ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، އެމަނިކުފާނު އަރިހުގައި އަބަދުވެސް މީހަކު ބަހައްޓަން ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށް މައުމޫންގެ ވަކީލް މުހައްމަދު ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ މައުމޫންގެ ސިއްހީ ހާލުކޮޅު ވަނީ ކަންބޮޑުވާ މިންވަރަށް ދަށަށް ގޮސްފައި ކަމަށެވެ. ޖަލުގައި ހުންނަވަނިކޮށް، އިއްޔެ ކުރިމަތިވި ކަމަކާ ގުޅިގެން، މާލެ އިން ކަރުންމަތީގެ ޚާއްސަ ޑޮކްޓަރަކު ގެންގޮސްގެން މައުމޫން ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މައުމޫންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން، އެއްވެސް ވަރަކަށް އެމަނިކުފާނުގެ ބޯގުޑުވައި ނުހެދުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ކޮންމެ ފަދަ ވަގުތެއްގައި ވެސް ރައީސް މައުމޫން ވެއްޓިވަޑައިގަތުމުގެ ފުރުސަތު އޮތް ކަަމަށް ޑޮކްޓަރު ވިދާޅުވީ. އެހެންވީމަ އެމަނިކުފާނުގެ އެންމެ ޒަރޫރީ ބޭނުންތައް ވެސް އަމިއްލަފުޅަށް ކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގެންފައި އެ ވަނީ،" ފައިސަލް ވިދާޅުވި އެވެ.
iyye in feshigen @maumoonagayoom ge sihhee haalathu vanee kanboduvaa minvarah dhashah gossaiyye kurimathi vi kankamaa gulhigen vetti vadaigathumuge furusathu bodu kamashaai adhi arihuga abadhuves meehaku hurumah ENT specialist vidhaalhuviRaees vaguthun geyah badhalu kuran jehey— faisal_cappi (@cappi5) May 3, 2018
ފައިސަލް ވިދާޅުވި ގޮތުގައި މައުމޫނަށް މިވަގުތު އާއިލާގެ އެހީތެރިކަން މުހިއްމު ވާތީ، ވީހާ ވެސް އަވަހަކަށް ގެއަށް ބަދަލުކޮށްދިނުމަށް ކަމާ ގުޅޭ މުއައްސަސާތަކުގައި ތަކުރާރުކޮށް އަންނަނީ އެދެމުންނެވެ. މައުމޫންގެ ހާލުކޮޅު ހުރި ގޮތުން އާއިލާއާ ދުރުގައި އެމަނިކުފާނު މި ވަގުތު ބެހެއްޓުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މައުމޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލް ކުރުމަށް ފަހު ވަނީ ކެންސަލް ކޮށްފަ އެވެ.
ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، މައުމޫން ހައްޔަރުކުރީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. މި ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު އެ މަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ޖަލުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.
ޓެރަރިޒަމްގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން މައުމޫންގެ މައްޗަށް ކުރެ އެވެ.
މައުމޫން އަރިހުގައި އަބަދުވެސް މީހަކު ބަހައްޓަން ޑޮކްޓަރު ވަނީ ލަފާ ދީފައި: ވަކީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ