ލަންކާގައި ތާށިވެފައިހުރި 2500އަށްވުރެ ގިނަ މުދާ ކޮންޓައިނަރ އަންނަ ހަފްތާގައި ރާއްޖެ ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ޝިޕިން ރޫޓުތަކަށް އަންނަ ބަދަލުތަކާއެކު ރާއްޖެއަށް މުދާ ގެނައުމަށް ހުރި ދަތިތައް ހައްލުކުރުމަށް އެމްޕީއެލްއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސްރީލަންކާގައި ތާށިވެފައިހުރި 2500އަށްވުރެ ގިނަ ކޮންޓެއިނަރގެ ތަކެތި އަންނަ ހަފްތާ ރާއްޖެ ގެންނާނެކަމަށެވެ.
" ހަނގުރާމައާއި ގުޅިގެން އައި ބަދަލުތަކާއެކު، ލަންކާގައި މިވަގުތު ލަސްވެފައިހުރި ކޮންޓައިނަރ، ކުރިއަށްއޮތް ހަފްތާގައި އަޅުގަނޑުމެންނަށް އެމްޕީއެލްއިން މަޢުލޫމާތު ދެއްވާގޮތުގައި 2500އަށްވުރެ ގިނަ ކޮންޓައިނަރގެ ތަކެތި 3 ވެސެލްއިން ދިވެހިރާއްޖެއަށް ގެންނާނެ". ވަޒީރު ވިދާޅުވެއްޖެއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ އިމްޕޯޓް އެކްސްޕޯޓްގެ ތަފާސްހިސާބުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވިދާޅުވީ، އެހެން އަހަރުތަކާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އިމްޕޯޓުކޮށްފައިވާ އަދަދު 19 އިންސައްތައާއި 20 އިންސައްތައިގައި އިތުރުވެފައިވާކަމަށެވެ.
މީގެއިތުރުން އަސާސީ ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މިދިޔަ މާރޗްމަހު އަސާސީ ކާބޯތަކެތީގެ ޕްރައިސް އިންޑެކްސް މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރުވެފައިވަނީ %1.95 ކަމަށެވެ. އެގޮތުން އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ ކާބޯތަކެތީގެ އަގު، މިދިޔަ އަހަރަށްވުރެ %1.02 ކުޑަކުރެވިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން، އެންމެ ބޮޑަށް އަގު ދަށްވެފައިވަނީ މޭވާއާއި ތަރުކާރީގެ އަގުތައްކަމަށެވެ. އެގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު ތަރުކާރީގެ އަގު %5 ދަށަށް ގޮސްފައިވާކަމަށާއި، ޖުމްލަކޮށް މޭވާގެ އަގު %15.56 ދަށަށް ގޮސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކާކަމަށެވެ.
ލަންކާގައި ތާށިވެފައިހުރި ކޮންޓައިނަރުތައް އަންނަ ހަފުތާގައި ގެންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ