ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވެ، ހދ. ނައިވާދޫ، ބ. އޭދަފުށި، ވިލިމާލެ އަދި ގއ. ދެއްވަދޫން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
އޭދަފުށްޓާއި ދުވާފަރު ކުޅުނު މެޗު 2-2 އިން އެއްވަރުވެ، ޕެނަލްޓީގައި އޭދަފުށި މޮޅުވީ 6-4 އިންނެވެ. ނައިވާދޫން ވަނީ ކުއާޓާ ފައިނަލުގައި، އއ. މަތިވެރި އަތުން 4-2 އިން މޮޅުވެފަ އެވެ. ވިިލިމާލޭން 5-1 އިން ދ. ކުޑަހުވަދޫ އަތުން މޮޅުވިއިރު، ތ. ތިމަރަފުށްޓާއި ގއ. ދެއްވަދޫގެ މެޗު 3-3 އިން އެއްވަރުވެ، ޕެނަލްޓީގައި ދެއްވަދޫން ކުރިހޯދީ 8-6 އިންނެވެ.
ރޭ ކުޅުނު ކުއާޓާ ފައިނަލްގައި އޭދަފުށީގެ މުހައްމަދު ފާސިރު (ފާއްޓެ) ޖެހި ގޯލެއް ވީޑިއޯ ސަޕޯޓުން ބަލާފައި ނިންމީ ބަލައިނުގަތުމަށެބެ. އޭދަފުށީގެ އަލީ ނަސީމް (ދިއްލި) ހާފުގެ މެދެއްހާ ހިސާބުން ޖެހި ގޯލުން ލީޑުނެގިއިރު، ދުވާފަރުގެ ކިކް-އިންއެއްގައި ފޮނުވާލި ބާރު ބޯޅައެއް މިސްރާބު ބަދަލުވީ އޭދަފުށީގެ އިމްތިޝާލް އަބްދުލް ރަހީމް އަތުން ބައިކޮޅަށް ގޯލަށް ވަދެގެންނެވެ. އޭދަފުށީގެ ހުސައިން ޝަރީފް (މުޑާ) އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، ޕްވަޕްލޭގައި ކުރިއަށް ޖެހި، ދުވާފަރުން 38 ސިކުންތު ބާކީ އޮއްވައި އެއްވަރުކުރީ ނޫހު އިބްރާހިމް ޖެހި ލަނޑުންނެވެ.
ޕެނަލްޓީގައި މޮޅުވުމުން އޭދަފުށީ ކުޅުންތެރިން އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ޕެނަލްޓީގައި މި ފަހަރު ވެސް އޭދަފުށީގެ ތަރި އަކީ ކީޕަރު މުހައްމަދު ޝާން އެވެ. ޝާން ވަނީ ދެ ޕެނަލްޓީ މަތަކޮށްފަ އެވެ. މި ފަަހަރުގެ ގޯލްޑަން ޗެރިޓީ ޝީލްޑާއި ޒޯން ތިނެއްގެ ތަށި އޭދަފުށްޓަށް ޕެނަލްޓީ ޖަހައިގެން ހޯދީ ވެސް ޝާންގެ ހުށިޔާރުކަމާ އެކު އެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު ނައިވާދޫގެ ކެޕްޓަން، ޔާމީން މުހައްމަދު (ޔާންޓެ) ގެ ލަނޑުން އެ ޓީމު ލީޑުނެގި މި މެޗުގައި، މުހައްމަދު ޝަފްރާޒް ޖެހި ލަނޑުން އެއްވަރުކުރި އެވެ. ނައިވާދޫން ދެ ވަނަ ފަހަރަށް ލީޑު ހޯދީ ހުސައިން މައިޝާން (ޓޯނު) ޖެހި ލަނޑުންނެވެ. މަތިވެރީގެ ކީޕަރު، ހުސެއިން ސަބީލް (ސައްބެ) އަށް ރަތް ކާޑެއް ދެއްކިއިރު، ނައިވާދޫން އަނެއް ލަނޑުތައް ޖެހީ، މުހައްމަދު އަސްލަމް (މޯންޑެ) އާއި މެޗުގެ މޮޅު ކުޅުންތެރިޔާ އަހުމަދު ހަމީދު (އައްމަޑޭ) އެވެ. މަތިވެރީގެެ ފަހު ލަނޑު ޖެހި އަބްދުﷲ ފިޒާން އަބްދުލް ގަފޫރު (ފިޒޭ) އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.
ނައިވާދޫ ޓީމުގެ ޔާންޓެ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ތިމަރަފުށިން ރޭގެ މެޗުގައި އަބްދުﷲ ޒިޔާންގެ ގޯލުން ލީޑުނެގިއިރު، ދެއްވަދޫން ފުރަަތަމަ ހާފުގައި ނަތީޖާ އަނބުރާލީ މުހައްމަދު އިމްރާން (އިންމި) ޖެހި ދެ ގޯލުންނެވެ. ދެ ވަނަ ހާފުގައި އިބްރާހިމް ސިނާހު (ސިނާ) ތިމަރަފުށްޓަށް އެއްވަރުކޮށްދިންއިރު، ދެއްވަދޫގެ ފަސް ފައުލު ހަމަވި ފަހުން ކުރި ހަ ވަނަ ފައުލަށް ދިން ދުރު ޕެނަލްޓީން އަހުމަދު އަފްލާޒު ޖެހި ގޯލުން ތިމަރަފުށިން ލީޑުނެގި އެވެ. އެކަމަކު، އޭގެ ފަހުން، ތިމަރަފުށީގެ މުހައްމަދު ތޯހިރު (ތޯއްޓޭ) އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކި ފަހުން، ދެއްވަދޫގެ އަލީ ހައިޝަމް (ޗުމްޕު) ލަނޑު ޖަހައި، ދެއްވަދޫ އަށް އެއްވަރުކޮށްދިނެވެ.
ޕެނަލްޓީގައި ދެ ޓީމުގެ ޕެނަލްޓީގެ ތެރެއިން ވެސް ނާކާމިޔާބުވީ ސިނާ ޖެހި ޕެނަލްޓީއެވެ. ދެއްވަދޫން ކީޕަރު ސާއިމް ޕެނަލްޓީ އަށް އެރުވި ނަމަވެސް ފަހުން، ޕެނަލްޓީ ތެރެއިން، ސާއިމްގެ ބަދަލުގައި އިބްރާހިމް ޝަޒްލީލް ކުޅެން ނެރުމާ އެކު، އޭނާ ވަނީ ސިނާގެ ޕެނަލްޓީ މަތަކޮށްފަ އެެވެ. ދެއްވަދޫ މޮޅުވި ޕެނަލްޓީ ވައްދާލީ މެޗުގެ މޮޅު ކުޅުންތެރިޔާ އިންމި އެވެ.
ކުޑަހުވަދޫ ކޮޅަށް ވިލިމާލެ އަށް ލަނޑުތައް ޖަހައިދިނީ، އިސްމާއީލް ވަޖީހު (ވައްޖެ)، އިސްމާއީލް ވިފާގު (އިއްސެ)، އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ލަނޑު ޖެހިއިރު، އަނެއް ލަނޑަކީ، ކުޑަހުވަދޫގެ ހާރޫން އިބްރާހީމް (ހާންޑޯ) އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގައި، ކުޑަހުވަދޫގެ ލަނޑު ޖެހީ މުހައްމަދު އަރީޝް އެވެ.
އޭދަފުށްޓާއި ނައިވާދޫ އަދި ވިލިމާލެ އާއި ދެއްވަދޫ ކުޅޭ ސެމީ ފައިނަލް މެޗުތައް އޮތީ ބުދަ ދުވަހުގެރޭގަ އެވެ.
ސެމީގައި އޭދަފުށި، ނައިވާދޫ، ވިލިމާލެ އަދި ދެއްވަދޫ ސެމީގައި އޭދަފުށި، ނައިވާދޫ، ވިލިމާލެ އަދި ދެއްވަދޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ