ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ފަހިކޮށްދިނުމަށް ޓަކައި "ފިތުރު ޕޯޓަލް"ގެ ނަމުގައި ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް މޯލްޑިވްސް ޒަކާތު ހައުސް އިން ތައާރަފު ކޮށްފިއެވެ.
ޒަކާތު ހައުސް އިން ބުނީ، މިފަދަ ޕޯޓަލްއެއް ގާއިމްކުރުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއް އުސޫލަކުން އެ ކަން ކުރިއަށް ގެންދިއުން ކަމަށެވެ.
މި ޕޯޓަލް މެދުވެރިކޮށް، ނަގުދު ފައިސާ އިން ބަލައި ގަންނަ ޒަކާތުގެ މުއާމަލާތްތައް ވަގުތުން ބެލުމުގެ ފުރުސަތު ޒަކާތު ހައުސްއަށް ލިބިގެންދާނެއެވެ. އޭގެ ސަބަބުން އޮންލައިން ޕްލެޓްފޯމްތަކާއި ނަގުދު ފައިސާ މެދުވެރިކޮށް ލިބޭ ފިތުރު ޒަކާތުގެ ސައްހަ ޖުމްލަ އަދަދުތައް ކޮންމެ ދުވަހަކު ވެސް ބަލައިލެވޭނެ ކަމަށް ޒަކާތު ހައުސް އިން ބުނެއެވެ.
މީގެ އިތުރުން ވެސް ހުރިހާ މައުލޫމާތެއް އެއް ނިޒާމަކުން ވަގުތުން ބަލައިލުމުގެ ސަބަބުން، އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ގޮތަށް ރަމަޟާން މަސް ނިމޭ ތަނުން ލަސްނުކޮށް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ފިތުރު ޒަކާތް ލިބުން ހައްގުވާ ފަރާތްތަކަށް އަވަސްކަމާއި ހަމަހަމަކަމާ އެކު ޒަކާތް ބެހުމަށް މަގުފަހިވާނެ ކަމަށް ވެސް ވެއެވެ.
ފިތުރު ޕޯޓަލް ތައާރަފު ކުރުމަކީ، މުޅި ރާއްޖޭގައި ޒަކާތުގެ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ލުއި ފަސޭހަ ކަމާއި، ދެފުށް ފެންނަ ގޮތްތަކާއި، ހަރުދަނާ ކަން އިތުރު ކުރުމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޒަކާތު ހައުސް އިން ބުނެއެވެ.
ފިތުރު ޒަކާތް ބަލައިގަތުމަށް 'ފިތުރު ޕޯޓަލް' ތައާރަފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ