މި އަހަރު ވެގެންދާނީ އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލުކުރެވޭނެ އަހަރަކަށް: ރައީސް

މާތްﷲގެ ވާގިފުޅާއެކު، މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލުކުރައްވާނޭ އަހަރަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ހިތާބުގަ އެވެ.
ދިވެހީންނަކީ، އެއް އަހަރަށްވުރެ ގިނަ ކުރިއެރުން އަނެއް އަހަރު ހާސިލުކުރެވޭތޯ މަސައްކަތް ކުރާ، އަދި ތަމައްދުނާއި ތަރައްގީ އަށްޓަކައި އަޅާ ކޮންމެ ބިންގަލެއްގެ މަތީ ކުރާ ބިނާތައް ފުރިހަމަކޮށް ވަރުގަދަ ކުރެވޭތޯ ކޮންމެ އަހަރަކުމެ ހިންމަތް ކުރާ ބައެއްކަން، ތާރީހުން ސާބިތުކޮށްދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، ވަފާތެރި، ގާބިލު ދިވެހި ދަރީންތަކެއް ބިނާކޮށް، ތަރައްގީ ވެފައިވާ ގައުމުތަކުގެ ސަފަށް ނިކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބުތަކެއް ހޯދުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އަންނަ އަހަރަކީ، ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރޭ މުނާސަބާ ދިވެހީންނާ ބައްދަލުކުރާ އަހަރުކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، މިއީ، މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތުހުރި އެއް ތާރީހުގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.
"މިއީ، ތާރީހީ ގޮތުން ވަރަށް މުހިންމު މުނާސަބާއެއް ދިވެހީންނާ ބައްދަލުކުރާނޭ އަހަރެކެވެ. އެއީ، ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރުމެވެ. މިއީ، މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތުހުރި އެއް ތާރީހެވެ," ރައީސްގެ ހިތާބުގައި ވެއެވެ.
އަދި ކޮންމެ އައު އަހަރަކީވެސް، ފަރުދީގޮތުންނާއި އިޖުތިމާއީ ގޮތުން ތިމާއަށް، ގައުމަށްޓަކައި ކޮށްދެވޭނީ ކޮން ހިދުމަތްތަކެއްތޯ ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް އަޒުމު އައުކުރުމުގެ ވަގުތުކަން ވެސް އެމަނިކުފާނުގެ ހިތާބުގައި ވަނީ ހަނދުމަފުޅު ކޮށްދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ