މޯލްޑިވްސް ބާ ކައުންސިލުން ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިތުރުން އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ކަށަވަރުކޮށްދޭންޖެހޭ އަސާސީ ހައްގުތައް ހަނިވަމުންދާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ބާ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފަހަކަށް އައިސް ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކަށް ބަލާއިރު، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިތުރުން، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގާއި ހުޅުވާލެވިފައިވާ އަދުލު އިންސާފުގެ ނިޒާމަކަށް ހުރަސްއެޅޭ ފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
މިގޮތުން ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތްތަކާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ ނޫސްވެރިން ޖަލަށްލުމާއި، ހިނގަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން އާންމުކޮށް ވާހަކަ ދެއްކުން ހަނިކުރުމާއި، ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށް ބާ ކައުންސިލުން ފާހަގަކޮށްފައިވެ އެވެ.
ދައުލަތުގެ ބާރުތައް ބޭނުންކުރަންވާނީ ގާނޫނުއަސާސީ އާއި އިންސާފުވެރި ޝަރީއަތެއްގެ އުސޫލުތަކާއި، ރާއްޖޭގެ ގާނޫނުތަކުން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އެ ކައުންސިލުން ހަނދާންކޮށްދީފައިވެ އެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރެޓިކް މުޖުތަމައެއްގެ ބިންގާ ކަމަށްވާއިރު، އެ ހައްގުތައް ހަނިކުރެވޭނީ ގާނޫނީ އިމުގެ ތެރެއިން، ކޮންމެހެން ބޭނުންތެރި ހާލަތްތަކުގައި، އަދި އެކަށީގެންވާ މިންވަރަކަށް ކަމަށް ބާ ކައުންސިލުން ބުނެ އެވެ.
ވަކިން ހާއްސަކޮށް، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ފިޔަވަޅު އެޅުނު ނޫސްވެރިންނަށް، އަޑުއެހުންތަކުގެ ކުރިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެކަށީގެންވާ ފުރުސަތު ދީފައިނުވާ ކަމަށް ބުނާ ރިޕޯޓުތަކާ މެދު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން، ގާނޫނީ ދާއިރާގެ ބޭފުޅުންނާއި، ކުރީގެ ފަނޑިޔާރުންނާއި، މަދަނީ ޖަމިއްޔާތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ބާ ކައުންސިލުން ވަނީ ތާއީދުކޮށްފައެވެ. މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށާއި، ހުޅުވާލެވިފައިވާ އަދުލު އިންސާފުގެ ނިޒާމަށް ބުރޫއަރައި، ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމަށް އެ ކައުންސިލުން ދެކެ އެވެ.
މި މައްސަލަތަކާ ގުޅިގެން ބާ ކައުންސިލުން ވަނީ އެޓާނީ ޖެނެރަލްއަށާއި، ޕްރޮސިކިއުޓާ ޖެނެރަލްއަށާއި، ކްރިމިނަލް ކޯޓަށް ރަސްމީ ސިޓީ ފޮނުވާފަ އެވެ. އެ ސިޓީތަކުގައި، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކަށް އިހުތިރާމްކުރުމަށާއި، ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ވަނީ ގޮވާލާފަ އެވެ.
ގާނޫނީ އެހީތެރިކަން ބޭނުންވާ ނޫސްވެރިންނާއި ގާނޫނީ ވަކީލުންނަށް ބާ ކައުންސިލްގެ ޕްރޯ ބޯނޯ ކްލިއަރިން ހައުސް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ވަނީ ނިންމާފަ އެވެ.
ބާ ކައުންސިލުން ވަނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަކީ ގާނޫނުއަސާސީ އާއި، އިންސާފުވެރި ޝަރީއަތެއްގެ އުސޫލުތަކާއި، ގާނޫނީ ދައުލަތެއްގެ ސިފަތަކާ އެއްގޮތަށް ކުރާ މަސައްކަތްތަކެއްކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ނޫސްވެރިކަމުގެ ހައްގު ގެއްލޭތީ ބާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިންނަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ