މާލޭގެ އެކި ހިސާބުތަކުން މިރޭވެސް ކަރަންޓު ކަނޑަނީ

ސްޓެލްކޯގެ ކޭބަލަކަށް މައްސަލަ ޖެހި، މާލޭގެ އެކި ހިސާބުތަކުން މިރޭ 12 ޖަހަން ދެން ކަރަންޓު ކަނޑަން ޖެހޭނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
މާލެއަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ 11،000 ވޯލްޓުގެ މައި ކޭބަލަކަށް މައްސަލަ ޖެހުމާއެކު މިއަދު މާލޭގެ ވަރަށް ގިނަ ހިސާބުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. ސްޓެލްކޯއިން ބުނެފައިވަނީ މިމައްސަލަ ހައްލުކުރުމަށް އިންޖިނިއަރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަވަސް ހައްލެއް ހޯދުމަށް އެކި ހިސާބުތަކުން ކަރަންޓު ކަނޑަން މަޖުބޫރު ވެފައިވާ ކަމަށެވެ.
މިމައްސަލަ ދިމާ ވެފައިވަނީ ބޮޑުތަކުރުފާނު މަގު ކޮންނަމުން ދަނިކޮށް މައި ކޭބަލަކަށް ގެއްލުން ލިބުމުގެ ސަބަބުންނެވެ. ދާދި ފަހުން އައްޑޫ ސިޓީގެ ހިތަދޫ މަގެއް ކޮންނަމުން ދަނިކޮށް ކޭބަލަކަށް މައްސަލަ ދިމާވެ ގުޅިފައިވާ ފަސް ރަށުން އެއްކޮށް ކަރަންޓު ކެނޑިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ