ހިމޭން އަޑުގެ ނަމުގައި ޓީވީ ޕްރޮގްރާމެއް ފަށައިފި

ގެވެށި އަނިޔާ ނުވަތަ ވަކި ވަކިޖިންސަކަށް ނިސްބަތްވީތީ ކުރެވޭ އަނިޔާއަށް އަމާޒުކޮށް އޮސްޓްރޭލިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝް (އަމްފާ) ގެ ފަރާތުން އެސްއެސްމީޑިޔާއާއި ގުޅިގެން އުފައްދާ ޓީވީ ސިލްސިލާ "ހިމޭން އަޑު" ގެ ފުރަތަމަ އެޕިސޯޑު ރޭގަ އެސްއެސްޓީވީ އިން ދައްކައިފިއެވެ.
ވަރަށް މުހިންމު މަޢުލޫމާތު ތަކެއް ބެލުންތެރިންނަށް ގެނެސްދިން ރޭގެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެންނެވީ ޔޫއެންއެފްޕީއޭ ހެޑް އޮފް އޮފީސް ޝާދިޔާ އިބްރާހިމްއާއި މަދަނީ ޖަމިއްޔާއެއްކަމަށްވާ ހޯޕް ފޮރ ވިމެންގެ ޗެއަރޕާރސަން އަޙުމަދު އަންވަރެވެ. 
ރޭގެ ޕްރޮގްރާމްގައި ގެވެށި އަނިޔާ ނުވަތަ ވަކި ވަކިޖިންސަކަށް ނިސްބަތްވީތީ ކުރެވޭ އަނިޔާ މާނަ ކޮށްދިނެވެ. އަދި ޕްރޮގްރާމްގައި ގެވެށި އަނިޔާ ނުވަތަ ވަކިޖިންސަކަށް ނިސްބަތްވީތީ ކުރެވޭ އަނިޔާތަކަކީ އިންސާނީ ހައްގު ތަކާއި ގުޅިފައިވާ ކަންކަންކަމުގައި ފާހަގަކުރިއެވެ. 
އަނިޔާތަކުގެ ޝިކާރައަކަށްވެފައިވަނީ ހަމައެކަނި އަންހެނުން ނޫންކަމާއި ފިރިހެނުންނާއި ދެ ޖިންސުގެ ކުޑަކުދިންވެސް މި އަނިޔާތައް ތަހައްމަލު ކުރަމުންދިޔަ ކަމުގައި ވިޔަސް  ނިސްބަތުން އަންހެނުންނަށް އަނިޔާ ލިބޭ މިންވަރު ބޮޑުކަން ތަފާސްހިސާބުތަކުން ދައްކާކަމަށް ފްރޮގްރާމަގައި ފާހަގަކުރިއެވެ.
މީގެ އިތުރުން، މިއަދުގެ ދިވެހި މުޖުތަމަޢުގައި، އޮންލައިންކޮށް، ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެވޭ އަނިޔާ އިތުރުވަމުންދާ ކަމަށްވެސް ފާހަގަ ކުރިއެވެ.  
 ހިމޭންއަޑުގެ ސިލްސިލާ އެސްއެސްޓީވީއިން ދައްކާނީ ކޮންމެ ބުދަދުވަހެއްގެ ރޭގަޑު 10ގަ އެވެ.
 ހިމޭންއަޑުގެ ސިލްސިލާ ފެށުނީ ބެލުންތެރިންނަށް ކުރި އިލްތިމާސުގެ މެސެޖަކުންނެވެ. އެ އިލްތިމާސްގެ މެސެޖުގައި ޕްރޮގްރާމްގައި ގެވެށި އަނިޔާގެ ވާހަކަ ދެކެވޭނެކަމަށާއި އޭގެ ތެރޭގައި ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާގެ ވާހަކަ ހިމެނޭނެކަން ފާހަގަކޮށްފައިވެއެވެ.
ބެލުން ތެރިންނަށް ނުތަނަވަސްކަން އިޙްސާސް ކުރެވިދާނެ ފަދަ ވާހަކަތަކެއް ދެކެވޭނަމަ، ޕްރޮގްރާމް ބެލުމުގައި ސަމާލުވުމަށް ނުވަތަ ޕްރޮގްރާމް ބެލުން މެދުކަނޑާލުމަށް ނަސޭޙަތްތެރިވެފައިވެއެވެ.
އަމްފާއަކީ އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ވިސްނުމުގައި 2024 ވަނަ އަހަރު ރަޖިސްޓްރީ ކުރެވިފައިވާ މަދަނީ ޖަމްޢިއްޔާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ