ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވޯޓުލުން ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލަ ކޮމިޝަންގެ ފަރާތުން އަނބުރާ ގެންގޮސްފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް އީސީން އެންމެ ފުރަތަމަ ނިންމާފައި ވަނީ އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ނަމަވެސް މިހާރު މުޅީދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ނުރައްކަލުގެ ސަބަބުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އިންތިހާބުގެ ވޯޓުލުން ވަނީ އެޕްރީލް މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
ނަމަވެސް ކޮރޯނާ ވައިރަސްގެ ނުރައްކަލުގެ ސަބަބުން އެއްވުންތައް ބޭއްވުން މަނާކުރުމާއި ގުޅިގެން ސިޔާސީ ޕާޓީތަކަށާއި އަދި ކެންޑިޑޭޓުން ވަނީ ކެމްޕެއިން ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައެވެ. އަދި އީސީން ވެސް ބުނެފައި ވަނީ އިންތިހާބުގެ ވޯޓުލުން ފަސްކުރުމުން ގާނޫނުގައި ކެންޑިޑޭޓުންނަށް ލިބިދޭން ޖެހޭ ހައްގުތައް ގެއްލިގެންދާކަން ކޮމިޝަނަށް ވެސް ގަބޫލު ކުރެވޭތީ ކޮރޯނާ ވައިރަސްގެ ނުރައްކަލުން ސަލާމަތްވަންދެން މުއްދަތެއް ނެތްގޮތަށް އިންތިހާބުގެ ވޯޓުލުން ފަސްކުރުމަށް އެދި ކޮމިޝަންގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅީ ކަމަށެވެ.
ނަމަވެސް އިންތިހާބާއި ގުޅޭ ގޮތުން އީސީން ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގާފައިވާއިރު އެކަމާއި ބެހޭ ގޮތުން ”ސަންގު“ އަށް މައުލޫމާތު ދެއްވަމުން އީސީގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ އިންތިހާބުގެ ވޯޓުލުން ފަސްކުރުމުން ދުސްތޫރީ ގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމަށާއި އެހެން ކަމުން އިންތިހާބު ފަސްކުރުމަކީ ދުސްތޫރީ މައްސަލައެއް ކަމަށްވާތީ އިންތިހާބާ ގުޅޭ މައްސަލަ ހައިކޯޓުން ނެގުމަށް ފަހު މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އަކްރަމް ވިދާޅުވީ އިންތިހާބު ފަސްކުރުމުން އަންނަ ގާނޫނީ ހުސްކަމަށް ހައްލެއް ހޯދަދެވޭނީ ސުޕްރީމް ކޯޓަށް ކަމަށާއި އެހެން ކަމުން ހައިކޯޓަށް މައްސަލަ ހުށަހެޅީ ދުވަހު އެ މައްސަލަ ހައިކޯޓުން އަނބުރާ ނަގާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަން އަކްރަމް ފާހަގަ ކުރެއްވިއެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިދިޔަ އާދިއްތަ ދުވަހު މައްސަލަ ހުށަހެޅުއްވުމަށްފަހު ވިދާޅުވި ގޮތުގައި ކޮވިޑް19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު އިންތިހާބު ބޭއްވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ހައިކޯޓުގައި އެދިފައިވާނީ ކޮވިޑް19އާ ގުޅިގެން ގައުމު އޮތް ހާލަތު ރަނގަޅުވެ، އާންމު ހާލަތަކަށް ރުޖޫއަވެއްޖެކަން ސަރުކާރުން ހާމަކުރުމުން އިންތިހާބު ބޭއްވުމުގެ އަމުރެއް ނެރެދިނުމަށެވެ. އަދި އޭގެ ފަހުން އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ދިނުމެވެ.
ޝަރީފް ވިދާޅުވީ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އެދެން ޖެހުނު ސަބަބަކީ ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ ހާލަތު ވެސް އަދި ދުނިޔޭގެ ހާލަތު ވެސް އަންދާޒާ ކުރަން ނޭނގޭ ގޮތަށް ބަދަލުވަމުންދާތީ ކަމަށެވެ. އަދި މީހުން އެއްވެ ނޫޅުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ވެސް އަންގާފައިވާތީ ކަމަށެވެ. އަންނަ މަހުގެ 18 ވަނަ ދުވަހު އިންތިހާބު ބާއްވާނަމަވެސް ކުއްލި ހާލަތުގެ މި މުއްދަތުގެ ތެރޭގައި މީހުން އެއްވެ، ގިނަ ކަންތައްތަކެއް އިލެކްޝަން ކޮމިޝަނުން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
އީސީން ހައިކޯޓަށް ހުށަހެޅި އިންތިހާބުގެ މައްސަލަ އަނބުރާ ނަގައި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ