މާދަމާއިން ފެށިގެން ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭ ގޮތް ހަދައިފި
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖީސްޓްރީ ކުރުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދޫކުރަމުން އައި، ގަރާޖު ކުރުމުގެ ހުއްދަ ދޫކުރުން މާދަމާއިން ފެށިގެން ހުއްޓާލާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ. އެޗްޑީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ގަރާޖު ހުއްދަ ދެން ހުށަހަޅަން ނުޖެހުނު ނަމަވެސް މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން، އިމާރާތުގައި ހަދާ ގަރާޖު ބޭނުންކުރުމުގެ ހުއްދަ އެ ކޯޕަރޭޝަނުން ނަގަންޖެހޭނެ ކަމަށެވެ. މިދިޔަ ހޯމަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭ ގޮތަށް އަންނަ މަހު އެކަކުން ފެށިގެން ބަދަލުކުރާނެ ކަމަށް ބުނެފައެވެ. އެއާއެކު ދެން ގަރާޖެއް އޮތުން ލާޒިމް ނޫންކަމަށް ބުނެ ބައެއް ވާހަކަތައް އާންމުންގެ މެދުގައި ދެކެވުނެވެ. https://x.com/hdcmaldives/status/2006319589064650934 އެ ވާހަކަތަކާ ގުޅިގެން މީގެ ކުރިން މިނިސްޓްރީން ބުނީ ކުރިއެކޭ އެއްގޮތަށް، ދެން ވެސް އުޅަނދު ބާއްވަން ރަޖިސްޓްރީކޮށްފައިވާ ގަރާޖު ޖާގައެއް އޮތުން ލާޒިމު ކަމަށެވެ. ފަސޭހަކޮށްފައި ވާނީ ގަރާޖާ ގުޅޭގޮތުން ކަށަވަރުކުރަން ބޭނުންވާ ކަންކަމުގެ އިދާރީ މަރުހަލާތައް ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން މިނިސްޓްރީން ބުނި ގޮތުގައި ކުރިން ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި: މާލޭ ސިޓީ ކައުންސިލް، ނުވަތަ އެޗްޑީސީއިން ދޭ އިމާރާތް ގަރާޖެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލް، ނުވަތަ އެޗްޑީސީއިން ދޭ ވެހިކަލް ގަރާޖު ކުރުމުގެ ހުއްދަ ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި، ވެރިފަރާތުގެ އައިޑީ ނަމަވެސް މި ލިޔުންތަކުގެ ތެރެއިން ވެހިކަލް ގަރާޖުކުރުމުގެ ހުއްދަ ދިންކަމުގެ ލިޔުން، މާދަމާއިން ފެށިގެން ހުށަހަޅަން ނުޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނި ގޮތުގައި މި ބަދަލު ގެނައީ، އެއް ޚިދުމަތެއް ފުރިހަމަކުރުމަށް ދެ ފަހަރަށް ހުށަހަޅަންޖެހޭތީ ދިމާވާ ދައްޗަށް ހައްލެއް ގެނައުމަށެވެ. އަދި 2009 ވަނަ އަހަރު، ގަރާޖު ލާޒިމްކުރުމުގެ ކުރިންނާއި، ކަނޑައެޅިގެން ވަކި ގަރާޖަކަށް ރަޖިސްޓްރީކޮށްފައިނުވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލުނުކުރެވި ޝަކުވާ ކުރަމުން އަންނާތީ އެ އިންތިޒާމު ހަމަޖެއްސުމަށެވެ. އެއާއެކު، މާލޭ ޒޯނުގައިވާ އެ ފަދަ އުޅަނދުތަކަށް އިތުރު ގަރާޖު ލިޔުމެއް ނެތި، ވެރިފަރާތް ބަދަލުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. https://sun.mv/215771 މި ބަދަލު އައި ނަަމަވެސް، ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަން ޔަގީންކުރުމާއި، ގަރާޖު ބެލުމުގެ މަސައްކަތް މިނިސްޓްރީން ކުރާނެ ކަމަށް ވަނީ ބުނެފައެވެ. މާލޭ ސަރަހައްދުގައި ސައިކަލާއި ކާރު، ކެެރީން ކެޕޭސިޓީއަށްވުރެ އެތައް ގުނައެއް އިތުރުކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. ހަތަރު ފުރޮޅުލީ އުޅަނދުތަކުން މާލެއާއި ހުޅުމާލޭގެ މަގުތަކުގެ ދެ ފަރާތް ފުރިފައިވާއިރު، ދުއްވަން އޮންނަ ޖާގަ ޕާކިންއަށް ގެއްލޭކަމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ. އަދި ޕާކިން ބިލްޑިން އެޅުން ލަސްވެ، ޕާކު ކުރާނެ ޖާގަ ނެތުމުން އެ ކަންބޮޑުވުން ވެސް އެބައޮތެވެ. މިއާއެކު އަމިއްލަ ޖާގައެއް ނެތްނަމަ، ގަރާޖެއް ހޯދަން ނުވަތަ ގަރާޖު ހުއްދައެއް ހޯދަން އެތައް ލައްކަ ރުފިޔާއެއް ޚަރަދުކުރަންޖެހޭތީ ކާރު ރަޖިސްޓްރީ ނުކުރެވި ތިބި މީހުން އެ ކަންބޮޑުވުން ވެސް ފާޅުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ