މާލެ ސަރަހައްދުގެ ޕަވަރ ޔޫސޭޖް ރެކޯޑް މިންވަރަކަށް މަތި، ކަރަންޓު އިގްތިސާދު ކުރުމުގައި ހާއްސަ ސަމާލުކަމެއްދީ: ސްޓެލްކޯ

މާލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އެވްރެޖް ޕަވަރ ޔޫސޭޖް ނުވަތަ އެވްރެޖް އެނާރޖީ ކޮންސަމްޕްޝަން ރެކޯޑް މިންވަރަކަށް މަތިވެފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓޭލްކޯ) އިން ބުނެފިއެވެ.
ސްލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2023 އޭޕްރީލް 24 ވަނަ ދުވަހުގެ މެންދުރު 14:10 ގައި ޕީކްލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާކމަށެވެ. މިއާއެކު، ހުރިހާ ފަރާތްތަކުންވެސް ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމަށްދިނުމަށް އެކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.
އެގޮތުން އާންމު ގޭބީސީ ތަކާއި، ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، އޮފީސްތަކާއި، ސުކޫލުތަކުގެ އިތުރުން، ބޮޑެތި އަދި ކުދި ވިޔަފާރިތަކުންވެސް ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށްވެސް އެކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.
ސްޓެލްކޯއިން ބުނީ ދިރާސާތަކުން ދައްކާގޮތުން، އާންމު ގޭބީސީތަކުގެ ކަރަންޓު ބިލްގެ 40 އިންސައްތަ ހިއްސާ ކުރަނީ ފިނިކުރުމަށް ގެންގުޅޭ އެއާރކޮންޑިޝަން ފަދަ އާލާތްތަކުން ކަމަށްވާތީ، ހުރިހާ ފަރާތްތަކުންވެސް 25°C އަށްވުރެ ދަށް ނުވާނެހެން އެއާރކޮންޑިޝަން ބެހެއްޓުމަށް ސަމާލުކަން ދިނުމަކީ މުހިންމުކަމެއް ކަމަށެވެ.
” މިދުވަސްވަރު ޕީކް ހޭންޑްލް ކުރުމަށްޓަކައި، ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުމާއި، އެހީތެރިކަން މިކުންފުންޏަށް ބޭނުންވޭ” ސްޓެލްކޯ ބުނެފައިވެއެވެ.
އެކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ވަނީީ ގޭގޭގައި ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތަކާއި، ބޭނުން ކުރަންޖެހޭ ކަރަންޓު އާލާތްތައްފިޔަވާ އިތުރު އާލާތްތަށް މިދުވަސްވަރު ބޭނުން ނުކުރުމަށްވެސް އެދިފައެވެ.
ދިވެހިރާއްޖޭގެ މުސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މި ދުވަސްވަރަކީ ރާއްޖެއަށް މިއަހަރުގެ ތެރޭ އެންމެ ހޫނުގަދަވާނެ ދުވަސްތައްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ