ރައްޔިތުންގެ މައްސަލަތަކުގެ ހައްލަކީ ގާސިމް: ޖޭޕީ

ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖޭޕީން ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އުތުރު ކެމްޕެއިންގެ ޓީމުތަކަށް ހާއްސަކޮށްގެން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން އަމީން ވިދާޅުވީ ގާސިމް ނިކުމެ ހުންނެވީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ކަންކަން ރަނގަޅުކޮށް ރައްޔިތުންގެ ހުރި މައްސަލަތަކަށް ހައްލު ހޯދައިދޭން ކަމަށެވެ.
ރިޔާސީ ރޭހަށް ނިކުމެވަޑައިގެންފައިވާ ކެންޑިޑޭޓުންނަށް ބަލާއިރު ހަގީގީ ކެންޑިޑޭޓަކީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ކަމަށާއި ރައްޔިތުންގެ ހުރި މައްސަލަތަކުގެ ހައްލަކީ ވެސް ގާސިމް ކަމަށް އަމީން ވިދާޅުވި އެވެ. އަދި ރިޔާސީ ރޭހުގައި ވާދަކުރައްވަން ތިއްބެވި ބޭފުޅުންގެ ތެރެއިން ކަންކަމުގެ އަމިއްލަ ތަޖުރިބާ ހުންނެވި ބޭފުޅަކީ ވެސް ގާސިމް ކަމަށް ވިދާޅުވި އެވެ.
"ގާސިމް ވަޑައިގަންނަވަނީ ހައްލުތަކަކާ އެކީގައި. އެއީ އެމަނިކުފާނު އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންގެ މައްސަލަތަކަށް އޮތް ސޮލިއުޝަނެކޭ މި ދަންނަވާ ސަބަބަކީ. އަޅުގަނޑުމެން ބޭނުންވެގެން އުޅޭ ސޮލިއުޝަނަކީ އެމަނިކުފާނު ކަމަށްވީތީ އަޅުގަނޑު މި ދަންނަވަނީ ތި ބޭފުޅުން ތި ތިއްބެވީ އެންމެ ފުރިހަމަ ޓްރެކުގައޭ." އަމީން ވިދާޅުވި އެވެ.
ރިޔާސީ ރޭހަށް ނިކުންނެވުމަށް ގާސިމް ނިންމަވާފައިވާއިރު އޭނާ ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވައިފަ އެވެ. މިއިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީން ނިންމީ ކޯލިޝަން ހަދަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވާފައިވަނިކޮށެވެ.
ރިޔާސީ އިންތިހާބާ ގުޅޭގޮތުން ގާސިމް ދާދިފަހުން ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމް އަދި ޖަމިއްޔަތުއްސަލަފް އާއި ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. އަދި އެމްޑީޕީގައި އޮތް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނާއެކު ކޯލިޝަން ހެދުމަށް ވެސް ޖޭޕީން މަޝްވަރާ ކުރި އެވެ. ނަމަވެސް އެ މަޝްވަރާތައް ކޮޅެއްގައި ޖެހިފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ