އެއްމެދު އިމާތާތްތައް ހިންގައި ބެލެހެއްޓުމަށްޓަކައި މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ފަށައިފިއެވެ. މިއީއެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ހިންގުމުގެ ގަވާއިދު"ގެ ދަށުން އުފައްދާ ކޯޕަރޭޝަންތަކެވެ.
އެޗްޑީސީން ވިދާޅުވީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އެކިއެކި އެއްމެދު އިމާރާތްތައް ބެހިފައިވާ ގޮތުގެ މަތިން، ވިނަރެސް ފްލެޓުތައް ހިމެނޭ ސްޓްރާޓާ އެކެއް، ދޭއް އަދި ތިނެއްގެ ފުރަތަމަ އަހަރީ އާންމު ޖަލްސާތައް މި މަހުގެ 26، 27 އަދި 28 ގައި ބޭއްވުމަށް ނިންމާފައިވާކަމަށެވެ.
މި އަހަރީ އާންމު ޖަލްސާތަކުގެ ބޭނުމަކީ، ވިނަރެސްގެ އެއްމެދު އިމާރާތްތަކުގެ ކަންކަން ބެލެހެއްޓުން ފަސޭހަ ކުރުމަށްޓަކައި، މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައި އެ ކޯޕަރޭޝަންތައް ހިންގާނެ ކައުންސިލެއް އިންތިހާބުކުރންކަމަށް އެޗްޑީސީން ވިދާޅުވިއެވެ. އަދި އަހަރީ އާންމު ޖަލްސާގައި އިންތިހާބުކުރެވޭ މެނޭޖްމަންޓް ކޯޕަރޭޝަންގެ ކައުންސިލާ، އެ ސްޓްރާޓާއެއްގައި ހިމެނޭ އިމާރާތްތައް ބެލެހެއްޓުމުގެ ޒިންމާތައް ހަވާލުކުރާނެކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
ކޮންމެ ސްޓްރާޓާއެއް ނުވަތަ އެއްމެދު އިމާތާތްތައް ވަކިން އިންތިހާބުކުރާ މި ކައުންސިލްގައި ހިމެނޭނީ ކައުންސިލްގެ ރައީސް، ހަޒާންދާރު، ސެކްރެޓަރީ އަދި އެއް އާންމު މެންބަރެވެ. އެގޮތުން ބާއްވާ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި އެ އިމާރާތުގައި ހިމެނޭ ޔުނިޓުތަކުގެ ވެރިންގެ އިތުރުން، އެޗްޑީސީ އަދި ހައުސިންގ މިނިސްޓްރީގެ ބޭފުޅުން ބައިވެރިވާނެއެވެ. ފުރަތަމަ އަހަރީ ޖަލްސާއަށްފަހު، ކޮންމެ އަހަރަކު އެއްފަހަރު ޖަލްސާ ބޭއްވުމަށް ގާނޫނުން ލާޒިމްކުރެއެވެ. އަދި އެ ސްޓްރާޓާއެއްގެ މެނޭޖްމަންޓް ކޯޕަރޭޝަން ކައުންސިލް އިންތިހާބުވުމަށްފަހު ޖެހިގެން އަންނަ އަހަރުތަކުގައި އަހަރީ އާންމު ޖަލްސާ ބޭއްވުމަކީ އިންތިހާބުވާ ކައުންސިލްގެ ޒިންމާއެކެވެ.
ސްޓްރާޓާ 1 (ވިނަރެސް ޓަވަރު 1 އިން 4): 564 ރެސިޑެންޝަލް ޔުނިޓް
ސްޓްރާޓާ 2 (ވިނަރެސް ޓަވަރު 5 އިން 8): 492 ރެސިޑެންޝަލް ޔުނިޓް
ސްޓްރާޓާ 3 (ވިނަރެސް ޓަވަރު 9 އަދި 10): 288 ރެސިޑެންޝަލް ޔުނިޓް
ވިނަރެސް ފްލެޓުތަކުގެ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައި ނިމުމާއެކު، ހުޅުމާލޭގެ އިތުރު އެއްމެދު އިމާރާތްތަކުގެ މެނޭޖްމަންޓު ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންދާނެކަމަސް އެޗްޑީސީން ވިދާޅުވިއެވެ. މިއީ، އެއްމެދު އިމާރާތްތަކުގެ އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ދިގުމުއްދަތަކަށް އިމާރާތްތައް ބެލެހެއްޓުން ފަސޭހަކުރުމަށްޓަކައި އެކުލަވާލެވޭ މުހިންމު ކައުންސިލްތަކެއްކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
އެއްމެދު އިމާރާތްތަކުގެ މެނޭޖްމަންޓް ކޯޕަރޭޝަން އުފެއްދުމުގެ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ