ރުގުޔާގެ ނަމުގައި އަންހެނަކާ އޭނާގެ ދަރިންނަށް ޖިންސީ ގޯނާކުރި މީހާ އުމުރަށް ޖަލަށް

ރުގްޔާގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ގިނަ ދުވަސްތަކެއްވަންދެން ހިފަހައްޓައިގެން ޖިންސީ ގޯނާކުރި މައްސަލާގައި ރުގުޔާކުރި މީހާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް މިއަދު ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
ވީ ކިހިނެއް؟ - އަންހެނަކާއި، އޭނާގެ އުމުރުން 18 އަހަރު ނުފުރޭ 3 ކުދިންނަށް އެކިއެކި ދުވަސްމަތިން ރުގްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިކަކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި  ދެމީހަކު ހައްޔަރުކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަސްތެރެ އެވެ.
މި މައްސަލާގައި ހައްޔަރުކޮށް 12 ދައުވާއެއް ކުރީ ދެ މީހެއްގެ މައްޗަށެވެ. އެއީ:
ރުގުޔާކުރި އިސްމާއީލް ވަހީދު، މިރިހިމާގެ، ރ. ކަނދޮޅުދޫ 
ގޯނާކުރާކަން އެނގިހުރެ ގޭތެރޭގައި އަންހެންމީހާ ހިފަހައްޓަން އެހީތެރިވެދިން ކަމުގެ ކުށުގައި މުހައްމަދު އަސީލް، ދިލްސާދުއާގެ، ރ. ކަނދޮޅުދޫ 
ތަފްސީލް - މި މީހުންގެ މައްޗަށް ދައުވާކުރަން ކޯޓަށް ހުށަހެޅީ، 30 ޑިސެންބަރު 2020ގަ އެވެ. ރުގްޔާ ކުރި އިސްމާއިލް ވަހީދުގެ މައްޗަށް ކުރި ހަތް ދައުވާ ވެސް ސާބިތުވެ، އޭނާގެ މައްޗަށް އިއްވީ، ޖުމްލަ 25 އަހަރާއި 10 މަހާއި 24 ދުވަހަށް ޖަލު ހުކުމެކެވެ. އެއީ:
ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުން - 11 އަހަރުގެ ޖަލު ހުކުމެއް
ކުޑަކުއްޖެއްގެ ކުރިމަތީގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ގަބޫލުކޮށްގެން ޖިންސީ އަމަލެއް ކުރުން - 7 އަހަރުގެ ޖަލު ހުކުމެއް
ޖިންސީ ގޯނާކުރުން - 3 އަހަަރުގެ ޖަލު ހުކުމެއް
ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުން - 3 އަހަރުގެ ޖަލު ހުކުމެއް
 ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން - 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް
އަނިޔާއެއް ދިނުން - 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް
ގައިގައި އަތްލުން -1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް
ގޯނާކުރާކަން އެނގިހުރެ ގޭތެރޭގައި އަންހެންމީހާ ހިފަހައްޓަން އެހީތެރިވެދިން ކަމުގެ ކުށުގައި ދައުވާކުރި މުހައްމަދު އަސީލުގެ މައްޗަށް ޖުމްލަ ފަސް ދައުވާއެއް ކުރި އެވެ. އެ ހުރިހާ ދައުވާއެއް ވެސް ސާބިތުވެ، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު އިއްވީ، 6 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
އަސީލުގެ މައްޗަށް ކުރި ދައުވާތަކަކީ:
ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށް - 3 އަހަރުގެ ޖަލު ހުކުމެއް
މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯޓްނުކުރުން - 2 އަހަރުގެ ޖަލު ހުކުމެއް
ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން - 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް
ގައިގައި އަތްލުން - 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް
ގައިގައި އަތްލުން - 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް
އެނގުން މުހިންމު - މިކަމުގެ ޝިކާރައަކަށްވި އާއިލާއިން މީގެ ކުރިން ބުނެފައިވާގޮތުގައި ތިން މަސް ދުވަސް ވަންދެން އެމީހުން ބަންދުކޮށްގެން ތަފާތު އަނިޔާތައް ދިނެވެ. އޭރު ދަރިން ސްކޫލަށް ވެސް ފޮނުވާފައިނުވާތީ އެކަން އެޑިއުކޭޝަން މިނިސްޓްރީން ވެސް ބެލި އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ