ވަކިކުރިތާ ފަސް މަސް ފަހުން، އަސްމާ އަލުން އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމަށް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނުރުހުން އަމާޒުވެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ)، އިޖުތިމާއީ ކޮމިޓީން ވަކިކުރިތާ ފަސް މަސް ފަހުން، އަލުން އެ ކޮމިޓީއަށް އައްޔަންކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިޖުތިމާއީ ކޮމިޓީއަށް، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީގެ ބަދަލުގައި އަސްމާ އައްޔަންކޮށްފައިވާކަން އިއުލާންކުރައްވައިފައެވެ. މިއަދު އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފައިވާއިރު، އެ ކޮމިޓީގެ މުގައްރިރަކަށް ހުންނެވީ އަސްމާއެވެ. އަދި ނައިބު މުގައްރިރަކަށް ހުންނެވީ، މިހާތަނަށް މުގައްރިރަކަށް ހުންނެވި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމެވެ. https://sun.mv/214696 އަސްމާ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ވަކިކުރީ، މާފަންނުގެ ރައްޔިތުންނާ އެކު ރައީސް ބާއްވަވަން ނިންމެވި ބައްދަލުވުމުގައި ޚިޔާލު ފާޅުކުރަން ބޭނުންވާ މީހުން އަންގަން އެދުމުން، ރައީސް ނުރުހުންވި ކަމުގެ އަޑުތައް ފެތުރުނު ފަހުންނެވެ. އަދި، އޭނާ ދާއިރާގެ ރައްޔިތުންގެ ކިބައިން މާފަށް އެދެން ރައީސް އެންގެވި ކަމަށް އަޑުފެތުރިފައި އޮއްވައި އަސްމާއްތަ އޭރު މާފަށް އެދިވަޑައިގެން ކަން ހިނގިގޮތް ތަފުސީލުކޮށްދެއްވައި ބަޔާނެއް ނެރުއްވައިފައި ވަނިކޮށެވެ. މި މަހުގެ ތެރޭގައި ވެސް، އަސްމާއާ ގުޅޭ މައްސަލައެއް ވެސް ޕީއެންސީ ތެރޭގައި އުފެދިފައިވެއެވެ. އެގޮތުން، އަސްމާ، ސަރުކާރާމެދު ނުރުހުން ފާޅުކުރައްވާ ކޯލެއްގެ ރެކޯޑިން ލީކުވެފައިވެއެވެ. އެ އޯޑިއޯ ލީކުވި ފަހުން، އޭނާގެ ދަރިފުޅު، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، އޭނާގެ ކޮއްކޮ، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރިއެވެ. އޭގެ ފަހުން ސަލްމާގެ ވަޒީފާ ވަނީ އިޔާދަކޮށްފައެވެ. އަދި މުންދު ވަނީ ވަޒީރުންގެ ފެންވަރުގައި ސަރުކާރުގެ އިސް ތަރުޖަމާނު ކަމަށް އައްޔަންކޮށްފައެވެ. https://sun.mv/220926 އެ ބަދަލުތައް ގެނެސްފައިވަނީ، މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް ބޭއްވި ވޯޓުން ސަރުކާރު ނާކާމިޔާބުވި ފަހުންނެވެ. އެގޮތުން، އެ ނާކާމިޔާބީއަށް ފަހު ރައީސް ވަނީ ކެބިނެޓަށް ވެސް ބަދަލު ގެންނަވައި، ވަޒީރުންގެ އަދަދު 20އިން 15އަށް މަދުކުރައްވައިފައެވެ. މީގެ އިތުރުން މަޖިލީހަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި މަޖިލީހުގެ އެންމެ ބާރުގަދަ ކޮމިޓީތަކުން އެ މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުން ހިމެނެއެވެ. އެގޮތުން މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ނާޒިމް ވަނީ ވަކިކޮށްފައެވެ. އެ ބަދަލު ގެނައި ސަބަބެއް މިހާތަނަށް ކަށަވަރުކުރެވިފައިނުވެއެވެ. ކޮމިޓީތަކަށް ދޭތެރެއަކުން، ޕާޓީތަކުން ބޭނުންވުމުންނާއި ސިޔާސީ ސަބަބުތަކާ ހެދި ބަދަލުތައް ގެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ