ކުރިއަށް އޮތް ޖީލުތަކުގައި ފުލުހުން ތަމްރީނުކުރުމުގައި ދިގު މުއްދަތެއްގައި ފުލުހުންގެ ޙިދުމަތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންގެ ތަޖުރިބާ ވަރަށް މުހިންމު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސީޕީ މިފަދައިން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގައި 35 އަހަރު ހޭދަކުރައްވާފައިވާ އޮފިސަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމަކީ ގައުމަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ފުލުހުންގެ ހިދުމަތުގެ އަގު ވަޒަންކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރު ވަނީ އެ އޮފިސަރުންގެ ހީވާގި މަސައްކަތާއި ޕްރޮފެޝަނަލިޒަމަށް ޝުކުރު އަދާކުރައްވައި، ވާޖިބު އަދާކުރެއްވުމުގައި އެ ބޭފުޅުން ވެވަޑައިގަންނަވަމުން ގެންދަވާ ގުރުބާނީ ފާހަގަކުރައްވައިފައެވެ.
އަދި ފުލުހުންގެ މުއައްސަސާ ހިންގުން ހަރުދަނާ ކުރުމުގައާއި ކުރިއަށް އޮތް ޖީލުތަކުގެ ފުލުހުން ތަމްރީނުކުރުމުގައި އެ ބޭފުޅުންގެ ތަޖުރިބާގެ މުހިންމުކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
މިފަދަ ދިގު މުއްދަތެއްގެ ހިދުމަތަކީ ތެދުވެރިކަމާއި، ސާބިތުކަމާއި، ރައްޔިތުންނަށް ހިދުމަތްކުރުމުގެ ވަފާތެރިކަމުގެ ނަމޫނާއެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މުއައްސަސާގެ އެކިއެކި ކަންކަމާ ގުޅޭގޮތުން ތަޖުރިބާ ހިއްސާކޮށް މަޝްވަރާކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގައި ފުލުހުންގެ ހިދުމަތް ތަރައްގީވެ ބަދަލުވެގެން އައިސްފައިވާ ގޮތާއި، އެކި ދުވަސްވަރު ކުރިމަތިވި ގޮންޖެހުންތަކާއި، މުޖުތަމައުގެ އިތުބާރު ދެމެހެއްޓުމުގެ މުހިންމުކަމާ ބެހޭ ގޮތުން އޮފިސަރުން ތަޖުރިބާ ހިއްސާކުރެއްވިއެވެ.
ކޮމިޝަނަރު ވަނީ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އޮފިސަރުންގެ އިލްމާއި ތަޖުރިބާއަކީ މިހާރު ހިނގަމުންދާ މަސައްކަތްތައް ކުރިއެރުވުމުގައި އަގުނުކުރެވޭފަދަ މުހިންމު ތަޖުރިބާތަކެއްކަން ފާހަގަކުރައްވާފައެވެ.
ފުލުހުން ތަމްރީނުކުރުމުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ފުލުހުންގެ ތަޖުރިބާ މުހިންމު: ސީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ