ގާސިމް އެންމެ ރަނގަޅުވާނީ ވިޔަފާރި ކުރަން: މިނިސްޓަރ ސައީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރަނގަޅުވާނީ ވިޔަފާރި ކުރައްވަން އުޅުންވުންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ ކޯލިޝަންގެ ތެރޭގައި، ޖުމްހޫރީ ޕާޓީ އޮތް އިރު ޖުމްހޫރީ ޕާޓީއަށް ލިބުނު ސްލޮޓެއްގައި މިނިސްޓަރުކަމަށް ވަޑައިގެންނެވި މުހައްމަދު ސައީދު މިހެން ވިދާޅުވީ ހުޅުމާލޭގައި ޗައިނާއިން އެޅި 1500 ހައުސިން ޔުނިޓް ސަރުކާރާއި ހަވާލުކުރުމަށް މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސިޔާސީ ދާއިރާގައި ރާއްޖޭގައި ނުފޫޒުގަދަ އެއް ލީޑަރު ޤާސިމްއަށް އަމާޒުކުރައްވާ "ގާސިމް ރަނގަޅުވާނީ ވިޔަފާރީގައި އުޅުއްވަންކަމަށް" ސައީދު ވިދާޅުވިއިރު ސަރުކާރު ކޯލިޝަނުން ޖުމްހޫރީ ޕާޓީ ވަކިވުމުން ސައީދުވަނީ ޖުމްހޫރީ ޕާޓީ ދޫކުރައްވާ ޕީޕީއެމްއަށް ސޮއިކުރައްވާ ސަރުކާރުގައި ދެމިހުންނެވުމަށް ނިންމަވާފައެވެ.
ގާސިމްގެ ސަން އައިލެންޑް ރިސޯޓްގެ މެނޭޖަރަކަށް ހުންނަވާ ޖުމްހޫރީ ޕާޓީގެ ރެތެއިން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވި ސައީދު ގާސިމްއަށް އަމާޒުކުރައްވާ މިފަދަ ވާހަކަފުޅެއް ވިދާޅުވިއިރު ގާސިމް މިހާރު ހުންނެވީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްގައެވެ. އަދި ގާސިމް މިވަގުތު ހުންނެވީ ޖަރުމަނު ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން ބޭސްފަރުވާއަށް ޖަރުމަނަށް ވަޑައިގެނެންވެ.
ގާސިމްގެ އިތުރުން މިނިސްޓަރު ސައީދުވަނީ ރައީސް މުހައްމަދު ނަޝީދަށާއި ރައީސް މައުމޫނު އަބްދުލްޤައްޔޫމަށްވެސް ފާޑު ވިދާޅުވެފައެވެ.
ސައީދު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ރައްޔިތުންނާއި މެދު ކަންކުރިގޮތުން ދިވެހި ރައްޔިތުން ދެން ރައީސް ނަޝީދަށް ދުވަހަކުވެސް މައާފް ނުކުރައްވާނެ ކަމުގައެވެ. އަދި ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަން ނިމިގެން ދިޔައިރު ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ހޯދައި ދެވިފައި ނުވާކަމަށް ވިދާޅުވެ ސައީދުވަނީ ރައީސް މައުމޫނަށްވެސް ފާޑު ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ