ޕީޓީއޭއިން އާމްދަނީ ހޯދަން ސްކޫލް ބޭނުންކުރާނަމަ، ސްކޫލަށް ހޭދަކުރަންޖެހޭ އުސޫލެއް

ސަރުކާރު ސްކޫލްތަކުގެ ޕޭރެންޓް ޓީޗާސް އެސޯސިއޭޝަން (ޕީޓިއޭ) އިން އާމްދަނީ ހޯދުމަށް ސްކޫލް ބޭނުންކުރާނަމަ، ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ސްކޫލްގެ ކަންކަމަށް ހޭދަކުރަންޖެހޭގޮތަށް ޕީޓީއޭ ޤަވާއިދު ބަދަލުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޕީޓީއޭގެ ގަވާއިދު އިސްލާހުކުރުމަށްފަހު އޭގެ ޑްރާފްޓެއް ސްކޫލްތަކަށް ފޮނުވާފައެވެ. އަދި ފޮނުވި ޑްރާފްޓާ އެއްގޮތަށް އަމަލުކުރުމަށް ސްކޫލްތަކަށް ވަނީ އަންގާފައެވެ. 
ޕީޓީއޭ ގަވާއިދަށް ގެނައި އިސްލާހުގައި ވާގޮތުން ޕީޓީއޭއިން އާމްދަނީ ހޯދުމަށް ސްކޫލްގެ އުމްރާނީ ވަސީލަތްތައް ބޭނުންކުރާނަމަ، ލިބޭ އާމްދަނީ ހަރަދުކުރުމުގައި ސްކޫލްގެ އުމްރާނީ ތަރައްޤީއަށް 60 އިންސައްތަ، އުނގެނުމާއި އުނގަންނައިދިނުމުގެ ހަރަކާތްތަކަށް 30 އިންސައްތަ ހޭދަކުރަން ޖެހެއެވެެ. އަދި މީގެ އިތުރުން އެހެނިހެން ހަރަކާތްތަކަށް 10 އިންސައްތަ ހޭދަކުރަން ޖެހެއެވެެ.
މި ޑްރާފުޓްގައި ވާގޮތުން އެހެނިހެން ގޮތްގޮތުން ހޯދާ އާމްދަނީގެ 50 އިންސައްތަ ހަރަދުކުރަން ޖެހެނީ އުނގެނުމާއި އުނގަންނައިދިނުމުގެ ހަރަކާތްތަކަށެވެ. އަދި 30 އިންސައްތަ މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތަކަށް އަދި އެހެނިހެން އިޖުތިމާއީ ހަރަކާތްތަކަށް ހޭދަކުރަން ޖެހެއެވެ.
ސްކޫލްގެ އުމްރާނީ ވަސީލަތްތައް ބޭނުންކުރަމުން އައިނަމަވެސް ޕީޓިއޭއަށް ލިބޭ އާމްދަނީ ހޭދަކުރުމުގައި މިހާތަނަށް މިފަދަ ޝަރުތުތަކެއް ކަނޑައަޅާފައެއް ނޯވެއެވެ.
ކުރިއާ ހިލާފަށް މިހާރު ނައިޓްމާކެޓް ފަދަ އިވެންޓްތަކަށް ސްކޫލްގެ ގޯތިތެރެ ކުއްޔަށް ދީގެންނާއި، އެނޫންވެސް ގޮތްގޮތުން ޕީޓީއޭއިން ރަނަގޅު އާމްދަނީއެއް ހޯދައެވެ. އެހެންކަމުން ސްކޫލްގެ އިމާރާތް އެފަދަ ކަންކަމަށް ބޭނުންކުރާނަމަ، ސްކޫލްގެ އުމްރާނީ ކަންކަމަށް ހޭދަކުރަން ވަކި އިންސައްތައެއް ލާޒިމްކުރުމަކީ މައްސަލައެއް ނޫންކަމަށް ގިނަ ފަރާތްތަކަކުން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ