ޝިޔާންޓޭ މިލަންދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަނީ

ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) މިލަންދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމަވައިފިއެވެ.
ޝިޔާންޓޭ ޕީޕީއެމާ ގުޅިވަޑައިގަތީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޢިއްޒު ށ. ވެރިރަށް ފުނަދޫގައި 18 ސެޕްޓެމްބަރު 2023ގައި ބޭއްވެވި ކެމްޕޭން ޖަލްސާގައެވެ.
މީސް މީޑިއާ މެދުވެރިކޮށް ޝިޔާންޓޭ މިހާރު ވަނީ އަން މަޖިލިސް އިންތިޚާބުގައި މިލަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން ހާމަކުރައްވައި ޕްރައިމަރީއަށް ކެމްޕޭން ފައްޓަވާފައެވެ.
17 މާރިޗް 2021 ގައި އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޝިޔާންޓޭ ށ. އަތޮޅު ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވީ މި ނިމިގެންދާ ދައުރުގައި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓެއްގައި ވާދަ ކުރައްވައިގެންނެވެ. އެމްޑީޕީގެ ކުރީގެ ރައީސް، މަޖިލިސް ރައީސް މުޙައްމަދު ނަޝީދުގެ ވަރަށް ލޯޔަލް ސަޕޯޓަރެއްގެ ގޮތުގައި ފާހަގަކުރެވުނު ޝިޔާންޓޭ ވަނީ ފަހުން ވަނީ ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓިކްސް އާއި ގުޅިވަޑައިގެންފައެވެ. ޝިޔާންޓޭ ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގެންކަން ޢިއުލާން ކުރެއްވީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ވަރަށް ހިންގުންތެރި އަތޮޅު ރައީސެއްގެ ގޮތުގައި ފާހަގަކުރެވޭ ޝިޔާންޓޭ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ތާއީދު ކުރެއްވީ ދަ ޑިމޮކްރެޓިސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވޭނީ 2024 މާޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅުގައި ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބާއްވާނެ ތާރީޚެއް މިފެށޭ ނޮވެމްބަރު މަހުގެ ތެރޭގައި ކޮމިޝަނުން ޢާންމު ކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް އީސީން ވަނީ ވިދާޅުވެފައެވެ.
މިހާރު މިހިނގާ 19 ވަނަ މަޖިލީހުގެ (2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ) އިންތިޚާބު ބާއްވާފައި ވަނީ ބޭއްވިފައިވަނީ 2019 އޭޕްރިލް 6 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ