަރަށް ގާތުން، އެހާމެ ފަސޭހަކަމާއެކު އަތްފޯރާފަށުން ލިބިގެންދާނެ" ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ. މި އިންސްޓިޓިއުޓުގައި ކަނޑައެޅިފައިވާ ސްޕެޝަލައިޒޭޝަނާ ގުޅޭ ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. މީގެ އިތުރުން، އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. އަދި އެ ތަނުގައި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހިމެނޭހެން ރެކްރިއޭޝަން ބްލޮކެއް ވެސް ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ