ރައީސް އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަންއަށް މުހައްމަދު ހުސައިން ޝަރީފް

ރައީސް މުހައްމަދު މުއިއްޒު، ރައީސް އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަންކަމުގެ މަގާމަށް މުހައްމަދު ހުސައިން ޝަރީފް، މ. ކޮތަންމާގެ، އައްޔަންކުރައްވައިފި އެވެ. އޭނާ މި މަގާމަށް އައްޔަންކުރެއްވީ މިނިސްޓަރުންގެ ފެންވަރު ގައެވެ.
ތަފްސީލު - މީގެ ކުރިން މުހައްމަދު ހުސައިން ޝަރީފް ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ބޭރުގެ އެކިއެކި ގައުމުތަކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުތައް އެކި ދުވަސްވަރު ފުރުއްވާފަ އެވެ.
އޭގެ އިތުރުން އޭނާ ވަނީ، ރައީސް އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްމަންކަން 2005 އިން 2007 އަށް އަދި ޕްރެޒިޑެންޝަލް ސްޕޯކްސްޕާސަންކަމުގެ މަގާމު 2007 އިން 2008 އަށް ފުރުއްވުމުގެ އިތުރުން ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައި ވެސް މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.
މުހައްމަދު ހުސައިން ޝަރީފް އެންމެ ފަހުން އަދާކުރައްވާފައިވަނީ ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމެވެ.
ފާހަގަކޮށްލެވޭ ކަމެއް - މުހައްމަދު ހުސައިން ޝަރީފް އެންމެ ފަހުން އަދާކުރެއްވި ޔޫއޭއީ ސަފީރުގެ މަގާމުން ވަކިކުރެއްވީ، އޭނާގެ މަންމަ، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ރައީސް މުހައްމަދު މުއިއްޒާ ދެކޮޅަށް ވާހަކަ ދައްކަވާ ފޯން ކޯލެއް ލީކުވެފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ