ޞަހްޔޫނީ ދައުލަތުން އީރާނުގެ 'ދެކުނު ޕާސް' ގޭސް ދަނޑުތަކަށް ދިން ނުރައްކާތެރި ޙަމަލާގެ ބަދަލުހިފުމުގެ ގޮތުން، ގަލްފް ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ސަޢޫދީ ޢަރަބިއްޔާއާއި ޤަޠަރުގެ ހަކަތައިގެ ބިނާރާއި ވަޞީލަތްތަކަށް އީރާނުން ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފިއެވެ. ފެބުރުވަރީ 28 ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާ ގުޅިގެން އެއްވެސް ޙައްޤަކާ ނުލައި ފެށި މި ހަނގުރާމަ މިހާރު ވަނީ މުޅި ސަރަޙައްދަށް ފެތުރި، ދުނިޔޭގެ އިޤްތިޞާދަށް މުހިންމު މަގެއް ކަމުގައިވާ ހުރްމުޒް ކަނޑުއޮޅި ބަންދުވެ، އިޤުތިޞާދަށް ބޮޑު ކާރިސާއެއް ކުރިމަތިވެފައެވެ.
އީރާނުން ބުނީ، މިއީ އެމެރިކާގެ ފުރިހަމަ ތާޢީދާއެކު ޞަހްޔޫނީން ހިންގި ޖަރީމާއަށް ދޭ ޙައްޤު ރައްދެއް ކަމުގައެވެ. މި ޙަމަލާތަކުގައި ޤަޠަރުގެ ރާސު ލިއްފާން ސަރަޙައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟަށް އަމާޒުކުރި ހަތަރު ބެލިސްޓިކް މިސައިލެއް ދިފާޢުކޮށް ވައްޓައިލާފައިވާ ކަމުގައި އެ ޤައުމުން ބުނެއެވެ. އަދި، އެކުވެރި ޢަރަބި ޢިމާރާތުގެ (ޔޫއޭއީ) އަލް-ޙަޞްނު ތެޔޮ ވަޅާއި ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ ސާފުކުރާ ދެ ކާރުޚާނާއަކަށް ޙަމަލާތައް އަމާޒު ކުރާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ. މި ހަނގުރާމައާ އެކު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 108 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އުފުލި، އެމެރިކާގައި ޑީސަލްގެ އަގު ވަނީ 5 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ.
އީރާންގެ ދެކުނު ޕާރސް ގޭސް ވަޅުތަކަށް ޔަހޫދީން ޙަމަލާ ދީފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުމާއި ތާޢީދާ އެކުގައެވެ. މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، އެމެރިކާއިން އިސްވެ ފެށި ހަނގުރާމައިގެ ނަތީޖާ އެމެރިކާގެ ރައްޔިތުންނަށް ވެސް ވަރަށް ހިއްޗެވެ. ފެބްރުއަރީ މަހު އެމެރިކާގެ ބާޒާރުގެ އަގުތައް ފާއިތުވި ހަތް މަސްދުވަހު ނުއުފުލޭ މިންވަރަށް ވަނީ އުފުލިފައެވެ. އަދި، އީރާނުން ދެމުންދާ ރައްދު ޙަމަލާގައި ޔަހޫދީިންގެ 17 މީހުން މަރައިލައި، އިތުރު 3,727 މީހުން ޒަޚަމު ކޮށްލާފައިވާއިރު، އެމެރިކާ ސިފައިންގެ 13 މީހަކު ވެސް ވަނީ މަރައިލާފައެވެ. އަދި، އީރާނުން ޒަޚަމު ކޮށްލާފައިވާ އެމެރިކާ ސިފައިންގެ އަދަދު 140 އަށްވުރެ މައްޗަށް އަރައެވެ.
ގޭސް ވަޅަށް ޙަމަލާ ދިނުމުން އީރާންގެ ރައްދު ޙަމަަލާ ގަލްފުގެ ޤައުމުތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ