އިންތިޚާބުތަކާ ގުޅުވައި ގެނައީ އުނި އިސްލާހެއް، ކުޑަކުޑަ އަޣުލަބިއްޔަތަކުން ރައީސެއް ހޮވުމުގެ ފުރުސަތު އެބައޮތް: ކުރީގެ ޕީޖީ މުއިއްޒު
މައި ދެ އިންތިޚާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހަކީ އުނި އިސްލާހެއް ކަމަށާއި، އޭގެ ސަބަބުން، ކުޑަކުޑަ އަޣުލަބިއްޔަތަކުން ރައީސަކު ހޮވުމުގެ ފުރުސަތު އޮތް ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް، ގާނޫނުއަސާސީ އިސްލާހުކުރަން މަޖިލީހުން ފާސްކުރީ ފެބްރުވަރީ މަހުގެ ނުވަވަނަ ދުވަހެވެ. އެ ބިލުގައިވާ ގޮތުން މަޖިލީހުގެ އިންތިޚާބު ކުރިއަށް އޮތްތަނުގައި ބާއްވާނީ، ގާނޫނު އަސާސީގެ 110ވަނަ މާއްދާގެ ދަށުން ރިޔާސީ އިންތިޚާބާ އެކުގައެވެ. އަދި މަޖިލީހުގެ އުމުރަކީ، ޑިސެންބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެއާއެކު މި ހިނގާ މަޖިލީހުގެ ދައުރު، މި އަހަރުގެ ޑިސެންބަރު މަހަށް ކުރުވާނެއެވެ. އެ ބަދަލާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ފޯރަމެއްގައި, ގާނޫނުއަސާސީ އެކުލަވާލި މަޖިލީހުގައި މަސައްކަތް ކުރެއްވި މުއިއްޒު ވިދާޅުވީ، އެ އިސްލާހާ ގުޅިގެން ދައްކަން ޖެހޭ ބައެއް ވާހަކަތައް އެބަހުރި ކަމަށެވެ. އެގޮތުން މި އިސްލާހު ގެންނަ ސަބަބެއް ކަމަށް ސަރުކާރުން ބުނަނީ ޚަރަދު ކުޑަކުރުން ކަމަށްވާއިރު، ޚަރަދާ ލާމެހިފައި ހުންނަ ކަންތައްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިސާލަކަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ނުހޮވިއްޖެ ނަމަ، ދެވަނަ ބުރެއް ބާއްވާނެތޯ ސުވާލު އުފެދޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ފަހުގެ ތާރީޚެއްގައި ދެވަނަ ދައުރެއް އެއްވެސް ރައީސަކަށް ނުލިބޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ދެވަނަ ބުރަކަށް ނުދާނަމަ، ވަރަށް ކުޑަކުޑަ އަޣުލަބިއްޔަތަކުން ރައީސް އިންތިޚާބުވުމުގެ ފުރުސަތު ގާނޫނީ ގޮތުން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. "އަދި ގާނޫނުއަސާސީ އޮތް ގޮތުން ވިއްޔާ ބާއްވަން ޖެހޭ، އެހެންވީމަ މިފަދަ އިސްލާހަކާ ގުޅޭ ގޮތުން ގޮތެއް ނިންމާ ނަމަ ރައްޔިތުންނަށް އެބަ އެނގެން ޖެހޭ މީގެ ގާނޫނީ ހައިސިއްޔަތަކީ ކޮބައިތޯ،" މުއިއްޒު ވިދާޅުވިއެވެ. "2028ގައި ލާނީ ތިން ލައްކަ މީހުން ވޯޓު، ލައިގެން 90،000 މީހުންގެ އަޣުލަބިއްޔަތުން ހޮވޭ ފަދަ އިންތިޚާބަކަށް ހެއްޔޭ މިދަނީ، މިއާ ގުޅިފައި ލާމެހިފައި ހުރި އިސްލާހުުތަކެއް އެބަހުރި." ރައީސް ރިޔާސީ ބަޔާން ދެއްވި ޖަލްސާ: އިންތިޚާބުތައް އެއްކޮށް ބާއްވަން މަޖިލީހުން ފާސްކުރީ އުނި އިސްލާހެއް ކަމަށް ކުރީގެ ޕީޖީ މުއިއްޒު ވިދާޅުވި -- ފޮޓޯ: މަޖިލިސް މުއިއްޒު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީއަށް ގެންނާނެ ކަމަށް އިއުލާންކޮށްފައިވާ ބަދަލުތަކުގެ ތެރޭގައި، ދެ އިންތިޚާބު އެއްކޮށްލުމުގެ އިތުރުން ޒުވާނުންނާއި އަންހެނުންނަށް ގޮނޑިތައް ޚާއްސަކުރުމާއި މެންބަރުންގެ އަަދަދު މަދުކުރުން ހިމެނޭ ކަމަށެވެ. އެހެންކަމުން، ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ވޯޓަށް ދާއިރު، ޖަވާބެއް ދެވޭނީ ހުރިހާ ކަމެއްގެ އަލީގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން، ދެ އިންތިޚާބު އެއްކުރުމުގެ ބަދަލުގައި، ލޯކަލް ކައުންސިލް އިންތިޚާބާއެކު ތިން އިންތިޚާބު ވެސް އެއް ނުކުރަނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވިއެވެ. "ލޯކަލް ކައުންސިލް މުއްދަތު އިތުރުކުރަންވީ ނޫންތޯ އެކެއް ޑިސެންބަރު 2028އަށް، އޭރުން ތިން އިންތިޚާބު އެއްކޮށް ބޭއްވުނީމަ އަނެއްކާ 80 މިލިއަން ރުފިޔާ ޚަރަދު ކުޑަވީ. ނޫންތޯ އެހެންވީމަ މިހިރީ އެއް އިސްލާހު އަނެއް އިސްލާހާ ލާމެހިފައި އޭގެ ސަބަބުން ވެރިކަން ކުރާ ފަރާތް ޖަވާބުދާރީވޭތޯ، ފުރިހަމަ ޖަވާބެއް ދެވޭނީ އެކަން އެނގިގެން،" މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން އެ ބިލް ހުށަހަޅައި، ފާސްކޮށްފައިވަނީ ރައްޔިތުންގެ ޚިޔާލަށް ރިއާޔަތްނުކޮށްކަން މަޖިލީހުގެ ޔައުމިއްޔާއިން އެނގެން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ބިލުގެ މަސައްކަތް ކޮށްފައިވަނީ ޒިންމާދާރުކޮށް ކަމަށް ވިދާޅުވެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، 2020 ވަނަ އަހަރުގެ ކޮވިޑް ދުވަސްވަރު، ސުޕްރީމް ކޯޓުން ނެރުނު އިސްތިޝާރީ ލަފަޔަކަށް ވެސް މުއިއްޒު އިޝާރާތް ކުރެއްވިއެވެ. އެ ލަފާގައި ވަނީ، ގާނޫނުއަސާސީގައި ނުހިމެނޭ މާއްދާތަކުގެ ގާނޫނީ ބުރަދަނާއި ނަތީޖާއާ މެދު އޮޅުންއަރާ، ތަފާތު ގިނަ ގޮތްގޮތަށް މާނަ ކުރުމަށް މަގުފަހިވެގެން ހިނގައިދާނެ ކަންކަމުން އެއްކިބާ ވުމަށެވެ. ރިޔާސީ އިންތިޚާބު 2023ގެ ތެރެއިން: ދެ އިންތިޚާބު އެއްކޮށް ބާއްވަނީ ޚަރަދު ކުޑަ ކުރުމުގެ މަގުސަދުގައި ކަމަށް ސަރުކާރުން ބުނޭ -- ސަން ފޮޓޯ އެހެންނަމަވެސް މަޖިލީހުން ގެނައި އިސްލާހުގައި، މި ހިނގާ މަޖިލީހުގެ އުމުރު ޑިސެންބަރަށް ހަމަވާނެ ކަމަށް ބުނެފައިވާއިރު، އެއީ ގާނޫނުއަސާސީގެ ކޮން މާއްދާއަކަށް ގެންނަ އިސްލާހެއް ކަމެއް ބުނެފައެއް ނެތް ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ. "އެހެންކަމުން މިއެއް ނުފެންނާނެ ގާނޫނު އަސާސީން. އެހެންވީމަ މިއީ އުނި އިސްލާހެއް، މީ ރަނގަޅަކަށް ނޫން މިކަން ކުރެވިފައި އޮތީކީ. އެހެންވީމަ މިއީ ޑިފެކްޓިވް ގާނޫނީ ގޮތުން ސުވާލު އުފެދިދާނެ ފަދަ އިސްލާހެއް ކަމަށް އަޅުގަނޑު ދެކެން،" އޭނާ ވިދާޅުވިއެވެ. މުއިއްޒު ވަނީ، ސުޕްރީމް ކޯޓުން ފާހަގަކުރި ކަންތަތަކަށް ސަމާލުކަން ނުދެވި އޮތް ކަމަށާއި އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ. ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ބިލް ފާސްކުރި ނަމަވެސް، ރައީސް ނިންމަވައިފައިވަނީ، އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ފަހު ބިލު ތަސްދީގު ކުރެއްވުމަށެވެ. އެ ޚިޔާލު ހޯދުމުގެ ވޯޓު އޮތީ އަންނަ ހޮނިހިރު ދުވަހު، ކައުންސިލް އިންތިޚާބާ އެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ