އަރިޖިތު އުފައްދާ ފިލްމުގައި ނަވާޒުއްދީންގެ ދަރިފުޅު
އިންޑިއާގެ މަގުބޫލު މިއުޒީޝަން އަދި ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް އުފައްދާ ފިލްމުގައި ބޮލީވުޑްގެ އެކްޓަރު ނަވާޒުއްދީންގެ އަންހެން ދަރިފުޅު ޝޯރާ ފެންނާނެކަން ކަށަވަރުވެއްޖެއެވެ. އެހެންނަމަވެސް އަރިޖިތު އުފައްދާ މި ޕްރޮޖެކްޓާ ބެހޭ ތަފުސީލީ މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ހިންދީ ސިނަމާގެ މަގުބޫލު ލަވަކިޔުންތެރިޔާ ފިލްމުތަކަށް ލަވަކިޔުން ހުއްޓާލިކަން އިއުލާނުކުރުމާ އެކު އޭނާ ފިލްމު ޑައިރެކްޝަނަށް ނުކުންނަން އުޅޭ ކަމުގެ އަޑުތަކެއް އަރާފައިވީ ނަމަވެސް އަރިޖިތުގެ ފަރާތުން އެކަމާގުޅޭ މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މިގޮތުން އޭނާގެ ފުރަތަމަ ފިލްމުގެ މުހިންމު ރޯލަކަށް މަޝްހޫރު އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ ދަރިފުޅު ޝޯރާ ސިއްދީގީ ނަގާފައިވާކަން މީގެކުރިންވެސް މީޑިއާ ރިޕޯޓުތަކުން ބުނެފައިވެއެވެ. ޝޯރާ ބައްޕަ ނަވާޒުއްދީންއާ އެކު ފިލްމީ ހަފްލާއެއްގައި--ފޮޓޯ/މިޑްޑޭ މި ފިލްމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އަރިޖިތު މިހާރު ދަނީ ލަންޑަނުގައި މި ފިލްމުގެ މަންޒަރުތައް ނަގަމުންނެވެ. މިއީ އޭނާ އަމިއްލައަށް ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާ ފިލްމެއް ކަމަށް ފިލްމީ ހަބަރުތަކުން އަންނަނީ ބުނަމުންނެވެ. ބޮލީވުޑް ހަންގާމާއަށް މަޢުލޫމާތު ދިން މަސްދަރަކުން ހާމަކުރި ގޮތުގައި، މިއީ އަރިޖިތުގެ އަމިއްލަ ހިޔާލަކަށް އުފައްދާ ފިލްމެކެވެ. އޭނާ އަމިއްލައަށް މި ފިލްމު އުފައްދަން ނިންމީ، ފަންނުވެރިއެއްގެ ހައިސިއްޔަތުން އޭނާ ބޭނުންވާ ފުރިހަމަ މިނިވަންކަމާ އެކު މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ބޭނުމުގައެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ތަފާތު ތިން މާހައުލަކުން އަންނަ ތިން ޒުވާނެއްގެ މައްޗަށެވެ. މީގެ ތެރެއިން އެއް ރޯލެއް ކުޅެނީ ޝޯރާ ސިއްދީގީއެވެ. ފިލްމުގައި ދައްކުވައި ދެނީ މުޖުތަމައުގެ ތަފާތު ފަންތިތަކަށް ނިސްބަތްވާ މި ތިން ޒުވާނުންގެ ދިރިއުޅުން އެކި ސަބަބުތަކާހުރެ ގުޅިގެންދާ ގޮތެވެ. މީގެ އިތުރުން، އިންސާނާގެ ދިރިއުޅުމުގެ ފެންވަރާއި، ލިބޭ ފުރުސަތުތަކާއި، ބޮޑުވާ މާހައުލުގެ ސަބަބުން މީހާގެ ނިންމުންތަކަށާއި، އުންމީދުތަކަށް އަދި އަހްލާގަށް ކުރާ އަސަރުތައް މި ފިލްމުން ފުންކޮށް ދައްކުވައިދޭނެއެވެ. ހާއްސަކޮށް ބޮޑެތި ސިޓީތަކުގައި ފެންނަ އިޖުތިމާއީ ތަފާތުތަކުގެ މައްޗަށް މި ފިލްމުގައި އަލިއަޅުވާލާފައިވާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މި ފިލްމު ރިލީޒްކުރާނީ އަރިޖިތު އަމިއްލައަށް ކަމެއް ނުވަތަ ބޮޑު ޕްރޮޑަކްޝަން ހައުސްއަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ. މިވަގުތު އޭނާ ހުރީ މުޅި މަޝްރޫއުގެ ކޮންޓްރޯލް އަމިއްލައަށް ނަގައިގެން ކަމަށްވިޔަސް، ކުރިއަށް އޮތް ތަނުގައި މިކަން ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހަބަރުތައް ބުނެއެވެ. ކުޅަދާނަ އެކްޓަރު ނަވާޒުއްދީންގެ ދަރިފުޅު ޝޯރާ އަކީ ފިލްމީ ތަރިންގެ ކުދިންގެތެރެއިން މިފަހަކަށް އައިސް މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބޭ އެއް 'ސްޓާ ކިޑް'އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ