މި ގައުމުތަކުން ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރަނީ ކިހިނެއް؟

ދުންފަތުގެ އިސްތިއުމާލުކުރުމާ މީހުން ދުރުކޮށް ދުންފަތް މަނާކުރުމަށް ގިނަ ގައުމުތަކުގައި އަމަލު ކުރަމުން އަންނަނީ އެއްގޮތަކަށެވެ. ދުންފަތުގެ އަގުބޮޑުކޮށް ޓެކްސް ބޮޑުކޮށްގެންނާއި އެ ވިއްކުން މަނާކޮށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްގެންނެވެ. މި ފިޔަވަޅުތަކުގެ އަސަރު ކޮންމެވެސް ވަރަކަށް ފެނުނު ނަމަވެސް، ސީދާ ބޭނުންވާ އަމާޒު ހާސިލެއް ނުވެ އެވެ. ދުންފަރުގެ އިސްތިއުމާލު ކުރާ އެތައް މިލިއަން ބަޔަކު އެ ނޭދެވޭ އަމަލުގައި ޖެހިފައި ތިބެ އެވެ.
ފާއިތުވި 10 ވަރަކަށް އަހަރު ތެރޭ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުން ވަނީ ދުންފަތް މަނާކޮށް، ހަރުކަށި ފިޔަވަޅު އެޅުމުގެ ބަދަލުގައި އެ ގައުމުތަކުގެ ރައްޔިތުން ދުންފަތާ ދުރުކުރުމަށް ޓެކްނޮލަޖީގެ ބޭނުންކޮށްގެން ފިޔަވަޅުތައް އަޅައިފަ އެވެ. ނިއުޒިލެންޑު، ޖަޕާން އަދި ސްވިޑެން ފަދަ ގައުމުތަކުން އެޅި ފިޔަވަޅުތަކާ އެކު އެ ގައުމުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.
ދުންފަތާ ދުރުކުރުމަށް އެޅި ފިޔަވަޅުތަކުގެ އެންމެ ބޮޑު ބަދަލެއް ފެންނަނީ ނިއުޒިލެންޑުންނެވެ. އެ ގައުމުން ގެންގުޅޭ 'ސްމޯކްފްރީ 2025' އަމާޒަށް ވާސިލްވުމަށް ފިޔަވަޅުތައް އެޅިއިރު، ދުންފަތުގެ ޓެކްސް ބޮޑުކޮށް، އޭގެ އަގު ބޮޑުކޮށްގެން އެ އާދަ އާ ދުރު ނުކުރެވޭނެކަން އެ ގައުމުގެ ޕޮލިސީމޭކަރުންނަށް އެނގެ އެވެ.
އެގޮތުން، ސީދާ ދުންފަތް މަނާކުރުމުގެ ބަދަލުގައި އެ ގައުމުން ކުރި ކަމަކީ ސިސޭޝަން ޓޫލެއްގެ ގޮތުގައި ވޭޕް ޕްރޮމޯޓު ކުރުމެވެ. ދުންފަތް ސީދާ މަނާކުރުމުގެ ބަދަލުގައި އެކަމުން ދުރުވުމަށް އޮތް ހައްލެއްގެ ގޮތުން ނިއުޒިލެންޑުން އެޅި ފިޔަވަޅުގެ ނަތީޖާ ވެސް ސާފެވެ. އެ ގައުމުގެ 2023/2024 ހެލްތު ސާވޭގެ ހިސާބުތައް ދައްކާގޮތުން ދުވާލެއްގެ މައްޗަށް ދުންފަތުގެ އިސްތިއުމާލު ކުރާ ނިސްބަތް ވަނީ %6.8 ދަށްވެފަ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން މަދުވެ، އޭގެ ބަދަލުގައި ވޭޕު ބޭނުންކުރާ މީހުން އިތުރުވި އެވެ. ބޮޑެތި މީހުންނަށް 'ރެގިއުލަރައިޒްޑް ލީގަލް ވޭޕް' ލިބޭނެ އަދި ބޭނުން ކުރެވޭނެ މަގު ފަހިކޮށްދީ ނިއު ޒީލެންޑުން ވަނީ ހަމައެކަނި 'ކުއިޓް އޯރް ޑައި' ސިޔާސަތަށް ބަރޯސާވާ ގައުމުތަކަށް ވުރެ މާ ހަލުވި ކުރިއެރުމެއް ދުންފަތް މަނާކުރުމުގެ ދަތުރުގައި ހޯދައިފަ އެވެ.
ޖަޕާނުން ހިޔާރު ކުރީ ހީޓެޑް ޓޮބޭކޯ ޑިވަސްތައް ތައާރަފުކުރުމަށެވެ. މި ޓެކްނޮލަޖީ އާއެކު އެ ގައުމުގެ ސިނގިރޭޓުގެ ބާޒާރަށް ހީނަރުކަން އައެވެ. އެގޮތުން 2011 އާއި 2023 އާ ދެމެދު ޖަޕާނުގައި ސިނގިރޭޓުގެ ވިޔަފާރި %50 ވަނީ ދަށްވެފަ އެވެ.
މިނިވަން ދިރާސާތަކާއި މާކެޓް ޑޭޓާތަކުން ދައްކާ ގޮތުން މިއީ ދުންފަތް މަނާކުރަން ބޮޑެތި ފިޔަވަޅުތަޖެއް އެޅުމުގެ ބަދަލުގައި، އެ ބޭނުންކުރާ މީހުންގެ ޗޮއިސް ބަދަލުކުރުގެ ސަބަބުން އައި ދަށްވުމެކެވެ.
ދުންފަތުގެ އިސްތިއުމާލު ކުރި އެތައް މިލިއަން ބަޔަކު ހީޓެޑް ޓޮބޭކޯ ޑިވައިސްތަކަށް އަމިއްލަ އަށް ބަދަލުވީ އެވެ.
ޔޫރަޕްގެ ގިނަ ގައުމުތައް ދުންފަތް މަނާކުރުމުގެ ސިޔާސަތުތަކާ ދެކޮޅު ނަމަވެސް، އިނގިރޭސިވިލާތާއި ސްވިޑެން ފާހަގަކުރެވެނީ މިކަމުގައި ތަފާތު، ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅޭ ދެ ގައުމުގެ ގޮތުގައެވެ.
ދުންފަތުން ސަލާމަތްވެފައިވާ ފުރތަމަ ގައުމަށް ވުމަށް ސްވިޑަން އިން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުވުމާ މިހާރު ވަނީ ވަރަށް ކައިރިވެފަ އެވެ. މިގޮތަށް ކަނޑައަޅަނީ ދުވާލެއްގެ މައްޗަށް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ނިސްބަތް %5 އަށް ވުރެ ދަށް ނަމަ އެވެ.
މީގެ އަސްލަކީ ނިކޮޓިން ޕައުޗިތަކެވެ. އަވަށްޓެރި އެހެން ގައުމުތަކެކޭ އެއްފަދައިން ސްވިޑެން މީހުންވެސް ނިކޮޓިން ބޭނުންކުރާ މިންވަރު އެއްވަރެއްގައި ހުރި ނަމަވެސް، އަނގައަށް ލައިގެން ބޭނުންކުރާ މިފަދަ އުފެއްދުންތަކުގެ ސަބަބުން ޔޫރަޕްގެ އެހެން ގައުމުތަކާ އަޅާބަލާއިރު ފުއްޕާމޭގެ ކެންސަރު ޖެހޭ މިންވަރު އެ ގައުމުގެ ފިރިހެންނުގެ މެދުގައި މަދެވެ.
އިނގިރޭސިވިލާތުން ވަނީ ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި 'ސްވޮޕް ޓު ސްޓޮޕް' ގެ ނަމުގައި ސްކީމެއް ފަށައި، އެއް މިލިއަން މީހުންނަށް ވޭޕް ކުރަން ފަށާ ކިޓްތައް ފޯރުކޮށްދީފައެވެ.
މިއީ ނިކޮޓިނަކީ ދެވިހިފާ އެއްޗެއް ނަމަވެސް، އޭގެ ސަބަބުން މަރުގެ ނުރައްކާ ކުރިމަތިވަނީ ދުމުގެ ސަބަބުން ކަމާއި، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަންވާނީ މި ތަފާތުތަކުގެ މައްޗަށް ބިނާކޮށްގެންކަން އެ ގައުމުގެ ސަރުކާރުން ނުސީދާކޮށް ގަބޫލުކުރާ ކުރުމުގެ މައްޗަށް ބިނާކޮށް އެޅި ފިޔަވަޅެކެވެ.
ސަގާފީ ގޮތުންނާއި ޖިއޮގްރަފީ ގޮތުން ތަފާތުތަކެއް ހުރި ނަމަވެސް، މި ގައުމުތަކުން ގެންގުޅެނީ އެއްގޮތް ސިޔާސަތުތަކެކެވެ. އެއީ ހަމައެކަނި "ހުއްދަކުރުން ނުވަތަ މަނާކުރުން" މި ދެ ގޮތުން ކުރެ އެއްގޮތެއް އހިޔާރު ކުރުމުގެ ބަދަލުގައި އެއަށްވުރެ ފުޅާ ނަޒަރަކުން މިކަމާ ދޭތެރޭ ވިސްނުމެވެ.
އެ ގައުމުތަކުން ވަނީ ގެއްލުން ހުރި މިންވަރަށް ބަލައިގެން އުސޫލުތައް ކަނޑައަޅާފަ އެވެ.
އެގޮތުން އެންމެ ގެއްލުން ބޮޑު ސިނގިރޭޓު ފަދަ ތަކެތިން ނަގާ ޓެކްސް ބޮޑުކޮށް، އުސޫލުތައް އެންމެ ހަރުކަށިކުރާއިރު، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ބޮޑެތި މީހުންނަށް ލިބޭ ގެއްލުން ކުޑަ ބަދަލުތައް (ވޭޕް، ހީޓެޑް ޓޮބެކޯ އަދި ޕައުޗް ފަދަ ތަކެތި) ފަސޭހައިން އަދި އަގުހެޔޮކޮށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ދުނިޔޭގެ އެކި ހިސާބުތަކުން ލިބޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުންފަތުގެ ދުމުން ސަލާމަތްވެފައިވާ މުސްތަގުބަލަކަށް ދިއުމަށް އޮތް އެންމެ އަވަސް މަގަކީ، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް އެކަން މަޖުބޫރުން ހުއްޓުވުމުގެ ބަދަލުގައި، ދުމުގެ ނުރައްކަލާ ނުލައި އެކަން ކުރިއަށް ގެންދެވޭނެ މާ ރަނގަޅު ގޮތްތަކެއް އެމީހުންނަށް މަގުފަހިކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ