އާސިމާ އަބްދުލްގަނީ އަކީ ހިތްވަރާއި ލޯތްބާއި އުއްމީދާ އެކު ފަންނުވެރި މަސައްކަތް ކުރަމުން އަންނަ ވަރުގަދަ ޝަހުސިއްޔަތެކެވެ. އަޅުގަނޑު އާސިމާއާ ބައްދަލުވީ ކުއްލި ގޮތަކަށެވެ. އޭނާގެ ސްޓޫޑިއޯގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބުމުން އިތުރަށް ޝައުގުވެރިވި އެވެ. އަދި އާސިމާ އޭނާގެ މަސައްކަތް އޮޅުންފިލުވައިދިނުމުން އަޅުގަނޑަށް އެނގުނީ އާސިމާ އަކީ އަޅުގަނޑުމެންގެ ގައުމުގައި ވަރަށް މަދުން ނޫނީ ނުފެންނަ ފަދަ ފަންނުވެރިއެއްކަމެވެ.
ފެހުމާއި މާޖެހުމާއި އަތްތެރި މަސައްކަތަކީ އާސިމާ ކޮންމެހެން މަސައްކަތެއްގެ ގޮތުގައި ދެކޭ ކަންކަމެއް ނޫނެވެ. އެއީ އޭނާ ވަރަށް ކުރާހިތުން، ފަރުވާތެރިކަމާއި ލޯތްބާ އެކު ކުރަމުން އަންނަ ކަންކަމެވެ.
އުމުރުން އެންމެ 9 އަހަރުގައި އާސިމާ ފަހަން ފެށީ މަންމަގެ އެހީއާ އެކުގަ އެވެ. އޭރު ވެސް މަންމަ ދިގުހެދުމާއި އެކި ވައްތަރުގެ ހެދުން ފަހާ، ބޮލުފޮތިކޮޅުގައި ތައްގަނޑުޖަހާ، ނުވަތަ ބޯވަޅުގައި އޯކިޑް މާޖަހާ އުޅޭ ވާހަކަ އާސިމާ ކިޔައިދިނެވެ. އެންމެ ހައިރާންވީ އަދިވެސް އާސިމާގެ މަންމައާ އެކު މި މަސައްކަތުގައި އުޅޭތީ އެވެ. އާސިމާއަށް ފަންނުވެރިކަމުގައި ފުރަތަމަ އެދުރުވެރިވި މަންމައަށް އޮތް ލޯތްބާއި ގަދަރު ހާމަވެގެންދިޔަ އެވެ.
'ފޭރާން ކްރާފްޓް ހައުސް'ގެ ނަމުގައި 1997ގައި ރަޖިސްޓްރީކޮށް، ފަންނީ މީހުން ބިނާކުރުމުގެ ތަފާތު މަސައްކަތްތައް މިއަދާ ހަމައަށް ވެސް އާސިމާ ކުރަމުން އަންނަނީ އޭނާގެ މަންމަ އާއި ދެ ދަރިން ވެސް ބައިވެރި ކޮށްގެނެވެ. އާއިލާއާ އެކު މިކަހަލަ ބުރަ މަސައްކަތެއް ކުރުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު އާސިމާ ބުނިގޮތުގައި މަސައްކަތަށް ވަކި ގަޑިތަކެއް ބަހައިގެން އުސޫލަކާއި ގަވާއިދުތަކެއްގެ މަތީން މިކަން ކުރެވޭނެ އެވެ.
ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމެއްގައި ފަންނުވެރި މަސައްކަތެއް ކުރާ ކޮންމެ މީހަކަށް ވެސް އެކި ގޮންޖެހުންތައް ހުރެ އެވެ. އެކަމަކު އާސިމާ ގަބޫލު ކުރާ ގޮތުގައި އެފަދަ ކަންކަމުން އަރައިގަނެވޭނެ ގޮތްތައް ވެސް ހުންނާނެ އެވެ. ނަވާވީސް އަހަރު ވަންދެން ފަންނުވެރި މަސައްކަތްތަކުގައި ކެނޑިނޭޅި ދެމިހުރުމަކީ އާސިމާގެ މި ބަސް އިތުރަށް ވަރުގަދަ ވެގެންދާ އެއް ކަމެވެ.
މިހާތަނަށް 'ފޭރާން ކްރާފްޓް ހައުސް'ގެ ދަށުން އެތައް ބަޔަކަށް އެކި އަތްތެރިމަސައްކަތްތައް ދަސްކޮށްދީފައިވާ އާސިމާ ދިވެހި ސަގާފީ ހެދުމާއި ތިމާވެއްޓަށް ރައްކާތެރި ގޮތަށް ކުރެވޭނެ އެކި ފަންނުވެރި މަސައްކަތްތައް ވެސް ދަސްކޮށްދެ އެެވެ.
ފާސްކުރި ހެދުމުގެ އަސްލު މިހާރު އަންނަނީ ބަދަލުވެ ގެއްލެމުންނެވެ. އާސިމާގެ މަގުސަދަކީ ވީހާވެސް ގިނަ ދިވެހިންނަށް އަސްލު ދިގުހެދުމެއް ފަހާނެ ގޮތް އުނގަންނައިދިނުމެވެ. މިއީ ރާއްޖޭގެ ސަގާފަތުގެ މުހިއްމު ބަޔަކަށްވެފައި، މިކަން ހިމާޔަތްކުރަން އާސިމާ އާއި އޭނާގެ އާއިލާއިން ކުރަމުން އަންނަނީ ނިހާޔަތަށް މުހިއްމު ކަމެކެވެ. މީގެ އިތުރުން ފަހާފައި ބާކީވާ ފޮތިތަކުން ހިތްގައިމު ގަހަނާ އާއި އެކި ވައްތަރުގެ އުފެއްދުން ތައްޔާރު ކުރަން ދަސްކޮށްދިނުމާއި ފޭރާމަކަށް ލިބޭ ކުޑަ ގެއްލުމެއްގެ ސަބަބުން އެ އެއްޗެއް އުކާލުމުގެ ބަދަލުގައި ކުރެވޭނެ އުފެއްދުންތެރި އެކި ކަންކަން ވެސް ދަސްކޮށްދެ އެވެ.
"އަޅުގަނޑު ފަރިތަވެފައި ހުރީ ކުޑައިރުއްސުރެން ވެސް ކިޔަވައިދެމުން ދަސްކޮށްދެމުން އަދި އަޅުގަނޑު ވެސް ކަންތައްތައް ދަސްކުރަން،" އާސިމާ ބުންޏެވެ.
ފެހުމާއި އަތްތެރި މަސައްކަތުގައި ގިނަ އަހަރުތަކެއް ވަންދެން ދެމިހުރުމަށް ހިތްވަރުދޭ އަދި އޯގާތެރި އާއިލާ މެމްބަރުންތަކެއް ތިބުމަކީ ވަރަށް ނަސީބުވެރި ބަޔަކަށް ނޫނީ ލިބޭ ނިއުމަތެއް ނޫނެވެ. އެކަމަކު ނަސީބަށް އެކަނި ބަރޯސާ ވެގެން މިކަހަލަ މަސައްކަތެއް ނުކުރެވޭނެ އެވެ. ހިތްވަރާއި ކެތްތެރިކަމާއި ބުއްދިވެރިކަމާ އެކު ކޮންމެ ގޮންޖެހުމެއް ވެސް ކަޑައްތުކުރެވޭނެކަން އާސިމާ ދައްކައިދީފި އެވެ.
އާސިމާ: އަތްތެރި މަސައްކަތާއި ފެހުމާއި މާޖެހުމުގައި ލާމަސީލު ނަމޫނާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ