ވަޒީފާގެ މައްސަލަތައް ބަލައިގަންނަން ނުފެށެނީ އިދާރީ މަސައްކަތްތައް ނުނިމިގެން: ޓްރައިބިއުނަލް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އުފެދުނު ފަހުން ދެ މަހަށް ވުރެ ގިނަ ދުވަސްވީއިރު ވެސް މައްސަލަތައް ބަލައިނުގަނެވެނީ އިދާރީ ގޮތުން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެހިފައި ނުވާތީ ކަމަށް އެ ޓްރައިބިއުނަލް އިން ބުނެފި އެވެ.
"މިހާރު ސްޓާފުން ހޯދުމަށް އިންޓަވިއުކުރެވިއްޖެ. ސޯޅަ މީހަކަށް ވަޒީފާ ދެވޭނެ. އެކަށީގެންވާ ޖާގަ އޮތް އިމާރާތެއް ބޭނުންވަނީ. މިއީ ކޯޓަކަށް ވީމާ މައްސަލަ އަޑުއަހަން އާންމުންނަށް ވަދެވޭނެ ޖާގަ އޮންނަންޖެހޭ. މިއަދުވެސް އަޅުގަނޑުމެން ނިކުމެ މި އުޅެނީ އިމާރާތެއް ހޯދަން،" ނާޒިމާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވަގުތީ ގޮތުން މިހާރު ޓްރައިބިއުނަލް ހިންގަނީ ސްޓެލްކޯ އިމާރާތުގެ 5 ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި އޮފީހަށް ބޭނުންވާ ގޮނޑި މޭޒުގެ އިތުރުން ކޮމްޕިއުޓަރު ފަދަ ތަކެތި ހޯދޭނީ ވެސް ރަނގަޅު އިމާރާތެއް ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފިނޭންސުން ފުރަތަމަ ދެއްވީ ތިން މަސްދުވަހުގެ ބަޖެޓް. މިހާރު އަނެއްކާ ވެސް ބަޖެޓްގެ ވާހަކަ ދައްކަމުން މިދަނީ. ސަރުކާރުން އެއްބާރުލުން ލިބޭ،" ނާޒިމާ ވިދާޅުވި އެވެ.
މިއަދާ ހަމަ އަށް ވެސް ޓްރައިބިއުނަލްގެ މަސައްކަތް ހިނގާނެ ގޮތާއި މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ހިމެނޭ ގަވައިދު އާންމުކޮށްފައި ނުވަނީ ކީއްވެތޯ ދެންނެވުމުން ނާޒިމާ ވިދާޅުވީ ޓްރައިބިއުނަލްގެ ރަސްމީ ވެބްސައިޓް ނެތުމުން އެކަން ކުރެވިފައި ނުވަނީ ކަމަށާއި އިންފޮމޭޝަން ޑިޕާޓްމަންޓްގެ ވެބްސައިޓްގައި ޝާއިއުކުރާ ކަހަލަ ވިސްނުމެއް ގެންގުޅުއްވާ ކަމަށެވެ.
ޓްރައިބިއުނަލްގެ ވަގުތީ އޮފީސް ހަދާފައިވާ ސްޓެލްކޯ އިމާރާތަށް ހަވީރުގެ ނޫސްވެރިން ބުރާސްފަތި ދުވަހުގެ މެންދުރު ދިޔައިރު އެ އިމާރާތުގެ ބޭރުން ޓްރައިބިއުނަލްގެ ނަން ބޯޑެއް ފެންނާކަށް ނެތެވެ. ނަމަވެސް އެ އިމާރާތުގެ ފަސް ވަނަ ފަންގިފިލާގައި، ތަޅުލާފައި ހުރި އޮފީހެއްގެ ބޭރު ބިތުގައި "ޓްރައިބިއުނަލް" ޖަހާފައި ހުރި ކަރުދާސްގަނޑެއް ތަތްކޮށްފައި ހުއްޓެވެ. ޓްރައިބިއުނަލްގެ ވަގުތީ އޮފީސް ހިންގާ އެ ތަނުގައި ގޮނޑިތަކަކާޢި މޭޒުތަކެއް ވަކި ހަމައެއް ނެތި ބަހައްޓާފައި ހުއްޓެވެ.
ޓްރައިބިއުނަލްގެ ރައީސާ މަރިޔަމް ނާޒިމާ ބުރާސްފަތި ވިދާޅުވީ، 2008 ޑިސެމްބަރު 29 ގައި އުފެއްދި ޓްރައިބިއުނަލަށް މައްސަލަތައް ބަލައިގަންނަން ފެށިފައި ނުވިޔަސް، ވަޒީފާގެ މައްސަލަތައް ހުށަހެޅުމަށް ކޮންމެ ދުވަހަކު ވެސް މީހުން ފޯނުކުރާ ކަމަށެވެ. ހަތް މެންބަރުން ހިމެނޭ އެ ޓްރައިބިއުނަލްގައި މިހާރު ތިއްބެވީ ހަ މެންބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ