ވަރިވާންދިޔަ މީހަކަށް މެސެޖުކުރި ގާޒީ މަގާމުން ވަކިކޮށްފި

ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދިކަމުގެ ތުހުމަތު ކުރެވޭ ހދ. ކުޅުދުއްފުށި ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމް، ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ފަނޑިޔާރު އަލީ އާދަމް މަގާމުން ވަކި ކޮށްފައި ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 46 މެންބަރުންގެ ވޯޓުންނެވެ. އޭނާއަށް ވަކި ކުރަން ނުފެންނަކަމަށް ވޯޓު ދީފައި ވަނީ އެންމެ މެންބަރެކެވެ.
މި މައްސަލަ އެންމެ ފުރަތަމަ މަޖިލީހަށް ފޮނުވީ މިއަހަރުގެ ޖުލައި މަހުގައެވެ. އޭގެ ފަހުން އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު އަނެއްކާވެސް މި މައްސަލަ މަޖިލީހަށް ހުށަހެޅުނެވެ. މި މައްސަލަތައް ހުށަހެޅުނީ ވަކި މައްސަލަތަކެއްގެ ގޮތުގައެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވިދާޅުވީ، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް ހުށަހެޅި ފަރާތަކަށް މެޖިސްޓްރޭޓް އަލީ އާދަމް ގުޅައި މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހެދިކަން، ލިބިފައިވާ ހެކިތަކުންނާއި އޭނާގެ އިއުތިރާފުން ސާބިތުވާކަމާއި، އަދި އޭނާ ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އޭނާ މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުބައި މަގްސަދެއް އޮވެގެންކަން ވެސް ސާބިތުވެފައިވާ ކަމަށެވެ.
މި މައްސަލަތައް ދިރާސާ ކުރުމަށްފަހު، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފައިވަނީ، އެ ދެ މައްސަލައާ ގުޅިގެން މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ ގާނޫނުއަސާސީ އާއި ޖޭއެސްސީގެ ގާނޫނާއި އެފަދަ މައްސަަލަތައް ބެލުމަށް، އެ ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ