ދަގަނޑޭ އެނބުރި ކުޅުމުގެ ތެރެއަށް، ސަޕޯޓަރުންނަށް ބޮޑު އުފަލެއް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ނިއު ރޭޑިއަނޓް ސްޕޯޓްސް ކުލަބު ކުޅުނު މެޗަކީ އެ ކުލަބާއި އަދި ސަޕޯޓަރުންނަށް ހާއްސަ މެޗެކެވެ. ގާާތްގަނޑަކަށް ތިން އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރި ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އެރި މި މެޗުގައި ފެނިގެންދިޔައީ އޭނާ ކުޅެން އެރުމާއެކު ސަޕޯޓަރުންގެ ފޯރި އިތުރުވި ވަގުތެއްގެ ގޮތުގައެވެ. އެންމެ ފަހުން ދަގަނޑޭ ފުރަތަމަ ޑިވިޝަނުން ފެނުނީ 19 އޭޕްރީލް 2023 ގައެވެ. އެއީ އޭނާ ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) އަށް ކުޅުނު އިރުގައެވެ. ދަގަނޑޭއަށް އަނިޔާވީ އެ ދުވަހު ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ދަގަނޑޭއަށް އަނިޔާވީ އޭރިއާ ތެރެއިން އޭނާއަަށް ކުރި ފައުލަކާއި ގުޅިގެންނެވެ. އެ ފައުލާއި ގުޅިގެން ޕެނަލްޓީއެއްވެސް ލިބުނެވެ. އޭގެ ފަހުން ދެ އަހަރާޢި 8 މަސްދުވަސް ކުޅުމާ ދުރުގައި ހުރުމަށްފަހު ދަގަނޑޭ އެނބުރި ކުޅުމުގެ ތެރެއަށް އައީ ރޭ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ނިއު ކުޅުނު މެޗުގައެވެ. މި މެޗު ނިއުއިން ވަނީ 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. މި މޮޅާއެކު ނިއުއަށް 12 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ބުރު ސްޕޯޓްސް ކުލަބު ވަނީ 20 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ