ސްކޫލުތަކުގެ އާބާތުރަ ފިލުވަން މި ސަރުކާރުން ކުރި ވަރަށް އެހެން ސަރުކާރުތަކުން މަސައްކަތެއް ނުކުރޭ: ޝަފީޢު

ސްކޫލުތަކުގެ އިމާރާތްތަކުގެ އާބާތުރަ ފިލުވުމަށް މި ސަރުކާރުން ކުރި ވަރަށް ކުރީގެ އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ، އަންނަ އަހަރު ބޭނުންކުރެވޭ ވަރަށް ސްކޫލުތަކުގެ 30 އިމާރާތުގެ މަސައްކަތް ނިންމައިލެވޭނެ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'އަށް ޝަފީޢު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ އަހަރުވެސް ސްކޫލުތަކުގެ އާބާތުރަ ފިލުވުމަށް 30 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށާއި، މިއަހަރުގެ މިހާތަނަށް 70 މިލިއަން ރުފިޔާ އެ މަސައްކަތަށް ޚަރަދުކުރި ކަމަށެވެ. ޝަފީޢު ވިދާޅުވީ، ސްކޫލުތަކުގެ އިމާރާތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ބޮޑު ބަންދަށް ފަހު ދެން ފެށޭ ދިރާސީ އާ އަހަރަށް ތައްޔާރުވުމަށްޓަކައި 20 މިލިއަން ރުފިޔާ ޚަރަދުކުރުމަށް މިނިސްޓްރީން މިހާރު ވެސް ކަނޑައަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ކޮންޓްރެކްޓަރު ފައިނޭންސް އުސޫލުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް 55 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. "ފެންނަން ހުރި ހިސާބުތަކަށް ބަލައިލައި އިރުގައި އަޅުގަނޑު ދަންނަވާލަން ކެރޭ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސްކޫލުތަކުގެ އާބާތުރަ ފިލުވުމަށް ޓަކައި މިކުރި ވަރަކަށް އެއްވެސް ސަރުކާރަކުން ފާއިތުވެދިޔަ ތިން ހަތަރު ސަރުކާރަކުން ވެސް މަސައްކަތްކުރެވިފައެއް ނޯންނާނެ،" ޝަފީޢު ވިދާޅުވިއެވެ. "ދިގު މުއްދަތަކަށް މަރާމާތުނުކޮށް ދިޔައީމައި، އެއްޗެއް ނުދީ ދިޔައީމައި ކުލަކޮޅެއް ނުދީ ދިޔައީމއި ހުރި މަރާމާތުތައް އެބަހުރި، އަޅުގަނޑުމެންނަށް އެހާ ވަރަށް މި ފައިސާ ހޭދަކުރެވުނުއިރުވެސް އަދިވެސް އެބަހުރި ބޮޑުކޮށް މަރާމާތުކުރަންޖެހޭ ސްކޫލުތައް،" އެއާއެކު، ޝަފީޢު ވިދާޅުވީ، އަންނަ އަަހަރު ބޭނުންކުރެވޭ ވަރަށް ސްކޫލުތަކުގެ 30 އިމާރާތުގެ މަސައްކަތް ނިންމައި ބޭނުންކުރަން ފެށޭ ވަރު ވާނެ ކަމަށެވެ. އަދި އަންނަ އަހަރު ހުޅުމާލެއަށް މަދުވެގެން ހަތަރު ސްކޫލެއް ގެންނާނެ ކަމަށާއި، އެގޮތުން އެ ސްކޫލުތަކުގެ އިމާރާތްތައް އަޅާނެ ސަރަހައްދުތައް ހަމަޖައްސައި، އެ އިމާރާތްތަކުގެ ކުރެހުންތައް މިހާރު ނިމިފައިވާ ކަމަށް، ޝަފީޢު ވިދާޅުވިއެވެ. އޭގެ އިތުރުން، އަންނަ އަހަރު، 1،800 ކުދިންނާއެކީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޝަހީދު ޢަލީ ސްކޫލު ހުޅުވައި ކިޔަވައިދޭން ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ