"ހަވީރު"ގެ މުވައްޒަފުންނަށް ކުރި ހުކުމަކީ ހައްގުތަކުން މަހުރޫމުވާ ހުކުމެއް: އެމްއެމްސީ

ހަވީރު ނޫހާއި ހަވީރު އޮންލައިނުގެ ކުރީގެ މުވައްޒަފުންނަށް އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގަކުން މަހުރޫވުވާ ހުކުމެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ބުނެފި އެވެ. ހަވީރު ނޫހާއި ހަވީރު އޮންލައިނުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާއި ގުޅިގެން އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ހުކުމުގެ ސަބަބުން ގާނޫނު އަސާސީގެ 37ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ "ކޮންމެ ރައްޔިތަކަށްމެ އެމީހަކު އިހުތިޔާރު ކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު"ން އެ މަހުރޫމުވެގެންދާ ކަމަށެވެ. ބަޔާނުގައި ބުނެފައި ވަނީ އެ ހުކުމުގެ ސަބަބުން އެ ނޫހުގެ މުވައްޒަފުން ވަޒީފާއާ ބެހޭ ގާނޫނުން ލިބިދީފައިވާ ރައްކާތެރިކަން ގެއްލިފައިވާ ކަމަށެވެ. "އެ ހުކުމުގެ ސަބަބުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުމުގެ ހައްގު އެ މުވައްޒަފުންނަށް ގެއްލިފައިވާތީ، ރާއްޖޭގެ ގާނޫނު އަސާސީގެ 37ވަނަ މާއްދާގެ (ހ)އިން ލިބިދޭ އަސާސީ ހައްގު ގެއްލި ދިއުމާއެކު ވަޒީފާއާ ބެހޭ ގާނޫނުގެ 3ވަނަ މާއްދާގެ (ހ)އާ ހިލާފަށް މަޖުބޫރުން މަސައްކަތް ކުރުމުގެ ހާލަތު މެދުވެރިވެއްޖެ ކަމަށް މިކައުންސިލުން ދެކެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ. މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ މީޑިއާގެ ދާއިރާގައި މަސައްކަތް ކުރުމުގެ އިލްމާއި ތަޖުރިބާ ލިބިފައިވާ ގިނަ ބަޔަކަށް އެ މަޖުބޫރީ ހާލަތު މެދުވެރިވުމުގެ ސަބަބުން އެ ހާލަތު ދެމިގެންދާ މުއްދަތަށް ރާއްޖޭގެ މިނިވަން މީޑިއާގެ ތަރައްގީ ވަޅުޖެހެމުން ހިނގައިދާނެ ކަމުގެ ބިރާއި ކުރިމަތިވެފައިވާ ކަމަށެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މީޑިއާގެ މިނިވަންކަން ރާއްޖޭގައި ދެމެހެއްޓުމާއި އެ މިނިވަންކަމަށް އުނިކަން އަންނަ ކަންކަން ބަލައި ފިޔަވަޅު އެޅުމަކީ އެމްއެމްސީގެ ގާނޫނުން އެ ކައުންސިލަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގެ ސަބަބުން އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް ހުރަސް އެޅިފައިވާ ކަމަށެވެ. ހަވީރު ހުއްޓާލަން ސިވިލް ކޯޓުން އަމުރު ކުރި އިރު ހަވީރުގައި މަސައްކަތް ކުރި އެއްވެސް މުވައްޒަފަކަށް އެހެން އެއްވެސް މީޑިއާ އައުޓްލެޓެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށާއި ކުރާ ނަމަ ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީ އަށް ލާޒިމްކޮށް ހުކުމް ކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ހުކުމް ހަވީރުގެ ކުރީގެ 33 މުވައްޒަފަކު ވަނީ ހައި ކޯޓާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ