ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުދާތީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ މެދު އެ ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން، އެ މައްސަލަ ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިންނަވަން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ދެކޮޅު ހައްދަވައިފިއެވެ.
ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ ނުނިމެނީސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމާއި، ނަޝީދު ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އެހެން މެންބަރަކާ ހަވާލުކުރުމަށް މަޖިލީހުގެ އިދާރާ އަށް އެންގުމަށް އެދި އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުގައެވެ.އެ ކޯޓުން މިދިޔަ ހޯމަ ދުވަހު މައްސަލަ ބަލައިގަތުމަށް ފަހު، މާދަމާ އަށް އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެވެ.ރޭގެ ވަގުތެއްގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އަށް ފޮނުއްވި ސިޓީއެއްގައި، ކޯޓުން ވަކި ގޮތެއް ނުނިންމަނީސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި ނީންނަވާނެކަން ހާމަކުރައްވައި އީވާ ވިދާޅުވީ، ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަތަކާ މެދު ވަކި ގޮތެއް ކޯޓުން ނިންމުމުގެ ކުރިން މަޖިލީހުން ވަކި ގޮތެއް އިހްތިޔާރުކޮށްގެން ކުރިއަށް ދިއުމަކީ މީގެ ކުރިން އަމަލުކުރަމުން ދިޔަ ގޮތެއް ނޫން ކަމަށެވެ.އީވާ ވިދާޅުވީ، ނަޝީދުގެ މައްސަލައިގައި މަޖިލީހުން ވަކި ގޮތެއް އިހްތިޔާރުކޮށްގެން ކުރިއަށް ދިއުމަކީ ސުޕްރީމް ކޯޓަށް އެމްޑީޕީން މިހާރު ހުށަހަޅާފައިވާ މައްސަލަ އަށް ނުފޫޒު ފޯރުވިގެން ދާނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އެއާއެކު ކޯޓަށް ހުށަހެޅި މައްސަލައާ މެދު ވަކި ގޮތެއް ނުނިންމަނީސް މަޖިލީހުން ނަޝީދުގެ މައްސަލަ އެޖެންޑާކޮށްގެން ކުރިއަށް ދާން މަސައްކަތްކުރުމަކީ ކޯޓުގެ ހުރުމަތާއި ގަދަރު ކުޑަކުރުން ކަމުގައި އީވާ ސިފަކުރެއްވިއެވެ.އެހެންކަމުން، ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައާ މެދު ވަކި ގޮތެއް ކޯޓުން ނިންމަންދެން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށް މިއަދަށް ވެސް ޖަލްސާ ތާވަލުކުރުމަށް ފަހު ވަނީ ކެންސަލްކޮށްފައެވެ. މިއަދުގެ ޖަލްސާ ވެސް ކެންސަލްކުރަން ޖެހުނީ އީވާ ޑެންގޫ ހުމުގެ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ވިދާޅުވުމުންނެވެ.
ނަޝީދުގެ މައްސަލަ: ކޯޓުން ގޮތެއް ނުނިންމަނީސް މައްސަލަ ކުރިއަށް ގެންދިއުމަށް އީވާ ދެކޮޅު ހައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ