100 އަށްވުރެ ގިނަ ބަންދު ރިކޯޑު އޮތް މީހެއް، ފޭރުމުގެ މައްސަލައެއްގައި ޖަލަށް

އެކި ބާވަތްތަކުގެ މައްސަލަތަކުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ މީހެއްގެ މައްޗަށް ފޭރުމުގެ މައްސަލައެއްގައި ޖަލު ހުކުމެއް އިއްވައިފިއެވެ. އެކި ބާވަތްތަކުގެ މައްސަލަތަކުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ މީހަކީ، ތ. ތިމަރަފުށީ ލަކީހައުސް، ސަފްވާން އަލީއެވެ. އޭނާގެ މައްޗަށް ފޭރުމުގެ މައްސަލައެއް ސާބިތުވެ ޖަލު ހުކުމެއް، މިދިޔަ ހަފުތާގައި އިއްވީ ބޭރު މީހެއްގެ އަތުން 33،500 ރުފިޔާ ފޭރިގެން މައްސަލައިގައެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު، އެހެން މީހާކާ އެކު ފޭރުނު މި މައްސަލައިގެ ޝަރީއަތުގައި އޭނާވަނީ ކުށަށް އިއުތިރާފުވެފައެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވީ، ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ރިކޯޑްތަކުން ދައްކާ ގޮތުގައި ލެޕްޓޮޕެއް ވަގަށް ނެގި ކަމަށް ތުހުމަތުގައި ވެސް ވަރަށް ފަހުން އޭނާ ހައްޔަރު ކުރިއެވެ. މި މީހާއަކީ އެކިއެކި މައްސަލަތަކުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހާފައިވާ މީހެކެވެ. މީގެ ކުރިން އޭނާ ހައްޔަރުކޮށްފައިވާ ކަންކަމުގެ ތެރޭގައި، ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައަކާއި، ޓްރިމަރަކާއި ފަސް ފޮށި ގަލަން ވަގަށް ނެގި މައްސަލައެއް ހިމެނެއެވެ. އޭގެ ފަހުން ޓްރިމަރަކާއި ގަލަންތަކެއް ވަގަށް ނެގި މައްސަލައެއް ވެސް ފެންމަތިވިއެވެ. އެ ފަހަރު ވެސް ބަންދު މުއްދަތު ޖެހި ކަމަށް ރިކޯޑްތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ