މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަން ހާއްސަ އިނާމާބެހޭ ކޮމިޓީއިން ނިންމައިފިއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ދިނުމަށް މިއަހަރު ހަމަޖެހިފައިވަނީ 4 ގިންތިއަކުންނެވެ.
އިނާމު ދިނުމަށް ހަމަޖެހިފައިވާ ފުރަތަމަ ގިންތިއަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ. މިއީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފައިވާ ފަރާތްތަކުގެ އިތުރުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދައިފައިވާ ފަރާތްތަކެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު މި އަހަރު ދޭ ދެވަނަ ގިންތިއަކީ ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތިއެވެ. އަދި ތިންވަނަ ގިންތިއަކީ ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އާ އީޖާދެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއްކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތިއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައިވާ ހަތަރުވަނަ ގިންތިއަކީ ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތިއެވެ. މި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
އާދީއްތަ ދުވަހު ހުޅުވާލާ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ޖޫން މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ