ރިޔާސީ އިންތިހާބާއި ރައްޔިތުންގެ އިންތިހާބު އެއްކޮށްލުމަކީ ދިގު ދެމިގެންދާނެ ގޯހެއް ކަމަށާއި ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީން މިއަދު ހުޅުމާލެ ފޭސް 1ގެ ރުއްގަނޑު 1 ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޕިކަޕް ޖަލްސާގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ ސަރުކާރުން ރައްޔިތުން ކައިރިއަށް ގޮސް ރައްޔިތުން ބޭނުންވާ ކަންތައް އޮޅުންފިލުވާ އެ ކަންތައް ފުއްދައިދޭނެ ހާލަތެއް ދެން އަންނާނީ ދެ އިންތިހާބު އެއްކޮށްލުމާ މެދު ނަގާ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނެގެން ކަމަށެވެ.
އެނގުން މުހިއްމު - މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނޫއަަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
އެކަން އެގޮތަށް ކުރުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހެ އެވެ. އެ ވޯޓު އަންނަ 4 އެޕްރީލްގައި އޮންނަ ކައުންސިލް އިންތިހާބާ އެކު ނަގަން މިހާރު ވަނީ ނިންމާފަ އެވެ.
ތަފްސީލް - މެންބަރު ޒިޔާދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލާ، ރާއްޖޭގައި ބާއްވާ އިންތިހާބުތައް މަދުކުރުމަށް ނޫނެކޭ ބުނުމަށް ރައްޔިތުންގެ އަރިހުން އެދޭ ކަމަށެވެ.
"އަޅުގަނޑުމެން މި ދައްކާ [ވާހަކައަކީ] ތާ އަބަދަށް ގާނޫނުއަސާސީ ބަދަލު ކުރަނިއްޔޭ. ރާއްޖޭގައި ދެން ވޯޓު ލާނީ އެއްފަހަރުއޭ. ތާ އަބަދަށް. ފަސް އަހަރަކުން ނޫނޭ،" ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މިހާރު ވަޒީފާގެ ކުރިއެރުން ވެސް ލިބެނީ އިންތިހާބުތަކާ ދިމާކޮށް ކަމަށާއި އިންތިހާބުތައް މަދުވުމަކީ ފަރުދީ ގޮތުން ވެސް ގެއްލުންވާނެ ކަމެއް ކަމަށެވެ.
"އަދި ރަށަކަށް ބަލާއިރު އެރަކަށް ވެސް އެންމެ ބޮޑު ގެއްލުމެއް މި ދިމާވަނީ އިންތިހާބުތައް ނެތުމުން،" އޭނާ ވިދާޅުވި އެވެ.
"[ސަރުކާރަށް] ދެ އަހަރު ބައި ވަންދެން ހަމަ ހިރިވެސް ނުލާ ހުރި އެސްކެވޭޓަރުތައް މިހާރު ދެފައި އެއްތާކު ނުޖަހާ ރަށްރަށު ކޮޅުކޮޅު މައްޗަށް އެ ދުވަނީ. ކުރިން ވެސް އެ ރަށްރަށުގައި އެ މަސައްކަތްތައް ހުރި."
ޒިޔާދު ވިދާޅުވީ އެމްޑީޕީން މަގުމައްޗަށް ނިކުމެ ޖަލްސާތައް ބާއްވަނީ ސަރުކާރުން އިންތިހާބުތައް މަދުކުރަން އުޅޭތީ ކަމަށެވެ. ފެންނަ ނުފެންނަ ވޯޓުގައި ދެ އިންތިހާބު އެއްކޮށްލަން ފާސްކޮށްފި ނަމަ، ދެން އެއްވެސް ސަރުކާރަކުން ރައްޔިތުންގެ ކައިރިއަށް ދާން ނުޖެހޭނެ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުޑަކުރަން އެބައޮތް ކަމަށާއި އެއާ އެކު ދެން ރައީސްގެ ދައުރު ދިގުކުރުމަކީ ވެސް ކައިރި ކަމެއް ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.
"މިއިން އަރައިގަތުމަށް މި އޮތީ އަޅުގަނޑުމެން މި ނަގާ ފެންނަ ނުފެންނަ ވޯޓުގައި ސާފު ބަހުން ނޫނެކޭ ބުނުން،" މެންބަރު ވިދާޅުވި އެވެ.
"އިތުރަށް ދެ އިންތިހާބު އެއްކޮށްގެން އަދި އެއްބުރުން [ރައީސް] ހޮވޭ ގޮތް ހަދައިގެން ވެރިކަމުގެ ދައުރު ދިގު ކުރަން އެ އުޅޭ އުޅުމަށް [ނޫނެކޭ ބުނުން]."
ދެ އިންތިހާބު އެއްކުރުމަކީ ގޯހެއް؛ ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ: ޒިޔާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ